ކަންކަމުގައި ބާރުވެރި ފަރާތްތަކަށް އަދަބު ނުދެވޭ ވާހަކަ އަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މުޖުތަމަޢުން އަޑު އިވޭ ވާހަކަތަކެކެވެ. ނިކަމެތި މީހާ ކަމެއް ކޮށްފިނަމަ އެމީހަކަށް އަދަބުލިބޭލެއް އަވަސްވެފަ ބާރުވެރި މީހަކު ކަމެއް ކޮށްފިނަމަ އެމީހަކަށް އަދަބުދެވޭލެއް ލަސްވާ ވާހަކަ އަކީ އިއްޔެއަކު މިއަދަކު ދެކެވޭ ވާހަކައެއް ނޫނެވެ. އަދަބު ދިނުމުގައިވެސް ތަފާތު ކުރާތަން ފެނެއެވެ. ތަނަކުން ވަގަށް ރިހާކުރުފުޅި ނަގާ މީހާއަށް އަހަރުތަކެއްގެ ޖަލު ހުކުމް އަންނަ އިރު ދައުލަތުން އެތަކެއް ލާރިތަކަކަށް ޚިޔާނާތްތެރިވާ މީހާއަށް އެކަށީގެންވާ އަދަބުނުލިބޭ ވާހަކައަކީ އާންމުން އަބަދުވެސް ދައްކާ އެމީހުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މިފަހަރުވެސް ކަންތައް މިވީ އެހެންނެވެ. މިވަގުތު މުޅި ސޯޝަލް މީޑީއާ ފުރި ބަންޑުންވަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، އޭނަގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ކުރިކަމަށް ބުނާ މައްސަލައިގަ އޭނާ ހައްޔަރުކޮށްފައި ނުވާތީ އެކަމާމެދު ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުންނެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ތުއްތު ދަރިފުޅު ލޫޠު އަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ. ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ކަމަށާ ނަމަވެސް މާތްﷲގެ ވާގިފުޅާއެކު، ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅު ކަމަށް އަސްރާ ވަނީ ވިދާޅުވެފައެވެ.

އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި އެމްޕީ އީސަ އޭނާގެ އަނބިހާއަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް، ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިމައްސަލަިއގަ މިހާތަނަށް އޭނާ ހައްޔަރުކޮށްފައި ނުވަނީ ކީއްވެތޯ މިއީ ރައްޔިތުންގެ އެންމެ ބޮޑު ސުވާލެވެ. މިފަދަ ކަންކަންކަމަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރެއްގެ މައި ޕާޓީއަށް ނިސްބަތްވާ ބޭފުލަކާ ގުޅޭ މިފަދަ މައްސަލައެއް ހުށަހެޅުމުން އެަކަމަށް ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވަނީ ކީއްވެތޯ އެވެ. އެއީ ނިކަމެތި އާދައިގެ ރައްޔިތަކު ކުރިނަމަ އެމީހަކާމެދު ފިޔަވަޅު އަޅަން މިހާ ލަސްވާނެތޯ އެވެ. މިއީ ހައި ޕްރޮފައިލްވީމަ ލިބޭ އިނާޔަތަކަށް ވެސް ވެދާނެ އެވެ.