އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި މަގްސަދު ހާސިލްނުވެ، އިސްރާއީލުން އަމާންދީ އެންމެފަހުން ހަމަލާތައް ހުއްޓާލައިފިއެވެ.

މިކަން އިސްރާއީލުން ނެރުނު ބަޔާނެއްގައިވަނީ ކަށަވަރު ކޮށްދީފައެވެ.

ކުރިންވެސް މީޑިއާއިން ރިޕޯޓްކޮށްފައިވާ ފަދައިން، ހަމަލާތައް ހުއްޓާލަން އިސްރާއީލުން ނިންމީ، މިސްރުން ހުށަހެޅި ހުށަހެޅުމަކަށެވެ.

މިސްރުގެ ހުށަހެޅުމުގައި ވަނީ، އެއްވެސް ޝަރުތެއްނެތި ހަމަލާތައް ހުއްޓާލުމަށެވެ.

މި ހުށަހެޅުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން މިރޭގެ ވަގުތެއްގައި ގަބޫލުކޮށް އެއްބަސްވިއިރު، މިސްރުގެ ހުށަހެޅުމާ އެއްގޮތަށް ހަމަލާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ހަމާސްއާއި، އިސްލާމިކް ޖިހާދުންވެސްވަނީ އިއުލާން ކޮށްފައެވެ.

ހަމާސްއާއި، އިސްލާމިކް ޖިހާދުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލަން ވެވުނު އެއްބަސްވުމަށް ފަލަސްތީނުގެ ގަޑިން ބުރާސްފަތި ދުވަހުގެރޭ (ހުކުރު ވިލޭރޭ) މެންދަމު 2:00 ގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.

އެހެން ނަމަވެސް، އެއްބަސްވުމަށް ސީދާ އަމަލުކުރަން ފަށާނެ ގަޑިއަކާމެދު ދެފަރާތުން އަދިވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިރޭވެސް ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދީފައި ވެއެވެ. އަދި ތަންތަން ގޮވާ އަޑުފަށްގަނޑު އިވެމުންދެއެވެ.

ރަފަހްގެ އިރުމަތީގައި ދަނޑުވެރިކަންކުރާ ބިމަކަށް އިސްރާއީލުގެ މަތިންދާ ބޯޓުތަކުން މިރޭ ބޮން އެޅުމާއެކު، ޣައްޒާގެ ތެރެއިންވަނީ އިސްރާއީލުގެ އަވަށްތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން ޣައްޒާއަށް ބޮންއެޅުން ހުއްޓާލަން މި އެއްބަސްވީ، ޣައްޒާއާ ދެކޮޅަށް އުދުވާނު ފެށިތާ ބަރާބަރު 11 ވަނައަށް ވީދުވަހުއެވެ.

މި އުދުވާނުގައި ޣައްޒާއިން 232 މީހުން ޝަހީދުވެގެން ދިޔައިރު، އޭގެތެރެގައި 65 ކުޑަކުދިންނާއި، 39 އަންހެނުންވެސް ހިމެނެއެވެ. އަދި ހަމަލާތަކުގައި ޣައްޒާއިން ޒަޚަމްވި މީހުންގެ އަދަދު 1،710 އަށް އަރާފައި ވެއެވެ. އަދި، 72،000 އަށްވުރެ ގިނަ މީހުންގެ ގެދޮރުނެތި މަގުމަތިވިއެވެ.

މުޅި ދުނިޔެ އިސްރާއީލު ކުށްވެރިކޮށް، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމުން ދިޔައިރުވެސް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނަމުންދިޔައީ، އިސްރާއީލުން ކަނޑައަޅާފައިވާ "މަގްސަދު" ހާސިލް ނުވަނީވެސް، އަދި އިސްރާއީލަށް ހަމަޖެހުން ނުގެނެވެނީސް ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

އިސްރާއީލުން ހަމަލާތައް ހުއްޓާލާނީ، ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްއާއި، އިސްލާމިކް ޖިހާދާއި، އެނޫން ޖަމާއަތްތައް "ހަމަހިމޭންކޮށްފައި" ކަމަށްވެސް ގެންދިޔައީ ބުނަމުންނެވެ.

އިސްރާއީލުގެ އަސްކަރީ ބައެއް މަސްއޫލުވެރިންގެ ވާހަކަތަކުން މިހާރު ހާމަވެފައިވާ ގޮތުގައި، ޣައްޒާއަށް ހަމަލާތައް ދިނުމަށް އިސްރާއީލުން ރާވަމުންދާތާ ދެއަހަރު ވެއްޖެއެވެ. އަދި ހަމަލާތައް މިފަހަރު ދީފައިވަނީވެސް، ރޭވުމުގެ ދަށުން ކަނޑައަޅައި ހަމަޖެހިފައިވާ ތަންތަނަށެވެ.

އެހެން ނަމަވެސް، އިސްރާއީލުން ކުރިން ޣައްޒާއަށް ދިން ހަމަލާތަކުގައި ކަން ހިނގި ގޮތާއި، މިފަހަރު ކަން ހިނގިގޮތް މުޅިން ތަފާތުވެގެން ދިއުމަކީ ނަތަންޔާހޫއަށް ގޮތްހުސްވި ކަމެކެވެ.

ޣައްޒާގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭންފެށި ރައްދު ވަރުގަދަވެފައި، ގެއްލުން ބޮޑުވެ މުޅި އިސްރާއީލު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިގެންދިޔައެވެ. ފަލަސްތީނުގެ ހުރިހާ ރަށްތަކެއްގައި ރައްޔިތުން ކެކިއަރައިގަތީއެވެ. ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުން ގަދަބާރުން ހަދާފައިވާ ޔަހޫދީ އާބާދީތަކަށްވެސް ހަމަލާތައް އަމާޒުވެ ބިރުބޮޑުވީއެވެ.

ނުވިތާކަށް، އިސްރާއީލުގެ އެތެރޭގައިވެސް ދެކޮޚުވެރިކަން ފެށި، ދާޚިލީ ހަނގުރާމައަކާ ދިމާއަށް މިސްރާބު ޖެހީއެވެ.

އިސްރާއީލާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ދުނިޔޭގެ ހުރިހާ ބިތަކުން އާންމުން މަގުތަކަށް ނުކުމެ، އިހުތިޖާޖުކުރަން ފެށީއެވެ. މަދު ގައުމަކުން އިސްރާއީލުގެ ގަތުލުއާންމަށް ތާއީދުކުރި ނަމަވެސް، ދުނިޔޭގައި ފެށުނު ދެކޮޅުވެރިކަމުގެ ސަބަބުން އިސްރާއީލު އެކަހެރިވެ އެކަނިވެރިވީއެވެ.

ކޮންމެފަދަ ހުއްޖަތެއް ދައްކައިގެން ނަމަވެސް، ނަތަންޔާހޫ ޣައްޒާއަށް ހަމަލާދިނުން ހުއްޓާލަން ނިންމީ މިދެންނެވި ސަބަބުތަކާ ހެދިކަން އެންމެނަށްވެސް އެނގި ހާމަވެއެވެ.