ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާ ވަރިކުރައްވައިވާ އަންހެނަކަށް އަނިޔާ ކުރެއްވިކަމަށް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން މުޅި ސޯޝަލް މީޑިއާއާއި މެއިންސްޓްރީމް މީޑިއާތަކުގެ ފާޑުކިއުން އަމާޒުވި ވާހަކައަކީ މިހާރު އޮތް އެންމެ ހޫނު އެއް ވާހަކައެވެ. އަދި އެވާހަކައިގެ މިޞްރާބު ބައެއް މީޑިއާތަކުން ބަދަލުކޮށްލައިފައި ވުމަކީ އިނގިލި ދިއްކުރެވޭ އެހެން ފަރާތަށް ކުރެވޭ އަނިޔާއަކަށް ނުވާނެތޯއެވެ؟ އެފަރާތަކީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތަކަށްވިޔަސް ޙައްޤުތައް ހީމާޔަތްކޮށްދޭ ފަރާތަކަށްވިޔަސް މުޅި މަޤްޞަދު އޮޅޭގޮތަށް މަފްހޫމް ބަދަލުކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގެ ޤާނޫނު ނަމްބަރު 2016/18 ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ތަޢާރަފާއި ނަމަށް ބަލާއިރު އެ ޤާނޫނުގެ ފެށުމުގައި އަންނަނީ ވަކި ޖިންސަކަށްވީތީ ތަފާތުކުރުންތަކެއް ނޯންނާނެ ކަމަށެވެ. އަދި ތަފާތު ކުރުމެއްނެތި އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްކަމަށް ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސަސީގެ 17 ވަނަ މާއްދާއެވެ. އަދި ޤާނޫނުން ލިބިދޭ މަންފާތަކާއި ޤާނޫނުގެ ރައްކާތެރިކަން ހަމަހަމަ ކަމާއިއެކު ލިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޙައްޤެއް ކަމަށް ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނު ނަމްބަރު 2016/18 އިގާ އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށް ތަފާތުކުރުން ނައްތައިލުމަށް އަލިއަޅުވައިލައިފައިވަނީ އެކަމާއިގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާއާއި އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލަށް ރިޢާޔަތް ކޮށްފައެވެ. ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަންވާނެ ކަމުގައެވެ. އެކަމުގައި ވިސްނުމާއި ފިކުރާއި އުޞޫލު ހިމެނޭ ގޮތުންނެވެ.

މި ޤާނޫނުގެ މަޤްޞަދު ކަމުގައި ބުނާ މާއްދާއަކީ ޤާނޫނުގެ ދެވަނަ މާއްދާކަމުގައި ވީހިނދު އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ އެއީ އިންސާނީ ޝަރަފާއި ކަރާމާތް ރައްކާތެރިކުރުން ކަމުގައެވެ. އަދި ޤާނޫނު މާނަކުރުމުގެ ޚާއްޞަ އުޞޫލުކަމުގައި ބުނާ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މި ޤާނޫނު މާނަކުރަންވާނީ ޤާނޫނު އަސާސީއާއި އިސްލާމްދީނުގެ އަޞްލުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކަމުގަވެ.

މީގެ އިތުރުން މި ޤާނޫނުގެ ދެވަނަ ބާބުގައި ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އުޞޫލުތައްވަނީ ބަޔާންކޮށްފައެވެ.

އެހެންވީމާ ވަކި ޖިންސަކަށްވީތީ ތަފާތު ކުރުމެއްނެތި ޤާނޫނުގައި ބުނާ "ޖެންޑަރ"، މި ލަފްޒަކީ ރައްކާތެރިކަން ލިބިގެންވާ ސިފަކަމަށް ބުނެފައިވެއެވެ.

ހަމަ މިގޮތަށް ޤާނޫނުގެ 8 ވަނަ މާއްދާ އެކަށައެޅިފައިވަނީ ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ބަޔާންކޮށްދިނުމަށެވެ. އަދި މާއްދާ (ހ) ގައި ހަމަހަމަކަން ގެއްލިފައިވާ ނިޒާމު ކަމަށް ބަޔާންކޮށްފައިވާ ސިފަތަކަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ތަފާތުކުރުން މަނާކުރާ ސިފަތަކެވެ.

މިހެން މިކަން އޮތްއިރު ޤާނޫނުގެ 3 ވަނަ މާއްދާ ޚިޔާރު ކުރެވިފައިވަނީ އަންހެނަކަށްވީތީ ކުރާ ކަމަށްބުނާ އަނިޔާ ހުއްޓުވުމަށެވެ. ފިރިހެނަކަށް އެ ޙައްޤު އޮތީ ޤާނޫނުގެ ފުރަތަމަ ބާބާއި ދެވަނަ ބާބުގައި އަންހެނަކަށްވެސް އެ ހައްޤު އޮންނަ މިންވަރަށެވެ. ވީއިރު ފިރިހެނަކަށްވީތީ ވަކި ބާބެއްނެތި އަންހެނަކަށްވީތީ ބާބެއް އޮތުމުގެ ވާހަކަ ދެއްކޭނެއެވެ. އެހެނީ މުޖުތަމަޢުގައި އަންހެނަކަށް އަނިޔާއެއް ލިބޭނަމަ އެއީ ފިރިހެނެއްގެ ފަރާތުން އެކަނި ލިބޭ އަނިޔާއަކަށް ނުވަތަ ތަފާތުކުރުމަކަށް ކިޔޭނެ ޙާލަތުތަކެއް އޮންނަވާނެތީއެވެ. ސަބަބަކީ ގިނަ ފަހަރަށް އެއިން ޙާލަތެއްގައި އަނިޔާ ލިބެނީ އަންހެނަކަށް ކަމަށްވާނަމަ އެކަމުގެ ތުހުމަތު އޮންނަނީ ފިރިހެނެއްގެ ބޮލުގައި އެޅިފައި ކަމަށް ވުމެވެ. އަދި ފިރިހެނެކަށް އަންހެނެއްގެ ފަރާތުން އަނިޔާއެއް ލިބޭނަމަ އެކަމުގައިވެސް އޮންނަ ގޮތަކީ އެ ފިރިހެނަކީ ކޮންމެވެސް ތަފާތު ކުރުމެއް ނުވަތަ އަނިޔާވެރިކަމެއް ގެންގުޅެގެން އަނިޔާ ލިބުނު މީހެއް ކަމުގައި ބުނުމެވެ.

މިއީ ޢާންމު މުޖުތަމަޢުގެ ވިސްނުމެވެ. ވުމާއިއެކު ޤާނޫނީ ހިޔަލެއްގައި ޢާންމު މުޖުތަމަޢު އޮތުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. އަދި ލިޔުންތެރީންނާއި ލިޔުންތެރިން ލައްވާ ލިޔުއްވާ ފަރާތްތައްވެސް ހޭލުންތެރިވެ ޤާނޫނުގެ ތަރަހައިގެ ތެރެއަށް ނަޒަރު ހިންގައިލަން ޖެހޭނެއެވެ.

ނަމަވެސް ފެންނަނީ އެހެން މަންޒަރެކެވެ. މީހަކާއި ދިމާއަށް އިނގިލި ދިއްކޮށްލާހިތްވާލެއް ބޮޑުކަމެވެ. ޚާއްޞަކޮށް އެމީހަކީ ސިޔާސީ ގޮތުން ކުފޫ ހަމަވެފައިވާ ޝަޚްޞިއްޔަތެއްނަމަ އެކަން އަދި މާބޮޑެވެ.

މިހާރު ދެކެވޭ އެއްވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތެރި މެމްބަރަކު އޭނާގެ ކުރީގެ އަނބިމީހާއަށް އަނިޔާކުރިކަމަށް ކުރެވުނު ތުހުމަތުތަކެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ އެ މެމްބަރު ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ފުލުހުން ދިން ލަފާގެމަތީން ހުށަހަޅައިފައެވެ. ފުލުހުންގެ ފަރާތުން އެކަމާގުޅޭ އެއްވެސް ވާހަކައެއް މީޑިއާއާއި ހިސާބަކަށް ގެނެސްފައެއް ނުވެއެވެ.

ކަމެއްގެ ތުހުމަތު އައުމާއިއެކު ޢާންމު މުޖުތަމަޢާއި ބައެއް މީޑިއާތަކުން ޙުކުމްތައް ނެރެންފަށައެވެ. އަދި އެފަދަ ތުހުމަތަކާއި ގުޅިގެން ޙައްޤުތައް ޙިމާޔަތްކުރާ މީހެއްގެ ޚިޔާލާއި ކަން އޮންނާންވީ ގޮތް ބުނުމުން ޙައްޤުތަކަށް ވަކާލާތު ކުރާކަމަށް ބުނެ އަނެކާގެ ޙައްޤުތަކުގެ މައްޗަށް އިނގިލި ދިއްކުރާން ފެށެއެވެ. އަދި މިކަމަށް ބާރު ދިނުމަށްޓަކައި ތުހުމަތުކުރާ ފަރާތުން ހަމްދަރުދީ ހޯދާނެ ގޮތްތައް އެކި ސިފަ ސިފައިގާ ނެރޭތަން ފެނެއެވެ. އެކަމުގެ ނަތީޖާވެސް އެމީހުނަށް ފެންނަނީ ރަނގަޅަށެވެ.

ތުހުމަތު ކުރެވިގެންދިޔަ މި ގެވެށި އަނިޔާގެ މައްސަލައިގާ އަނިޔާ ލިބުނުކަމަށްބުނާ އަންހެނަކު ތަފާތު ބަޔާންތައް އޮންލައިން ނޫސްމީޑިއާތަކަށް ދީފައިވާކަމަށް ދޭހަވާ ޚަބަރުތައް ވަނީ ލިޔެފައެވެ. ނަމަވެސް އެއިން އެއްވެސް ބަޔާނެއް ދިން ގޮތަކާއި ދިން ވަގުތެއް ބުނެދީފައެއް ނުވެއެވެ. މަޞްދަރުގެ އަސާސެއް ނުދައްކައެވެ. އެހެން ނަމަވެސް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް އެބޭފުޅަކު ވަޑައިގެން ބަޔާން ދެއްވިކަން ވަރަށްގިނަ އައުޓްލެޓްތަކުންވަނީ ޝާއިޢު ކޮށްފައެވެ. އަދި އަނިޔާ ލިބުނު އަންހެންމީހާ ދީފައިވާ ކަމަށްބުނާ ޝާއިޢުކޮށްފައިވާ ބަޔާންތަކުގައި ސަރުކާރުގެ ޞިއްޙީ މަރުކަޒުން ފަރުވާ ހޯދީ މެމްބަރު ދިން އަނިޔާއިން ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ތުހުމަތުތަކެއް ކުރެވިފައިވާތީ އެއީ މެމްބަރު ދިން އަނިޔާއެއްކަމަށް ނޫސްތަކުންނާއި އެހެނިހެން ދިމަދިމާއިން މިހާރުވެސް ވަނީ ކަނޑައަޅައި ނިންމައިފައެވެ. ނަމަވެސް އޭގެ ފަހަތުން ބުނެފައިވަނީ "ތުހުމަތު ކުރެވިފައިވާ" ގެވެށި އަނިޔާ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢީސާ އެނާގެ ކުރީގެ އަނބިމީހާ އަސްރާ ނަސީމަށް އަނިޔާކޮށް އަދި އުސް އިމާރާތެއްގެ ބެލްކަނީން ދަރިފުޅު އެއްލައިލާނެކަމަށް ބުނިކަމުގެ ތުހުމަތާއި އެކު މުޅި ސޯޝަލް މީޑިއާ ހެލިފެލިވެގަތީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް ބެލެވިދާނެތޯއެވެ؟ ނުވަތަ ވަގުތުން އެ ތުހުމަތުކުރެވޭ މީހަކު ކުށްވެރިކޮށް އެމީހެއްގެ އަބުރު ގެއްލޭނެ ލަދުވެތި ސިފަތަކެއް ދައްކަންކަމަށް ބުނެވިދާނެތޯއެވެ؟

ކޮންމެއަކަސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްއޮތް ޙައްޤެކެވެ. ނަމަވެސް މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކަށް އެމީހަކަށް ކުށްވެރިއެއްގެ ދަރަޖައިން ނިޔާ އިއްވުމުގެ ޙައްޤު ޝަރީޢަތަކުން މެނުވީ ލިބިގެނެއް ނުވެއެވެ. ހޭލުންތެރި މުޖުތަމަޢަކަށް 21 ވަނަ ޤަރުނުގައި ދިވެހި ރާއްޖެ ދަތުރު ފަށައިފައިވާއިރު މިފަދަ ކަންކަން މިގޮތަށް މުޖުތަމަޢުގެ ތެރޭގައި އޮތުމަކީ ހިތާމަހުރި ކަމެކެވެ.

މެމްބަރު ޢީސާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި މީޑިއާ ރިޕޯޓުތައް ޢީސާއާއި ދެކޮޅަށް ހުރިއިރު މުޅި ސޯޝަލް މީޑިއާވެސް ގޮވަމުންދަނީ ޢީސާ ހައްޔަރު ކުރުމަށާއި މަޤާމުން އިސްތިޢުފާ ދިނުމަށެވެ. އަދި މި މައްސަލައިގެ ޤާނޫނީ ޙުއްޖަތެއް ދެއްކި މީހަކާއި މެދުވެސް މީޑިއާތައް ހިތްހަމަ ނުޖެހި މައްސަލައިގެ ފޯކަސް އެހެން ޝަޚްޞިއްޔަތެއްގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރާތަން މިދަނީ ފެންނަމުންނެވެ.

މިހާރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އެވަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ އިޖުތިމާޢީ ކޮމިޓީން އިސްތިޢުފާ ދެއްވައިފައެވެ. އަޙުމަދު ޢީސާއަކީ އެ ކޮމިޓީގެ މުޤައްރިރެވެ. އިސްތިޢުފާ ދެއްވިކަން ހާމަކުރައްވައި މަޖިލީހުގެ ސިއްކަ ޖަހައިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމުގައެވެ. އަދި ފުލުހުންނަށް އިތުބާރު ކުރައްވާ ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަޙުޤީޤެއް ކުރިއަށްދާތީ އެކަމަށް އެއްބާރުލުންވެސް ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެތަހުޤީޤު ހިންގާ ހުރިހާ މުއައްސަސާއަކަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ޢީސާގެ މައްޗަށް ކުރެވެމުންދާ ތުހުމަތު ކުރެވެމުންދާ ތުހުމަތުގެ މައްސަލަ ހޫނުވަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިނގިލީދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހީމް މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއް ސޯޝަލް މީޑިއާއާއި މެއިން ސްޓްރީމް މީޑިއާތަކަށް ވަނީ ލީކުވެފައެވެ. ޢާންމު މަދަނީ ގުރޫޕަކަށް ނޫނެވެ. ޤާނޫނީ ޝަޚްޞަކަށް ޤާނޫނީ އިރުޝާދެއް ދެއްވުމުގެ މަޤުޞަދުގައި ފޮނުއްވެވި މިމެސެޖް މީޑިއާތަކާއި ހިސާބަށް ފޯރުކޮށްދޭނީ ހަމަ ގައިމުވެސް އެ މަޖިލީހުގެ މެމްބަރެއްކަން ޔަޤީނެވެ. އެފަދަ އިތުބާރެއް ނެތް ބަޔަކު މެމްބަރުންގެ ގޮތުގައި ތިބޭ ކަމީވެސް ޙައިރާންވާން ޖެހޭވަރުގެ ކަމެކެވެ. އެކަމަކު އެކަން އޮތީވެސް ރައްޔިތުންގެ އަތްމަތީގައެވެ.

ޤާސިމްގެ މެސެޖުގައި ޤާސިމް ދައްކަވައިފައިވާ ވާހަކަފުޅުގައިވާ ޤާނޫނީ އެއްވެސް ނުކުތާއެއް ފާހަގަނުކޮށް މީޑިއާތަކުން ޤާސިމްގެ އަބުރު ކަތިލަން ހިފައިފައިވާތީ ފެނެއެވެ. ނަމަވެސް ފެނުނީ އެންމެ ޖުމްލައެކެވެ. އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދައިފާނެކަމަށް ލިޔުއްވައިފައިވާ ޖުމްލަ އެކަންޏެވެ. ނަމަވެސް ފިރިހެނަކު ދޮގު ނުހަދާނެއޭ ބުނެފައި ނުވާ މިމެސެޖުގެ މައިގަނޑު މަޞްދަރަށް ބަލައިލައިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މިމެސެޖުގައި ޤާސިމް ލިޔުއްވައިފައިވާ ލިޔުމަށްބަލާއިރު ގެވެށި އަނިޔާގެ ޤާނޫނަށް ރިޢާޔަތްކުރުމަށް އިރުޝާދު ދެއްވައިފައިވެއެވެ. ހަމަ އެއާއިއެކު އިންޞާފުން ތަޙުޤީޤު ކުރުމަށް ލަފާ ދެއްވައިފައިވެއެވެ. މިއީ ޤާނޫނީ ޝަޚްޞެއްގެ މެދުގައި ވާހަކަ ދެކެވޭނެ ގޮތެވެ. އެ މެސެޖަކީ ނިޔާއެއް ނޫނެވެ. އިރުޝާދާއި މަޢުނަވީ ބަޙުސެވެ.

ނަމަވެސް އެ މެސެޖް ޢާންމުކުރެއްވި މެމްބަރަކު އެކަން ކުރައްވައިފައި އެވަނީ ކޮންމެވެސް މަޞްލަޙަތެއް އޮވެގެން ކަމަށް ބުނެވިއްޖެނަމަ އެކަން މުޖުތަމަޢުން ނުވަތަ ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާތަކުން މިނެކިރާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑު ކުށްވެރިކޮށް އަޅުގަނޑަަށް ނިޔާ އިއްވަން ފަށްޓަވާނީތޯއެވެ؟

މި މެސެޖުގައި ވަކި ގޮތަކަށް ކަމެއް ކުރާކަށް ޤާސިމް ވިދާޅުވެފައެއް ނުވެއެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތެއް ހާމަކުރައްވައިފައިވަނީއެވެ. މެމްބަރު އެކަމާމެދު ދެކިވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަކީ އެ މެމްބަރެއްގެ އަތްޕުޅުމަތީގައި އޮތް ކަމެކެވެ. ނަމަވެސް ޢާންމު މުޖުތަމަޢުގެ ތެރެއަށް އެފަދަ ޤާނޫނީ ޝަޚްޞެއްގެ އިރުޝާދީ ބަޙުސެއް ވިސްނުމަކާއި ނުލައި ބޭޒާރުކުރުމަކީ ކޮންފަދަ ނުރައްކާތެރިކަމެއްތޯ ސުވާލުކޮށްލާނެ މީހަކު ނެތެވެ.

ގެވެށި އަނިޔާގެ ޤާނޫނަނަށް ބަލާއިރު އެ ޤާނޫނުގެ 6 ވަނަ ބައިގާ ފުލުހުންނާއި ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކުގެ ދައުރު ވަރަށް ތަފްޞީލިކޮށް ބުނެދީފައިވެއެވެ. އަނިޔާގެ ޝިކާރައަކަށްވާ މީހާއާއި އަނިޔާގެ ޝިކާރަވެރިއާއާއި ދެމެދު އިންޞާފުކުރުން އޮތީ ބަޔާން ކުރެވިފައިވާ އިދާރާތަކުގެ އެއްބާރުލުމާއި އެކު ހިންގޭ ތަޙުޤީޤަކަށްފަހު ކުރެވޭ ޝަރީއަތެއްގައެވެ. ފަހަރެއްގައިވެސް ތުހުމަތެއްކުރާ ވަގުތުން ނިޔާ އިއްވަން މުޖުތަމަޢު ތެދުވެގެން ނުވާނެއެވެ.

ކަމުގެ ޙަޤީޤަތް އޮތް ގޮތެއް އެނގެންދެން އެކަން ބެލުމަށް ބާރު އެޅުމަކީ މުޖުތަމަޢުގެ ޒިންމާއެކެވެ. އަދި އެގޮތަށް މުޖުތަމަޢުން ބާރު އަޅަން ޖެހެނީ ނިޒާމުން ދޫވެ އަނިޔާވެރިކަން އިތުރުވާން ފެށުމުންކަން އެންމެންވެސް ޤަބޫލު ކުރާނެއެވެ. އެހެންވީމާ ދެފަރާތުގެ މަޞްލަޙަތަކީވެސް އިޙުތިރާމް ލިބިގެންވާ ކަމަކަށްވުމުން އެކަން ޙިމާޔަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ. ޒިންމާއެކެވެ.