ޖަރުމަނާއިއެކު ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ 2014 ވަނަ އަހަރު އުފުލާލި ތަޖުރިބާކާރު މިޑްފީލްޑަރު ސާމީ ކެޑީރާ ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް މިހާރު ހާތާ ބާލިންއަށް ކުޅެމުން އަންނަ ކެޑީރާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޓީމުން މި ސީޒަނުގެ ބުންޑަސްލީގާ ގައި ކުޅޭ އެންމެފަހުމެޗު ކަމަށްވާ ހޮނިހިރު ދުވަހު ހާތާ ބާލިން އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު ފުޓުބޯޅަކުޅުން ހުއްޓާލައިން ނިންމާފައިވާ ކަމަށެވެ.

އަދި ކެރިއަރުގައި ފުޓުބޯޅައިގެ އެންމެ ބޮޑެތި ކުލަބުތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދިފައިވުން މިއީ ފަހުރުވެރިވާ ކަމެއް ކަމަށާއި ޖަރުމަނު ޓީމާއެކު ވޯލްޑް ކަޕް ޓްރޮފީ އުފުލާލުމުގެ ޝަރަފުވެސް ހާސިލްކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން މިފަދަ ބޮޑު ނިންމުމެއް ނިންމުން މިއީ ފަސޭހަކަމެއް ނޫން ނަމަވެސް މިއީ ވަދާއީ ސަލާމްކުރަންވީ ވަގުތުކަމަށްވެސް ކެޑީރާ ވަނީ ބުނެފައެވެ.

ޖަރުމަނުގެ ސްޓަޓްގާޑުން 2006 ވަނަ އަހަރު ސީނިއާ ކެރިއަރުފެށި ކެޑީރާ ވަނީ ޔޫރަޕު ފުޓުބޯޅައިގެ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު އަދި ސްޕެއިންގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއެކު ފަސް އަހަރު އޭނާ ހޭދަކޮށްފައިވާއިރު އެޓީމަށްފަހު އިޓަލީގެ ޔުވެންޓަސް އާއިއެކުވެސް ވަނީ ފަސް އަހަރު ހޭދަކޮށްފައެވެ. މިހާރުގެ ކްލަބް ހާތާ ބާލިން އަށް ކެޑީރާ ބަދަލުވެފައިވަނީ މި އަހަރުއެވެ.

15 އަހަރުގެ ދިގު އަދި ކާމިޔާބު ކެރިއަރަކަށްފަހު ކެޑީރާ ފުޓުބޯޅަކުޅުން ހުށްޓާލަން ނިންމާފައިވާއިރު އޭނާ ވަނީ ފުޓުބޯޅައިގަ ކުލަބުތަކަށް ހޯދޭނެ ގާތްގަނޑަކަށް ހުރިހާ ކާމިޔާބީއެއް އޭނާ ކުޅުނު ކުލަބުތަކާއިއެކު ހޯދާފައެވެ. އެގޮތުން 2006/2007 ވަނަ އަހަރު ހާތާ ބާލިން އާއިއެކު ބުންޑެސްލީގާގެ ޓްރޮފީ ކެޑީރާ އުފުލާލާފައިވާއިރު ރެއާލް މެޑްރިޑާއެކު އޭނާ ވަނީ ކޮޕާ ޑެލްރޭ އާއި ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޓްރޮފީވެސް އުފުލާލާފައެވެ. އަދި އޭގެފަހުން ޔުވެންޓަސް އާއިއެކު ހޭދަކުރި ފަސްއަހަރުގެ ތެރޭގައި ކެޑީރާ ވަނީ ފަސް ސީޒަނުގެ އިޓާލިއަން ލީގު ޓައިޓަލް އެޓީމާއެކު ހޯދާފައެވެ.

ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ މިޑްފީލްޑަރުންގެ ލިސްޓުގައި ހިމެނޭނެ ކެޑީރާއަށް އެންމެ ހާއްސަ ކާމިޔާބީއަކީ 2014 ވަނަ އަހަރު ޖަރުމަނު ޓީމާއެކު ފީފާ ވޯލްޑް ކަޕުގެ ޓްރޮފީ އުފުލާލުމެވެ. މީގެއިތުރުން އޭނާ ވަނީ ސީނިއަރ ކެރިއަރުގައި ޖުމްލަ 48 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޖަރުމަނުގެ ގައުމީ ޓީމަށް ކެޑީރާ ވަނީ 77 މެޗު ކުޅެދީފައެވެ.