ޣައްޒާގައި ވެރިކަންކުރާ ހަމާސްއާއި، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދާއި، އަދި މުޖާހިދުންގެ އެހެން ޖަމާއަތްތަކުގެ ގާބިލްކަމާއި، ބާރުގަދަކަން ފެނިފައި "ޝޮކެއް" ލިބިގެންދިޔަ ކަމަށް އިސްރާއީލު އަސްކަރިއްޔާގެ ވަރަށް އިސް އޮފިޝަލަކު ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އިސްރާއީލުގެ އެންމެބޮޑު ދުވަހުނޫސް، ހައާރީޒަށް މައުލޫމާތުދިން، އިސްރާއީލު ސިފައިންގެ ވަރަށް އިސް އޮފިސަރެކެވެ.

އޭނާ ބުނެފައިވަނީ، އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންގެންދިޔައީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ކަމަށާއި، ހަގީގަތުގައި އެ ހަމަލާތަކުން ޝޮކް ލިބެންވީ ޣައްޒާގެ ޖަމާއަތްތަކަށް ކަމަށެވެ.

އެހެން ނަމަވެސް، އިސްރާއީލުން އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ދެމުންގެންދިޔަ ވަރުގަދަ ހަމަލާތަކުގެ ތެރޭގައިވެސް، އިސްރާއީލަށް މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ހަމާސްއާއި، ޣައްޒާގެ އެހެން ޖަމާއަތްތަކަށް ލިބިފައިވާކަން ހާމަވުމުން އިސްރާއީލު ސިފައިންނަށް ބޮޑު ޝޮކެއް ލިބިގެންދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލަށް ދެމުންގެންދިޔަ މިސައިލާއި ރޮކެޓް ހަމަލާތައް ވެގެންދިޔައީ، އިސްރާއީލު ސިފައިންނަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމަކަށް ކަމަށްވެސް، ނަން ހާމަކޮށްފައި ނުވާ އިސްރާއީލު ސިފައިންގެ އިސް އޮފިޝަލް ބުންޏެވެ.

ޣައްޒާގެ އެތަންމިތަނަށް އިސްރާއީލުން ބޮންއަޅައި ސުންނާފަތި ކުރިއިރުވެސް، ޣައްޒާގެ ތެރެއިން އިސްރާއީލަށް އޮހެމުންދިޔަ ރޮކެޓާއި، މިސައިލް ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެތަކެތި އަންނަ ދިމާއެއްވެސް އިސްރާއީލަކަށް ނޭނގުނެވެ.

އިސްރާއީލުގެ އަސްކަރީ އޮފިޝަލް ބުނީ، ހަމާސްއާއި، އިސްލާމިކް ޖިހާދު ޖަމާއަތުގެ އަތުގައި އެކި ރާސްތާތަކަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ އެތައް ބައިވަރު މިސައިލް އެބަހުރި ކަމަށެވެ.

އިސްރާއީލުގެ މީޑިއާއިން ކުރިން ބުނެފައިވަނީ، ހަމާސް އަތުގައި އެކަނިވެސް ދުރު ރާސްތާއަށް ދަތުރުކުރާ 12،000 މިސައިލް އެބަހުރި ކަމަށެވެ. މިއީ، ބޭރުން ގެނެސްފައިވާ މިސައިލް ނޫން ކަމަށާއި، މިއީ ހަމާސްއިން އަމިއްލައަށް އުފައްދާފައިވާ މިސައިލް ކަމަށްވެސް ބުނެފައި ވެއެވެ.