ދެކުނު އެފްރިކާއިން ނައްތައިލެވުނު ނަސްލީ އިމްތިޔާޒާއި ދެކޮޅު ޙަރަކާތްތަކުގެ ނަމޫނާއާއިއެކު ތަޅައިފޮޅުމާއި އަނިޔާވެރިކަމަށް ތާއީދު ނުކުރާ ޖަމިއްޔާ ޖަމާޢަތްތައް މިއަދު ފަލަޞްޠީނުގެ ޙައްޤުގައި ތާއީދު ހޯދުމަށްވަނީ ފަށައިފައެވެ. އެގޮތުން އުފެދުނު ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންކްޝަން (ބީޑީއެސް) ޙަރަކާތުން މިހާރުވަނީ އިޒުރޭލުން ފަލަޞްޠީނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެއާއިއެކު ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޒުރޭލުން ބޯލެންބެވުމަށްވެސް ތާއީދު ހޯދުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ކަންކަމުގެ ހެވާއި ނުބައި ވަކިކޮށް ދެނެގަންނަ މީހުނާއި ތޫނުފިލި ހޭލުންތެރީން މިއަދު ބުނަމުންދަނީ ދުނިޔޭގެ ރައްޔިތުން ފަލަޞްޠީނުގެ ޙައްޤަށް އެހީ ފޯރުކޮށްދޭން ޖެހިފައިވާ ކަމުގައެވެ. އަދި އިޒުރޭލު ބޮއިކޮޓް ކުރުމަށް ފަލަޞްޠީނުން އެދޭއެދުން އަޑުއެހުމަށް އެފަރާތްތަކުން ވަނީ ގޮވައިލައިފައެވެ. އިޒުރޭލުގެ މުދަލާއި ޚިދުމަތް ނުހޯދުމަށް ގޮވައިލައިފައެވެ.

ފަލަޞްޠީނުގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ވަކާލާތުކުރާ ޢުމަރު ބަރުޣޫތީގެ ލިއުމެއް އަޅުގަނޑު ކިޔައިލީމެވެ. އޭނާ އެ ލިޔުން ފަށައިފައިވަނީ ޓޯނީ މޮރިސަން ލިޔެފައިވާ ލޭފަވެތި "ތަފްޞީލުމާނަ ރައްދުވަނީ މާނަކުރާ ބަޔަކަށެވެ. މާނަ ކުރެވޭ ބަޔަކަށްނޫނެވެ." ފޮތުންނެވެ.

އޭގައި ބުނެފައިވަނީ ފަލަޞްޠީނުގެ ރައްޔިތުން ދަސްކުރީ އެންމެ އުނދަގޫ ގޮތަށް ކަމަށްވާނީ އަހަރެމެންނަކީ ކޮންބައެއްކަން ސާފުކޮށް މާނަކުރެވި، އެނގި، ތަފްޞީލުވެގެންނެވެ. އަހަރެމެންގެ މައްޗަށް ވެރިވާ އަނިޔާވެރިކަން އަދި އަހަރެމެންގެ އުއްމީދުތައްވެސް އެނގިގެންނެވެ. އަހަރެމެންގެ މައްޗަށް އަނިޔާވެރިވާ މީހުން އެކަން ކުރާކަން އެނގިގެންނެވެ. އަހަރެމެންގެ ތާރީޚު ފޮހެލައި އެބައެއްގެ ކޮންޓުރޯލުގެ ދަށަށް އަހަރެމެންގެ މުސްތަޤުބަލުވެސް ގެންދާކަން ދެނެގަނެގެންނެވެ.

ބައެއްފަހަރު އަޅުގަނޑުމެންގެ މާނަތައް އުތުރިގަންނަނީ އެންމެ ހީނުކުރާ ވަގުތުތަކުގައެވެ. މީގެ ދެތިންދުވަސްކުރީން ހިނގައިދިޔަ ޙާދިސާއެކެވެ. ޣައްޒާ ޝަހަރުގެ އަވަށަކަށް އިޒުރޭލުންދިން ޙަމަލާއާއި ގުޅިގެން އިމާރާތްތަކަށް އެރިގުޑުމާއި ލޮޅުންތައް އިޙުސާސްކުރެވުނު ކުޑަކުއްޖެއްގެ ވާހަކައެވެ.

މި ލޮޅުންއެރި ވަގުތު އެކުޑަ އަންހެންކުއްޖާ ބިރުން ރޫރޫއަޅާ ޙާލުގައި އޭނާގެ މަންމަގެ އުނގަށް ވަދެ ގުޅަވެގަތެވެ. އަދި އެކުއްޖާގެ މަންމަގެ ގާތުގައި ބުންޏެވެ. މަންމާއެވެ! އަހަރެން ހިތްވަރުގަދަވާން ބޭނުމެވެ. އެކަމަކު މަރު އައިސް އެހާކައިުރިން ފެންނައިރު އަހަރެން ހިތްވަރުގަދަކުރާނީ ކިހިނެއް ހެއްޔެވެ؟

މި ތުއްތު ކުއްޖާގެ ސުވާލު އޭގެ ޒާތުގައި ޓީވީތަކުން ފެނުނު އިޒުރޭލުގެ ލާއިންސާނީ ޢަމަލުތައް ހިތްވަރުގެ މާނަ ސިފަކޮށްދީފިއެވެ. ފަލަޞްޠީނުގެ ރައްޔިތުން އަހަރެމެންގެ ކޮންމެ ދުވަހެއްގެ ބިރު ދުމަށް އަރުވައިލައިފިއެވެ. އަދި އުއްމީދުތަކާއި ކަންކަން ކަށަވަރު ކުރާނެ އެތައް ސިފަތަކެއް މާނަކޮށްދީފިއެވެ. އެމީހުންގެ މި ހިތްވަރަކީ އެތައް މިލިއަން މީހުނެއް މިއަދު ހަރުއަޑުން އެވާހަކަދައްކާ ކަމަކަށް ވެއްޖެއެވެ. އިޒުރޭލުގެ ލާއިންސާނިއްޔަތާއި އެކަމުގައި ބައިވެރިވެދޭ އަނިޔާވެރިކަމާއި ދެކޮޅަށް ކާމިޔާބު ކަމާއި އެކު ތެދުވުމުގެ ހިތްވަރު ދީފިއެވެ. އެކަންކަން ނިމުމަކަށް ގެނައުމުގައި އަޑު އުފުލައިދޭނެ ހިތްވަރު ހޯދައިދިން ކަމެކެވެ.

މިހާރު ފަލަޞްޠީނާއި ދެކޮޅަށް އިޒުރޭލުން ޣައްޒާއާއި އަލްޤުދުސް އަދި ރާމުﷲއާއި ޙައިފާ އަދި ފަދާންއާއި އެހެނިހެން ހިސާބުތަކުގައި ހިންގި ހަނގުރާމައިގާ ފަލަޞްޠީނުގެ ރައްޔިތުންގެ ސާބިތުކަން އެތައް މާނައެއްގައި ވަނީ ހޭލައިފައެވެ. ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނަސްލީ އިމްތިޔާޒާއި ސާބިތުކަން އަދި ރައްދުގެ އިތުރުން ނަފްސުގެ ދިފާޢާއި ނޫސްވެރިކަމުގެ އަޚުލާޤު، ބިމުން ބޭރުކުރުމަށް ހުރަހަކަށްވުން އަދި އިންޞާފުފަދަ އެތައް މާނަތަކެއް ތަފްޞީލުވެގެން ހާމަވެއެވެ. މިއީ މިވަގުތު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަށްވެސް ވެފައިވެއެވެ.

ބައެއްފަހަރު މި ބަހުސު އޭގެ ޒާތުގައި ހަމައާއި އިންޞާފުން ބޭރުން ދެފަރާތް ހަމަހަމަ ކުރަން ބޭނުންކުރެއެވެ. އެކަމުގެ ސަބަބުން ނުތަނަވަސްކަން ރުޅިވެރިކަމަށް ބަދަލުވެ އެކަމާއި ދެކޮޅަށް ތެދުވުން ވާޖިބުވެގެންދެއެވެ.

މައިގަނޑު ގިނަ މީޑިއާތަކުން އިޒުރޭލުގެ ނަސްލީ ޙަސަދައިގެ ޕްރޮޕެގެންޑާ، އާރެއް ބާރެއްނެތް ޢާންމު މަސަލަސްކަމުގައި އުޅުނު ބަޔަކާއި ހަމަހަމަކޮށްދެމުން ގެންގޮސްފައިވެއެވެ. ނިއުކުލިއަރ ބާރެއްގެ ގޮތުގައި މުޅި ދުނިޔެވެސް ދަންނަ އަނިޔާވެރިއަކާއި އަނިޔާ ލިބެމުންދާ ބަޔަކާއި ހަމަހަމަ ކުރެއެވެ.

ބްރެޒިލްގެ ފިލޯސަފަރެއް ކަމުގައިވާ ޕައުލޯ ފްރެއިރާ ވިދާލުވެފައިވާ ބަސްކޮޅެއް ދަންނަވައިލާނަމެވެ. ހިތްދަތިކުރުމުގެ އިޙުތިފާލެއް ޤާއިމްކޮށްފިނަމަ އަނިޔާވެރިކަން ފެށުނީ އެހިސާބުންނެވެ. އަދި އަނިޔާ ލިބޭ ފަރާތުން އަނިޔާވެރިކަން ފެށި ކަމެއް ދުނިޔޭގެ ތާރީޚަކުންވެސް ފެންނާކަށް ނެތެވެ. އަދި އަނިޔާވެރިކަމުގެ ނަތީޖާއަކަށް އެމީހުން ވީހިނދު އެފަދަ ކަމެއް ފެށި ބަޔަކަށް އެމީހުން ވާނީ ކިހިނެއްހެއްޔެވެ؟

ތަޅާފޮޅުމާއި އަނިޔާވެރިކަން އެބައެއްގެ ނުފޫޒާއި ކޮންޓުރޯލުގައި ކުރީން ނެތް ބަޔަކު އަނިޔާވެރީންނަކަށް ނުވާނެއެވެ. އަނިޔާވެރިކަން ފަށަނީ އަނިޔާކުރާ މީހުންނެވެ. މިޙުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މީހުންނެވެ. އަނެކާއަކީ އިންސާނެއްކަމަށް ބަލައިނުގަންނަ އިންސާނިއްޔަތު ކަމެއް ނެތް މީހާއެވެ. އެބައެއްގެ ތެރެއަށް ހަމަނުޖެހުން ވައްދައި، އަނިޔާވެރިވާ އަދި އެމީހުން ޤަބޫލުނުކުރާ މީހުންނެވެ.

ތިމާމެންގެ މައްޗަށް އަނިޔާވެރިވި މީހުނާއި ދެކޮޅަށް ތެދުމުގެ ވާޖިބާއި އިޒުރޭލުގެ އިންސާނިއްޔަތުކަމެއްނެތް ޙަމަލާތައް ދުނިޔެއަށް ހަނދާން ކޮށްދިނުން ފަލަޞްޠީނުގެ ގިނަ ބަޔަކު މާނަކުރަނީ އެއީ މިހާރުވެސް ހިންގަމުންގެންދާ ނަކްބާ (ކެޓަސްޓްރޮފީ) ކަމުގައެވެ. އެއީ ފަލަޞްޠީނު ފަނާކުރުމަށް އިޒުރޭލުން ގެންގުޅުނު ނިޔަތެވެ. ފަލަޞްޠީނުގެ ގިނަ ބަޔަކު ފާއިތުވި ހަފްތާގެ އަންގާރަދުވަހު ޢާންމު މުޒާހަރާތައް އެކި ހިސާބުތަކުގައި ކުރިއެވެ. އެއީ ނަކްބާއަށް 73 އަހަރު ފުރުނު ދުވަހެވެ.

ނަކްބާއަކީ އިޒުރޭލުން ފަލަޞްޠީން ނައްތައިލުމަށް ފެށި މަސައްކަތާއި އެކަމުގެ ނަތީޖާއެވެ. އެގޮތުން ނަކްބާގެ ތެރޭގައި ފަލަޞްޠީނުގެ 7 ލައްކަ 50 ހާހާއި އެއް މިލިއަން ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް ނަސްލެއް ނައްތައިލައި ސާފުކޮށްލިއެވެ. އެކަންކުރީ ޔަހޫދީ ހަނގުރާމަވެރީންނާއި އިޒުރޭލު ސިފައިން ގުޅިގެން ދައުލަތެއްގެ ގޮތުގައި ޤައުމެއް އުފެއްދުމަށް ފަލަޞްޠީނުގެ ބިމުން ބައެއް ނެގުމަށެވެ. މިހާރު ހިނގަމުންދާ ލޭއޮހޮރުވުންތަކާއި އަނިޔާވެރިކަން ދިމާވަނީވެސް އިޒުރޭލުގެ އަނިޔާވެރި ނަކްބާގެ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ. އެހެނީ 1948 ގައި އިޒުރޭލުން ނިންމައިލި ކަމަށްބުނި ހަނގުރާމައާއި އެކު ނަކްބާ ނިމުމަކަށް ނާދެއެވެ. މިއަދާއި ހަމައަށްވެސް ފަލަޞްޠީން ދަރިފަސްކޮޅު ނައްތައިލުމަށް އިޒުރޭލުންދަނީ މަސައްކަތް ކުރަމުންނެވެ.

ފަލަޞްޠީނުގެ ރައްޔިތުން އިޒުރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަކީ ވާޖިބެއްކަން ދުނިޔެއަށް ހަނދާކޮށްދިނުމަށް ކުރި މުޒާހަރާތަކުންވެސް، ވަޠަނިއްޔަތެއް ލިބިގެންވާ ރައްޔިތުންތަކެއް، އެމީހުންގެ އެއްބައިވަންތަކަމަށް މަސައްކަތްކުރާކަމާއި އަހަރެމެންނަކީ އެއްބައެއްވަންތަ ބައެއްކަން ހާމަކޮށްދީފިއެވެ. އަދި އެއީ ޖަމިއްޔާ ޖަމާޢަތްތަކުން މާނަހުރި ގޮތެއްގައި ބައިނަލްއަޤުވާމީ އެއްބާރުލުމެއް ބޭނުންވާ ސަބަބަކަށްވެގެން ގޮސްފައިވެއެވެ. ޚާއްޞަ ގޮތެއްގައި ބީޑީއެސްއިން އިޒުރޭލު ބޮއިކޮޓް ކުރުމަށް ގޮވައިލުން ހިމެނެއެވެ.

ބީޑީއެސް މޫވްމަންޓަކީ އެފްރިކާގެ ނަސްލީ ތަފާތުުކުރުމާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމުގެ ޙަރަކާތާއި އެމެރިކާގެ މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ ޔޫއެސް ސިވިލް ރައިޓްސް މޫވްމަންޓުން ހިތްވަރު ލިބިގެން 2005 ވަނަ އަހަރު އުފެދުނު ތަޅާފޮޅުމާއި ދެކޮޅު ނަސްލީ ތަފޫކުރުމާއި ދެކޮޅު ޙަރަކާތެކެވެ. މި ޙަރަކާތަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ފުޅާ އިއްތިޙާދެއްގެ ތެރެއިން އުފައްދައިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުން ގޮވައިލަނީ 1967 ވަނަ އަހަރު އިޒުރޭލުން އިސްތިޢުމާރު ކޮށްފައިވާ ފަލަޞްޠީނުގެ ބިންތައް މިނިވަން ކުރުމަށެވެ. އިސްތިޢުމާރު ނިމުމަކަށް ގެނައުމަށެވެ. އަދި އިޒުރޭލުން ނަހަމަގޮތުގައި ހިންގާ އިދާރީ ބާރުތައް ޤާނޫނީ އެއްޗަކަށް ހަދައިގެން ގެންގުޅޭ ނަސްލީ ނުފޫޒުގެ ނިޒާމު ނިމުމަކަށް ގެނައުމަށެވެ. މިއީ އދ. ން މާނަކޮށްފައިވާ ކަޅު މީހުން ދޮން މީހުންނަށްވުރެ ނިކަމެތިކޮށްލާ އަދި ނަސްލީ ދެކޮޅުވެރިކަން އުފައްދާ އެޕާތައިޑާއި އިދިކޮޅު ނިންމުންތަކާއި އެއްގިންތީގައި އޮތް ކަމެކެވެ. އަދި ދާދިފަހަކުން ހިއުމަން ރައިޓްސް ވޮޗްއިންވެސް ބަލައިގެންފައިވާ ސިފައެކެވެ.

"ކޮންމެ ތަނެއްގައި ވިޔަސް ޙީލަތްތެރި އަދާވާތްތެރި ސިފަތަކުން އަނިޔާވެރިވުމަކީ ބަޔަކު ނިކަމެތިކޮށްލާ އެޕާރތީއެވެ. އަދި ކެކުޅުމެއްނެތި އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގެ ޤާބިލަިއްޔަތުކަންހުރި ބަޔަކު ޢަމަލީ ގޮތުން މަސައްކަތް ނުކޮށް ތިބުމަކީ އޮތުމަކީ ރޫޙާނިއްޔތެއްނެތް ދިރުމެކެވެ."

ބީޑީއެސްއާއި ދެކޮޅަށްވެސް އިޒުރޭލުން ދުއްތުރާކުރުމުގެ ހަނގުރާމަ ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި ކިޔަވާކުދީންނާއި ޢިލްމުވެރީންނާއި ކުރެހުންތެރީން އަދި ވިޔަފާރިއާއި އިޖުތިމާޢީ ޙަރަކާތްތަކާއި ތިވެށީގެ އިންޞާފަށް މަސައްކަތްކުރާ ޙަރަކާތްތަކުގެ މެދުގައި އިޒުރޭލުން ގެންގުޅޭ އަޅުވެތިކުރުމުގެ ދިރާސާ ބުނެދިނުމަށް އަދާކުރާ ދައުރު ހިމެނެއެވެ. އަދި ބީޑީއެސްއިން ފަލަޞްޠީނުގެ ރައްޔިތުން އެއްބައިވަންތަވުމަށް ކުރާ މަސައްކަތް ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގެނައުމަށް ކުރާ މަސައްކަތް ހިމެނެއެވެ.

އެހެނީ އެކަމުގެ ސަބަބުން އިޒުރޭލަށްކުރާ އަސަރުތައް އެމީހުންގެ ސައްލާތަކަށްވުރެ ބޮޑުވުމުންނެވެ. ފަލަޞްޠީނުގެ މިނިވަންކަމަށް އެ ޤައުމުގެ ރައްޔިތުންކުރާ މަސައްކަތަށް ބީޑީއެސް ޙަރަކާތުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ލިބޭ ތާއީދު ވެގެން ގޮސްފައިވަނީ އިންޞާފާއި ހަމަހަމަކަން ހޯދައިދިނުމަށް ކުރެވިގެންދާ ވަކާލާތަކަށެވެ. އަޚުލާޤީ ޝަރުޠެއްގެ ގޮތުގައި އިޒުރޭލުގެ ރޭވުންތަކަށް ނިމުމެއް ގެނުވާ ކަމަކަށެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނު އަދި ފްރާންސްފަދަ ޑިމޮކްރެޓިކްކަން ކުޑަ ނުވަތަ ބޮޑު ޤައުމުތަކުން ޝަރުޠަކާއި ނުލައި އިޒުރޭލަށް ހަތިޔާރު ނުވަތަ ޢަސްކަރީ މާލީ އެހީ ފޯރުކޮށްދެމުންދާއިރު ނުވަތަ ބައިނަލްއަޤުވާމީ އަދަބުތަކުން ޙިމާޔަތް ކޮށްދޭއިރު ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން އެއީ ފަލަޞްޠީނާއި ދެކޮޅަށް އިޒުރޭލުން ހިންގާ ޖަރީމާތަކާ ބައިވެރިވުން ކަމަށް ބެލެވޭ ކަމުގައި ބީޑީއެސްއިން ބުނެއެވެ. ހަމަ މިއާއި އެކު ފަލަޞްޠީނު އިސްތިޢުމާރު ކުރުމާއި އަޅުވެތިކުރުމަށް އިޒުރޭލުގެ ވެރިކަމުގެ ތެރެއިން ދެމުންދާ ޚިދުމަތްތަކުން މަންފާ ހޯދާ ކުންފުނިތަކަކީވެސް އިޒުރޭލުގެ ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ ގޮތުގައި އެމީހުން ފާހަގަ ކުރެއެވެ. އަދި ސަވަރިިން ފަންޑުތަކާއި ފައްޅިތަކާއި ޔުނިވަރސިޓީ އިންވެސްޓްމަންޓު ފަނޑުތަކުން އެފަދަ ކުންފުނިތަކުގެ ޙިއްޞާތަކުގައި ބައިވެރިވާނަމަ އެފަދަ ކުންފުނިތައްވެސް އެކަމުގައި ބައިވެރިވަނީ ކަމަށް އެމީހުން ބުނެއެވެ.

މި ހުރިހާ ކަމަކުން އުފެދިގެން އަންނަ އަޚުލާޤީ ޒިންމާތަކަކީ އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވުމަށް މެދުވެރިކުރުވާ ސަބަބެކެވެ. އެހެނީ އެއީ އެމީހުން ދައުލަތަކަށް ދައްކާ ޓެކްސް ފައިސާއިން އިޒުރޭލުގެ އަނިޔާވެރިކަމަށް ހިތްވަރުދޭ ބަޔަކަށް އެމީހުން ވާން ބޭނުން ނުވުމެވެ. އަދި ފަލަޞްޠީނާއި ޣައްޒާއާއި އެތަންތާނގެ އަހުލުވެރީންނަކީ ވުޖޫދުގައި ނުވާ ބައެއްކަމަށް އިޒުރޭލުން ދެކޭ ގޮތްތަކަށް ހިތްވަރުދޭން ބޭނުން ނުވުމެވެ.

ކުއްލިއަކަށް ފަލަސްޠީނަށް ތާއީދުކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން ތެދުވުން ފާހަގަވެގެންދަނީ މިހާރު އެމީހުނަށް އެމީހުންގެ ރޫހާނީ ވާޖިބު އަދާކުރުމުގެ ވަގުތު އަތުވެއްޖެކަމެވެ. އަދި ބަދަލަށް އެންމެން މަސައްކަތްކުރާ ކަމުގެ ރަމްޒަކަށްވެސް މިކަން މިވަނީ ވެފައެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ ބްލެކް ލައިވްސް މެޓަރ މޫވްމަންޓުން ނެރުނު ބަޔާނެވެ. އެ ބަޔާނުގައި ގޮވައިލައިފައިވަނީ އިޒުރޭލުން ގެންގުޅޭ އަޅުވެތިކުރުމުގެ ސިޔާސަތާއި ޙަރަކާތްތައް ހުއްތައިލާ ފަލަޞްޠީނުގެ ބިމުގައި ޔަހޫދީން އެކަނި ވަޒަންވެރިކުރުވުން ނުހުއްޓަނީސް ކޮންމެ އަހަރަކު އިޒުރޭލަށްދޭ 3.8 ބިލިއަން ޑޮލަރުގެ ފަންޑު ހުއްޓައިލުމަށެވެ. އަދި އިޒުރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އެކަމަށް ގޮވައިލާ ފަރާތްތަކުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ އެލެގްޒެންޑްރިއާ އޮކާސިއޯ ކޯރޓޭޒް ހިމެނެއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމެއް އަޅުވެތިކުރާ ބަޔަކީ ޑިމޮކްރެޓިކް ބައެއް ނޫންކަމުގައެވެ.

ހަމަ މިގޮތަށް ފަލަޞްޠީނުގެ އެއްބައިވަންތަކަމަށް ދުވަހަކުވެސް ނުކުރާ ތާއީދު ޓީވީ ނެޓްވޯކްތަކުގެ ޝަޚުޞިއްޔަތުތައްވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެމްއެންބީސީގެ ޢަލީ ވަލޗީއާއި އެޗްބީއޯގެ ޖޯން އޮލިވަރ އަދި މުއުޒިކްގެ ފަންނާނުން ކަމުގައިވާ ހޮލީވުޑްގެ ޝަޚްޞިއްޔަތުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސޫޒަން ސެރަންޑަންއާއި ވައޯލާ ޑޭވިސް، ޖޯން ކުސަކް، ވެންޓްވާރތު މިލަރ އަދި ނަތަލީ ޕޯރޓްމަން ހިމެނެއެވެ. ބައެއް މީހުން ގެންދަނީ މަޝްހޫރު "ވަޒަންވެރިވި އިސްތިޢުމާރީންގެ އަތްދަށުގައި ދުނިޔޭގެ ޗާރޓުން ފަލަޞްޠީނު ގެއްލެނީ" ޓުވީޓުވެސް ކުރަމުންނެވެ.

އަނެއްކޮޅުން ފަލަޞްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ހިތްވަރު ކުރަމުން ގެންދަނީ އެމީހުންގެ ބިމާއި އެމީހުންގެ ފަލަޞްޠީނު ވަންތަ ނުވަތަ ވަޠަނިއްޔަތާއި އުއްމީދު ގެއްލުނަ ނުދިނުމުގެ ހިތްވަރުވެސް ކުރަމުންނެވެ. ޣައްޒާގައި މީސްތަކުން ޝަހީދުވަމުންދާ ހިތާމަވެރި ސިޙުރީ މަންޒަރުގެ ކުރިމަތީގައިވެސް އެމީހުންގެ އުއްމީދަކަށް ބަދަލެއް ނާދެއެވެ. އޭގެ އެއް މަންޒަރަކީ ޣައްޒާއަށް އިޒުރޭލުންދިން ބޮމުގެ ޙަމަލާގައި ބިމާއި ހަމަކޮށްލި އިމާރާތުގެ ދަށުން ޢަމާރާ އަބޫ ޢައުފު ނެރުނު ވަގުތު ފަތަޙައިގެ ނިޝާނެއްގެ ގޮތުން އޭނާގެ އަތުން ވީ އަކުރެއް ފެންނާން އޮތް މަންޒަރެވެ. އެއީ މަރުވެފައިވާ ދިރުމަކުން ދިރިގެން އައުންކަމަށް ބައެއް މީހުން ސިކުރެއެވެ. އަދި މިއަދު އެއީ ފަލަޞްޠީނުގެ އަޞްލު މާނަ ތަފްޞީލުވެގެން އަންނަ ގޮތެވެ.