ޣައްޒާގެ މުޖާހިދުންގެ ހުރިހާ ޖަމާއަތްތައް ގުޅިގެން ދުޝްމަން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔައީ ގުދުސްގެ ދިފާއުގައި ކަމަށާއި، އެހެންކަމުން މި ހަނގުރާމައިގައި ނަސްރު ލިބުނީ މުޖާހިދުންނަށް ކަމަށް، އިސްރާއީލާ ދެކޮޅަށް ހިންގި ގުޅިފައިވާ އޮޕަރޭޝަންގެ ތަރުޖަމާނު އަދި އަލް-ޣައްސާމް ބްރިގޭޑުގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން އިސްރާއީލުން އެއްބަސްވުމާ ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބޫ އުބައިދާ ވިދާޅުވީ، މުޖާހިދުންގެ ޖަމާއަތްތަކުން ހަނގުރާމަ ފެށީ ގުދުސްގެ ދިފާއުގައި ކަމަށާއި، މުޖާހިދުންގެ ބުރަ މަސައްކަތާއި، ހިތްވަރުން ފަލަސްތީނުގެ ކުޑަކުދިންނާއި އާންމުން މަރައި ޝަހީދު ކުރަމުންދިޔަ އިސްތިއުމާރީ ބާރު ބަލިކުރެވިއްޖެ ކަމަށެވެ.

އަބޫ އުބައިދާ ވިދާޅުވީ، މުޖާހިދުންގެ ޖަމާއަތްތަކުން ހަމަލާތައް ހުއްޓާލަން އެއްބަސްވީ، ދުޝްމަނު އިސްރާއީލު ޓެސްޓުކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުގެ އެއްކޮޅުން އަނެއްކޮޅަށް ހަމަލާތައް ދިނުމަށް މުޖާހިދުން ތިބީ ތައްޔާރުވެގެން ކަމަށެވެ.

ހަމަލާތައް ހުއްޓާލަން އިސްރާއީލުންވި އެއްބަސްވުމަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބަލާނެ ކަމަށާއި، މިސައިލްތައް ހުރީ ތައްޔާރީ ހާލަތުގައި ކަމަށްވެސް ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވުމަށްފަހު، މީގެ ކުރީގެ ފަހަރުތަކުގައި އިސްރާއީލުން އެއްބަސްވުމާ ކިތަންމެ ފަހަރަކު ޚިލާފްވެފައި ވެއެވެ.

މިފަހަރު ހަމަލާތައް ހުއްޓާލަން އެއްބަސްވި ވަގުތު ޖެހުމުގެ މިނެޓްތަކެއް ކުރިންވެސް އިސްރާއީލުންވަނީ ޣައްޒާގެ މެދުތެރެއަށް ބޮން އަޅާފައެވެ. ރައްދުގައި އިސްރާއީލާ ދިމާއަށް ދިޔައީ މިސައިލްތަކެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަލަސްތީނު ގަޑިން މެންދަމު 2:00 ގައި ވަނީ އަމަލުކުރަން ފަށާފައެވެ. މަސްރަހް އަދިވެސް އޮތީ ނުތަނަވަސް ކޮށެވެ.

އެހެން ނަމަވެސް، ޣައްޒާއާއި، ފަލަސްތީނުގެ އެހެން ރަށްތަކުގެ މަގުތަކަށް އާންމުން ނުކުމެ އުފާފާޅުރަމުން އެބަގެންދެއެވެ. ޣައްޒާގެ މިސްކިތްތަކުގެ ލައުޑް ސްޕީކަރުތަކުން ދަނީ ކެނޑިނޭޅި ތަކުބީރުގެ އަޑު އިވެމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފެށީ، އިސްރާއީލު ފުލުހުން އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ފޮނުވައި، މިސްކިތަށާއި، މިސްކިތުގައި ނަމާދަށް ތިބޭ މީހުންނަށް ހަމަލާދޭން ފެށުމުން މިސްކިތް ސަރަހައްދުން ފުލުހުން ދުރަށް ގެންދަން ހަމާސްއިން އިސްރާއީލަށް ދިން މުހުލަތު ހަމަވިއިރުވެސް އެކަން ނުކުރުމުން، ޣައްޒާގެ ތެރެއިން އިސްރާއީލަށް 3 ރޮކެޓް ފޮނުވާލުމުންނެވެ.

އިސްރާއީލުން ބުނީ، ޣައްޒާއަށް ބޮން އަޅަންފެށީ ރޮކެޓް ހަމަލާތައް ދިނުމުން ރައްދުގައި ކަމަށެވެ.

ނަމަވެސް، ދެން ފެނިގެންދިޔައީ، ޣައްޒާގެ އެތައް އިމާރާތަކާއި، އާންމުންގެ ގެތަކާއި، ސިނާއީ މަސައްކަތުގެ ތަންތަނާއި، ދަނޑުބިންތަކަށް ހަމަލާތައް ދޭން ފެށިތަނެވެ. އެ ހަމަލާތަކުގައި ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި އާންމު އެތައްބަޔަކު ޝަހީދުވާން ފެށިއެވެ.

ރައްދުގައި، ޣައްޒާގެ ޖަމާއަތްތައް ގުޅިގެން އިސްރާއީލަށް ދޭންފެށި ހަމަލާތައްވެސް ވަރަށް ވަރުގަދަ ކުރިއެވެ. އެގޮތުން، އެންމެ ޒަމާނީ ރޮކެޓާއި، މިސައިލާއި، އާރްޕީޖީ ބޮމުންވެސް އިސްރާއީލަށް ހަމަލާތައް ދޭން ފެށިއެވެ.

އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ އިރުވެސް، މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާތައްދީ، ބޮޑެތި އެތައް އެތައް ގެއްލުންތައް ދެމުންދިޔަ ދިއުމަކީ އިސްރާއީލަށް ސިހުން ގެނުވި ހަމަލާތަކެއްކަން މިހާރުދަނީ ހާމަވަމުންނެވެ.

މުޖާހިދުންގެ ޖަމާއަތްތަކުގެ ބިންގަރާސްތައް ފުނޑުފުނޑުކޮށް، އެމީހުންގެ އަޑުވެސް ޣައްޒާއިން މުޅިން ކަނޑާލާފައިނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ބުނަމުންދިޔަ ނަތަންޔާހޫއަށް ވީގޮތް ނިކަން ދެކިބަލާށެވެ.