1980 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ ސިނަމާގައި ވިދާލި ބަތަލާ މަދޫރީ ޑިކްސިޓްއަކީ މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު މެދުކެނޑުމެއްނެތި އެފަރާތަކަށް ލިބެމުން އަންނަ ތަރިއެކެވެ.

ފިލްމު "ތޭޒާބް"، "ދިލް"، "ހަމް އާޕްކޭހޭކޯން"، "ދިލް ތޯ ޕާގަލް ހޭން"، "ސާޖަން"، "ދޭވްދާސް" ފަދަ ފިލްމުތަކަކީ މިއަދާ ހަމައަށްވެސް މަދޫރީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ފިލްމުތަކެކެވެ.

މިލިސްޓަށް އަދިވެސް އިތުރުކުރެވޭނެ ރީތި ފިލްމުތަކެއް ބަތަލާ މަދޫރީވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ބެލުންތެރިންނަށް ގެނެސްދީފައެވެ.

ކާމިޔާބު ފިލްމުތަކެއް ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށްފަހު މަދޫރީގެ ފިލްމީ ހަޔާތަށް މެދުކެނޑުމެއްއައީ 1999 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށުމާއި ވިދިގެންނެވެ.

އެކި މީޑިއާތަކުން ބަތަލާގެ އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ތަފާތު އެކިކަހަލަ ވާހަކަތައް ފެންމަތިވަމުން ދިޔައިރު އޭރުވެސް އޭނާ ދިޔައީ އެފަދަ ވާހަކަތައް ބީރު ކަންފަތެއް ދެމުންނެވެ.

އެމެރިކާގެ ލޮސް އެންޖެލެސްއަށް ނިސްބަތްވާ ޑރ. ޝްރީރާމް މާދަވް ނީންއާއި ކައިވެނި ކުރުމަށްފަހު މަދޫރީ އޭނާގެ ދިރިއުޅުން ލޮސް އެންޖެލެސްއަށް ބަދަލުކުރިއެވެ.

ލޮސް އެންޖެލެސްގެ ކެލިފޯނިއާގައި ދިރިއުޅެމުންދިޔަ ދުވަސްވަރު ވަރަށް ގިނަ ތަފާތު ތަޖްރިބާތަކެއް ކުރަން ޖެހުނުކަމަށް މަދޫރީވަނީ އެކިފަހަރުމަތިން މީޑިއާ އިންޓަވިއުތަކުގައިވެސް ބުނެފައެވެ.

އިންޑިއާގެ މުމްބާއީގެ ދިރިއުޅުމާއި އެމެރިކާގެ ކެލިފޯނިއާގެ ދިރުއުޅުން ހާސްބައި ތަފާތުކަމަށް މަދޫރީވަނީ ބުނެފައެވެ.

އިންޑިއާގައި އޭނާ ބޭރުތެރެއަށް ނުކުމެ އުޅޭއިރު އަމިއްލަ ޕްރައިވެސީއަށް ވަރަށްބޮޑަށް ވިސްނަންޖެހޭކަމަށް މަދޫރީ ބުނެފައިވެއެވެ.

އެހެންނަމަވެސް އެމެރިކާގައި އޭނާ ދިރިއުޅުނުއިރު އެއްވެސްކަހަލަ ހާސްކަމެއްނެތި ބޭރުތެރޭގައި އޭނާއަށް ނުކުމެ އުޅުމުގެ މިނިވަންކަން ލިބެއެވެ.

މީގެއިތުރުން މަދޫރީ ބުނެފައިވަނީ އިންޑިއާގައި އޭނާ ދިރިއުޅުނުއިރު ކައިރީގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ތިބެއެވެ.

މިސާލަކަށް ފިހާރައަކުން އެއްޗެއް ގަންނަން ދާން ޖެހުނަސް ނުވަތަ އެއްޗެ ކައްކަން ޖެހުނަސް އެކަމަކަށް ހާއްސަ މީހުން ތިބެއެވެ.

ނަމަވެސް އޭނާގެ އެމެރިކާގެ ދިރިއުޅުން މުޅީން ތަފާތެވެ.

ހުރިހާކަމެއްވެސް އޭނާކުރަނީ އަމިއްލައަށްކަމަށާއި ގެއަށް ބޭނުންވާ ތަފާތު އެކި ސާމާނުތައް ގަންނަންވެސް ދަނީ އޭނާކަމަށް މަދޫރީވަނީ ބުނެފައެވެ.

މީގެންވެސް އޭނާއަށް ދޭހަވިކަމަކީ ދިރިއުޅުމުގައި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާ މިންވަރެވެ.

ބައެއްފަހަރު އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަކީ ވަރަށް އެހެންކަހަލަ އުފަލެއް އިހުސާސްކުރުވާ ކަމެއްކަމަށް މަދޫރީވަނީ ބުނެފައެވެ.

އެމެރިކާގައި ގިނަ ދުވަސްތަކަކަށް ދިރިއުޅުމަށްފަހު މަދޫރީވަނީ އާއިލާއާއެކު 2011 ވަނަ އަހަރު އެނބުރި އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އަދި އަލުން އޭނާވަނީ ފިލްމީ ދައިރާއާއިގުޅި ބައެއް ފިލްމުތަކުގައި މަސައްކަތްވެސްކޮށްފައެވެ. އޭގެތެރޭގައި ފިލްމު "އާޖާ ނަޗްލޭ"، "ކަލަންކް" އަދި ފިލްމު "ޔޭ ޖަވާނީހެ ދިވާނޭ" ހިމެނެއެވެ.

މީގެއިތުރުންވެސް މަދޫރީވަނީ ސޮނީ ޓީވީއިން ދައްކަމުން އައި ނެށުމުގެ ޝޯވް "ޖަލަކް ދިކް ލާޖާ" ގައި ޖަޖެއްގެގޮތުގައި މަސައްކަތް ކޮށްފައެވެ.

އަދި މިހާރު ކަލަރޒްއިން ދައްކަމުން އަންނަ "ޑާންސް އިންޑިއާ ޑާންސް" ގެވެސް ޖަޖެއްގެގޮތުގައި މަދޫރީ އަންނަނީ މަސައްކަތް ކުރަމުންނެވެ.