ފައިނަލުގައި އެޓަލާންޓާ ބަލިކޮށް ޔުވެންޓަސް އިން ހަތް އަހަރު ތެރޭ ފަސްވަނަ ފަހަރަށް ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފިއެވެ.

މަޕެއި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސް އިން މި ސީޒަނުގެ ކޮޕާ އިޓާލިއާ ކާމިޔާބުކުރީ ދެއަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. އެގޮތުން 2018/2019 ވަނަ ސީޒަނުގައި ލާޒިއޯ އިން މި މުބާރާތް ކާމިޔާބުކުރިއިރު ޖެހިގެން އައި ސީޒަނުގެ މުބާރާތް ކާމިޔާބުކުރީ ނާޕޯލީ އެވެ. އޭގެ ކުރިން އައި ހަތަރު އަހަރުވެސް މި މުބާރާތް ކާމިޔާބުކުރީ ޔުވެންޓަސް އިންނެވެ.

މިއީ ކެރިއަރުގައި ރޮނާލްޑޯ ހޯދި 34 ވަނަ ޓައިޓަލް- ފޮޓޯ:- ގެޓީ އިމޭޖަސް

ފައިނަލް މެޗުގެ ކުރީކޮޅު މޮޅަށް ކުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައިވަނީ އެޓަލާންޓާއިންނެވެ. އެހެންނަމަވެސް ޔުވެންޓަސް އިން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތައް މަދު ނަމަވެސް އެޓީމުގެ ހަމަލާތައް ފެނިގެންދިޔައީ އެޓަލާންޓާއަށްވުރެ ނުރައްކާތެރިކޮށެވެ.

ޔުވެންޓަސް އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑުނެގީ 31 ވަނަ މިނެޓުގައެވެ. މިކްކެނީގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުލުސެވްސްކީ އެވެ.

އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން އެޓަލާންޓާއިންވަނިީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެލިނޮވްސްކީ އެވެ. މެޗުގައި ޔުވެންޓަސް އަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުން އެޓީމު މޮޅު ކޮށްދިނީ ކިއޭސާ އެވެ. މިއީ ކުލުސެވްސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން ކިއޭސާ ޖެހި ލަނޑެކެވެ.

ފައިނަލް މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

4300 ސަޕޯޓަރުންގެ ކުރިމަތީގައި ޔުވެންޓަސް އިން ފައިނަލް މެޗު ކާމިޔާބުކުރިއިރު މިއީ އެޓީމުން ކޮޕާ އިޓާލިއާ ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކުރީ ސެމީ ފައިނަލުގައި މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަން ކަން ހޯދާފައިވާ އިންޓާ މިލާން ބަލިކުރުމަށްފަހު އެވެ. އެޓަލާންޓާ އަށް ފައިނަލުން ޖާގައެއް ލިބުނީ ސެމީ ފައިނަލުން ނާޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.