ކޮވިޑް-19 ބަލީގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިރޭ 9:00 ގައި ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ، ކޮވިޑްބަލީގައި ރާއްޖެއިން މަރުވި 115 ވަނަ މީހާއެވެ. އަދި މިއީ، ކޮވިޑްބަލީގައި ރާއްޖެއިން މިއަދު މަރުވި 3 ވަނަ މީހާއެވެ.

ކޮވިޑްބަލީގައި ރާއްޖެއިން މިއަދު 4 މީހުން މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ހަބަރު ފެތުރި ނަމަވެސް އެޗްޕީއޭއިން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ކޮވިޑްބަލީގައި މިއަދު ހަވީރުވެސް ރައްޖެއިން މީހަކު މަރުވެފައި ވެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމަށް ގެންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު އިރުއޮއްސި 06:52 ގައި ނިޔާވެފައިވަނީ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިބަލީގައި މިއަދު އެންމެ ފުރަތަމަ މަރުވީ ލ. ގަމުގައި ހުންނަ ލާމު ކޮވިޑް ފެސިލިޓީން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ މަރުވީ ރޭ މެންދަމު 2:00 ގައެވެ. އެއީ އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ބަލީގައި، ވޭތުވެ މިދާ ހަފްތާ ތެރޭގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާއިރު، އެޗްޕީއޭއިން މިރޭ އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 20،276 އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 280 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.