އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީ ބައްދަލުކުރާ މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖޫން މަހުގެ ފަހުކޮޅު ކުޅެން ތާވަލުކޮށްފައިވާކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މީގެކުރިން ޕްލޭއޮފް މެޗު މާލޭގައި މި މަހުގެ 11 ވަނަ ދުވަހު ކުޅެން ވަނީ ތާވަލުކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުޅެން ތާވަލުކޮށްފައިވާއިރު ރާއްޖެއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓުކުރުމަށްކުރި ބިޑު ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާ އާއި ވާދަކޮށެވެ.

އެހެންނަމަވެސް އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން މާލެއައި ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. އެގޮތުން މެޗު ކުޅުމަށް ރާއްޖެ އަންނަ އެއްވެސް ޓީމަކަށް މެޗު ކުޅުމަށް ނުވަތަ ފަރިތަކުރުންތަކަށް ދިއުމަށް ނޫނީ ކޭމްޕް ކޮށްފައިވާ ހޮޓަލުން ނުކުތުމުގެ ހުއްދައެއް ނޯވެއެވެ. އެހެންނަމަވަސް ރާއްޖޭގައި ބެންގަލޫރު ޓީމުން ހޭދަކުރި ދުވަސްވަރުގައި އެޓީމު ބައެއް ކުޅުންތެރިން މާލޭގެ މަގުމަތީގައި އުޅުނު މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

އެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ނުބޭއްވޭނެކަން އެންގުމާއެކު، އޭއެފްސީން ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މެޗުތައް ހޯސްޓުކުރުމަށް އަލުން ބިޑަށް ހުށަހަޅާނެއެވެ. އަދި ބިޑަށް ހުށަހަޅައިފިނަމަ އިންޑިއާ އާއި ބަންގްލަދޭޝް އިން އަންނަނީ ބިޑު ކުރުމަށް ތައްޔާރުވަމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިކަމަށް ވަކި ގޮތެއް އަދި އޭއެފްސީން ނުނިންމައެވެ.

ބެންގަލޫރު ޓީމުން ޕްރޮޓޮކޯލް އާއި ހިލާފުވި މައްސަލަ އެފްއޭއެމްގެ ފަރާތުން އޭއެފްސީއަށް ހުށަހަޅާފައިވާއިރު ބިޑް ކާމިޔާބުކުރުމަށްފަހު މުބާރާތް ރާއްޖޭގައި ނުބޭއްވޭނެކަން އެންގުމާއި ގުޅިގެން ރާއްޖެއަށް އަދަބެއް އައުން ގާތްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަދަ ކަންކަމަށް މާޒީގައި ދީފައިވާ އަދަބުތަކަށް ބަލާއިރު ޖޫރިމަނާއެއް އައުން ނުވަތަ ވަކި މުއްދަތަކަށް ރާއްޖެއަށް އޭއެފްސީގެ މެޗުތަށް ހޯސްޓު ކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމުން ހިމެނޭކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

މެޗުތަކުގެ ޝެޑިއުލް ކަމަށްބުނެ ބޭރުގެ ބައެއް މީޑިއާ ތަކުގައި ދައުރުކުރާ ޝެޑިއުލް- ފޮޓޯ:- ޓްރާންސްފާމާކެޓް

އައު ޝެޑިއުލް ކަމަށްބުނެ ބޭރުގެ ބައެއް މީޑިއާތަކުން ފޮޓޯއެއް ދައުރުކުރަމުންދާއިރު މި ޝެޑިއުލްގައި ވާގޮތުން ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ.