ފަލަސްތީނާއި، އަލްޤުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ފަލަސްތީނު އިސްލާމީ އުންމަތުގެ ޒިންމާއެއް" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ އަލްމަސްޖިދުލް އަޤްޞާ ބިނާކުރެވުނި އާދަމް އަލައިހިއްސަލާމުގެ ޒަމާނުގައި ކަމަށެވެ. އަލްމަސްޖިދުލް ޙަރާމު ބިނާކުރުމާ އަލްމަސްޖިދުލް އަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ 40 އަހަރު ކަމަށާއި، މިކަމުން ﷲގެ ރިސާލަތާއި މިދެ މިސްކިތާ ހުރިގުޅުން، ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.
އިބްރާހީމުގެފާނާއި ލޫޠުގެފާނު ފަލަސްޠީނުގައި ﷲގެ ދީނަށް ގޮވާލައްވައި، ތައުޙީދުގެ ދިދަ އުފުއްލެވިކަމަށާއި، އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތީ މި ބިމުގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޔަޢުޤޫބުގެފާނާއި ޔޫސުފްގެފާނު ދުނިޔެއަށް ވަޑައިގަތީ ވެސް ހަމަ މި ބިމުގައި ކަމަށާއި، ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި، މި ބިމުގައި، ތައުޙީދުގެ ރަސްކަމެއް ޤާއިމު ކުރެއްވިމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުޢާފުޅުއިޖާބަ ކުރައްވައި، ޔަޙުޔާގެފާނު ދެއްވީ މި ބިމުގައި ކަމަށާއި، ޢިސާގެފާނު ރައްކައުވެ، ޅަފަތުގައި، މީހުންނާ ވާހަކަފުޅު ދެއްކެވީ ވެސް މި ބިމުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަލްމަސްޖިދުލް ޙަރާމުން، އިސްރާގެ ދަތުރުފުޅު ކުރެއްވީ ފަލަސްތީނުގެ ބިމަށް ކަމަށާއި، އެކަލޭގެފާނު ނަބީބޭކަލުންނާ އެކު، އިމާމުވެވަޑައިގެން ނަމާދު ކުރެއްވީ މިޙަރަމްފުޅުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއަށްފަހު މިޢުރާޖު ދަތުރުފުޅު ފެށްޓެވީ މި މާތް ޙަރަމް ފުޅުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމުން ފަލަސްތީނުގެ މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުއްމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދަވާފައެވެ.
އެހެންނަމަވެސް މުސްލިމުން ބައިތުލް މަޤްދިސް ފަތަޙަ ކުރާނެކަމުގެ ހެޔޮ ޚަބަރު ދެއްވިކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. މި ޚަބަރު ދެއްވާ ރަސުލާ صلى الله عليه وسلم ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ޤިޔާމަތުގެ 6 ޢަލާމަތެއް ވާ ކަމަށާއި، އޭގެ ތެރޭގައި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި، ބައިތުލް މަޤްދިސް ފަތަޙަ ކުރުން ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން ފަލަސްތީނުގެ މައްސަލައަކީ ދާޚިލީ މައްސަލައެއް ނުވަތަ އަރަބިންގެ މައްސަލައެއް ނޫން ކަމަށާއި، ފަލަސްތީނުގެ މައްސަލައަކީ މުޅި މުސްލިމު އުންމަތުގެ މައްސަލައެއް ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.