އިސްރާއީލުގެ ރަހުމްކުޑަ ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކައަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ އަޅުގަނޑުމެނަށް ކެނޑިނޭޅި އިވެމުންދާ ވާހަކަތަކެކެވެ.

އެނުބައި އަނިޔާވެރިންގެ ވަކިތަކުން ކުށެއްނެތް މައުސޫމް އެތައް މުސްލިމެއްގެ ލޭ ބިމަށް އޮހޮރުވާނުލާ އެންމެ ދުވަހެއްވެސް މި ދުނިޔެއާ ބައްދަލު ނުކުރާކަމީ ހިތާމަޔާއެކު ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. އަޅުގަނޑުމެންގެ މުސްލިމް އެތައް އަޚުންނާއި އުޚުތެއް އަމިއްލަ ގެއިން، އަމިއްލަ ރަށުން، އަމިއްލަ ފަސްގަނޑުން ނެރެ ބިކަ ކޮށްލަނީ އެއީ އިންސާނުން ކަންވެސް ނުދަނެ ތިބެއެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް އަދި ކުޅެދޭ މީހެއް ނުކުޅެދޭ މީހެއް ބެލުމެއް ނެތިއެވެ.

"ލޭގެ ތިކިތައް ބިންމަތީ. ދޭ އެ އަނިޔާ ލޯމަތީ. ރޭދުވާ ބެލުމެއް ނެތި. ހޭ އަރާ ވިސްނާށެ ވީ. މަންމަ ބަނދެފާ ލޯމަތީ. ދައްކަމުން މަންޒަރު އެކީ. ތުއްތު ދަރި އެ މަރާލަނީ ކޮންކުށެއް ތޯއޭ އޮތީ؟"

އިސްރާއިލުގެ ހަމަލާތަކުގެ ސަބަބުން ބިކަ ވެފައިވާ އާއިލާއެއް

ކުށެއް އޮވެގެނެއް ނޫނެވެ. ހަމަ އެންމެ މަގްސަދެއްގައެވެ. ނަސްލެއް ނެތިކޮށްލުމުގެ ބޭނުމުގައެވެ. ކަނޑިބަޑިން ފެށި ހަނގުރާމަ، ބޮމާއި މިސައިލަށް ބަދަލުކޮށްލީ ބިމުގެ ހައްގުވެރިންގެ އަތުން އެއްވެސް ހައްގަކާއިނުލާ އެބިން ފޭރިގަތުމުގެ ނުބައި ރޭވުމެއްގެ ދަށުންނެވެ.

1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް މަރަމުން އެދަނީ ގަދަބާރުން ގައުމެއް ދުނިޔޭގެ ޗާޓުން ފޮހެލުމުގެ އަޒުމުގައެވެ. ހިތާމައަކީ އިސްލާމީ ގައުމުތަކުގެ ބައެއް ވެރިންވެސް މިކަމަށް ކަނު ލޮލަކާއި، ބީރު ކަންފަތެއްދޭ ކަމެވެ. މިވަގުތީ ދުނިޔޭގެ ލައްޒަތާއި އިއްޒަތުގެ ފޮނި މީރުކަން ލިބިގަތުމުގެ ބޭނުމުގައެވެ.

ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް ދަރިއެއް އުފަންކުރާނީ އެ ދަރިއަކާއިމެދު ފޮނި އުންމީދުތަކަކާއި، އުފާވެރި ހުވަފެންތަކެއް ދެކެމުންނެވެ. ކާމިޔާބާއި ފާގަތިކަން އެދަރިންގެ ދިރިއުޅުމުގައި ތާއަބަދަށް ލެއްވުމަށް އެދި ދުއާ ކުރަމުންނެވެ. ފުރަތަމަ ނޭވާއިން ފެށިގެން ދަރިން ބަލާ ބޮޑެތި ކުރަނީ އެކުދިންނަށް ޒައްރެއްގެ މިންވަރުވެސް އުނިވިޔަ ނުދީ ލޮލުގެ ކޮއެ ފަދައިންނެވެ.

އެހެންނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެ އުފަލެއް ނެތެވެ. ދަރިފުޅު އުފަންވާއިރު އެމީހުންގެ ހަމައެކަނި ވިސްނުމަކީ އިސްރާއިލުގެ އަނިޔާވެރިކަމުގެ ވަކިތަކުން އެކުއްޖާ މަރުނުވެ ސަލާމަތް ކުރާނެ ގޮތަކާއި މެދުއެވެ.

73 އަހަރު މި އަނިޔާވެރި ކަމުގައި ފަލަސްތީނުގެ އެތައް އާއިލާތަކެއް ނެތިދާއިރު އެ ފަސްގަނޑުން އަސަރުން ފުރިގެންވާ އެތައް ވާހަކައަކާއި މަންޒަރުތަކެއް ފެންނަން އެބައޮތެވެ. މިއީވެސް އޭގެއިން އެއް ވާހަކައެވެ. ދަރިންނާއިމެދު ފޮނި އުންމީދުތަކެއް ދެކެން ބޭނުންވާ ފަލަސްތީނުގެ ބައްޕައެއްގެ ވާހަކައެވެ.

"މިއަދު އަހަރެންނަށް ކުރެވުނީ ދުވަހަކުވެސް އަހަރެން ކޮށްފާނެކަމަށް ހީނުކުރާ ކަމެއް. މިއީ އަހަރެން ދުވަހަކުވެސް އިހުސާސްކުރަން ޖެހިދާނެކަމަށް ހީނުކުރާ ހިތާމައެއް. އަހަރެން މިއަދު ވަރަށް ތަފާތު ކަމެއް ކުރިން. އަހަރެން މިއައީ އަހަރެންގެ ދަރިންގެ ތެރެއިން ދެކުއްޖަކު އަހަރެންގެ ބޭބެއާއި ހަވާލުކޮށްފަ. އަދި ބޭބެގެ ދަރިންގެ ތެރެއިން ދެ ކުއްޖަކު ގޮވައިގެން. އެއީ އިސްރާއީލުގެ ހަމަލާއެއް އަހަރެން އުޅޭތަނަށް އަމާޒުވިޔަސް އަހަރެންގެ ނިޝާނެއް ބޭބެ ކައިރީގައި މި ދުނިޔޭގައި ހުންނާނެތީ. އަދި ބޭބެ އުޅޭތަނަށް އެފަދަ ހަމަލާއެއް އަމާޒުވިޔަސް ބޭބެގެ ނިޝާނެއްވެސް އަހަރެންގެ ގާތުގައި މި ދުނިޔޭގައި ހުންނާނެކަމަށް ވިސްނައިގެން"
ފަލަސްތީނަށް ނިސްބަތްވާ ބައްޕައެއް

އަސަރެއް ނުކުރޭތޯ އެވެ؟ ހިތްދައްޗެއް ނުވޭތޯއެވެ؟ އެއީ އިންސާނުންނަށް ނުވީތޯއެވެ؟ އިންސާފެއް ހަމަ ނެތީތޯއެވެ؟ އެ ހިތުގައިވާ ވޭން އިހުސާސުވޭތޯއެވެ؟ މުސްލިމް ދައުލަތްތައް ކޮބައިތޯއެވެ؟ އަދުލާއި އިންސާފު ކޮބައިތޯ އެވެ؟ އެކަމަށް ވަކާލާތުކުރާ ޖަމިއްޔާތަށް ކޮބައިތޯ އެވެ؟ އަނިޔާވެރިކަމަކީ މިއީ ނޫންތޯއެވެ؟ ބީރު ކަންފަތްތަކެއް ދީގެންދިބި ބާރުގަދަ އިސްލާމީ ގައުމުތަކުގެ ވެރިން ޒިންމާ އުފުލަން ނުޖެހޭތޯއެވެ؟

ކަރުނަ ހިލިފައިވާ ލޯތަކުން ގިސްލުމުގެ އަޑުތަކާއިއެކު ފަލަސްތީނުގެ ރައްޔިތުން ގޮވާއަޑު ޒިންމާ އުފުލަންޖެހޭ ފަރާތްތަކަކަށް ނީވެއެވެ. އިންސާފަށް އެދި ގޮވާ އަޑުވެސް ނީވެނީއެވެ. އިންސާނިއްޔަތުގެ ނަމުން، އިސްލާމީ އުންމަތަކުން އާދޭސްކުރާ އަޑުވެސް ހަމަ ނީވެނީއެވެ.

ﷲ ދެއްވި ނިއުމަތުން މުއްސަނދިކަން ހޯދާ ބޮޑެތި އިމާރާތްތަކުން މުޅި ގައުމު އުޑާއި ހަމައަށް އުފުއްލާލައިގެން ތިބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހަމަ އަސަރެއް ނުކުރަނީ ތޯއެވެ؟ ތެލާއި، ރަނާއި ޖަވާހިރުން ހޯދި ތަނަވަސްކަމުގައި އުޅޭ "ބޮޑެތި" ގައުމުތަކުގެ ވެރިންނަށްވުރެ "ކުޑަކުޑަ" ދިވެހިރާއްޖޭގެ ރައްޔިތުންގެ މާ އަހުވަންތަކަމާއި މުސްލިމް އުންމަތަށް އޮތް ލޯބި ބޮޑެއް ނޫންތޯއެވެ؟

ފަޚުރުވެރިވަމެވެ. ދިވެހިންގެ އެހީގައި ނިކަމެތި މުސްލިމުންގެ ތެރެއިން މަދު ބައެއްގެ ނަމަވެސް ހައިހޫނުކަން ފިލުވައިދެވޭތީއެވެ. ފަޚުރުވެރިވަމެވެ. މިކުޑަކުޑަ ދިވެހިންގެ އެހީގައި ފަލަސްތީނުގެ އެންމެ ބޮޑު ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދެވުނީތީއެވެ. ފަޚުރުވެރިވަމެވެ. މުޅި ދިވެހި ގައުމު ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާތީއެވެ. ފަޚުރުވެރިވަމެވެ. ދިވެއްސަކަށް ވީތީއެވެ. އަޅުގަނޑުމެންގެ ބިންކޮޅު ކިތަންމެ ކުޑައަކަސް، މީސްކޮޅު ކިތަންމެ މަދަސް، ދިވެހިންގެ އަޑަކީ ދުލުގައި ގޮށް ޖެހިފައިތިބި ހައިބަތު ބޮޑު "ވެރިން" ގެ އަޑަށްވުރެ މާ ގަދަ އަޑެކެވެ. ދުޝްމަނުން ޖެހިލުންވާން މަޖުބޫރުކުރުވާނެ އަޑެކެވެ.

އުންމީދު ކަނޑައެއް ނުލާނަމެވެ. މުސްލިމުންނަށް ނަސްރު ދެއްވާނެއެވެ. މާތް ﷲ ޤުރުޢާނުގައި އެކަން ވަހީކުރައްވާފައި އެބައޮތެވެ. لِیُحِقَّ ٱلۡحَقَّ وَیُبۡطِلَ ٱلۡبَـٰطِلَ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ : (މާނައީ: (އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، ހައްޤު ގަދަކުރައްވައި، ބާތިލް ނެތި ކުރެއްވުމަށްޓަކައެވެ.)

އުންމީދު ކަނޑައެއް ނުލަމެވެ. ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފެންނަމުންދާ ހިތްވަރުގެ ސަބަބުންނެވެ. ސާބިތުކަމުގެ ސަބަބުންނެވެ. ބިރު ކުޑަކަމުގެ ސަބަބުންނެވެ. މާތްވެގެންވާ އަގްސާ މިސްކިތުގެ ދިފާއުގައި ބަޑީގެ އުންޑަތަކުގެ ކުރިމައްޗަށް މޭ ދިއްކޮށްލާ ފަލަސްތީނުގެ "ހީރޯއިން" ފެނިފައެވެ. ނަސްރު ދެއްވާނެއެވެ.

"ޖެހި އެ ހިތްވަރު މުޅި ގަޔަށް. އެދި ދެ އަތް އުފުލާ ގޮވާ. ޔާ އިލާހީ އަޅަމެނަށް މަދަދު ދެއްވާފާނުތޯ"

ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އެ ސާބިތުކަމެވެ. ފަހުމީހާއާ ޖެހެންދެން ހިތްވަރުކުރުމުގެ އަޒުމުގައި ތިބިތަނެވެ. ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ފަލަސްތީނުގެ އަޚުންގެ ކިބައިން ފެންނަނީ بِلَال ٱبْن رَبَاح‎ رضي الله عنها ގެ ކިބައިން ފެނިގެންދިޔަ ކެތްތެރިކަމުގެ މިސާލުން މިސާލު ނަގައިގެން ތިބިތަނެވެ. ހަމަ އެކަނި ފިރިހެނުންގެ ކިބައިންނެއް ނޫނެވެ. އަންހެން ކަނބަލުންގެ ފަރާތުންވެސް މެއެވެ. އެ ކަނބަލުންގެ ފަރާތުން ފެނިގެންދަނީ އާސިއާ رضي الله عنها ފަދައިން ނުގުޑާނެ އަގީދާއެއްގެ މަތީގައި ތިބިތަނެވެ. މަރިއަމް رضي الله عنها ފަދައިން ހިދާޔަތުގެ މަގުގައި ސާބިތުވެގެން ތިބި ތަނެވެ. އަދި عائشة رضي الله عنها ފަދައިން ކެތްތެރިކަމާއި ހުލްގުހެޔޮކަމުގެ ރިވެތި ސިފައިގެ މަތީގައި ތިބި ތަނެވެ.