ދާދިފަހުން ރިލީޒްވި ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" ގައި ޚާއްސަ ރޯލަކުން ފެނިގެންދިޔަ ކުޅަދާނާ އެކްޓަރު ޖެކީ ޝްރޮފް އިންޓަނޭޝަންލ ފިލްމަކަށް ސޮއިކުރިކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

ވަކި ނަމެއް އަދި ހަމަޖެހިފައިނުވާ މިފިލްމީ ޕްރޮޖެކްޓަކީ މަޝްހޫރު މިއުޒީޝަން "ސްލޯ ޖޯ" ގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރެވޭ ފިލްމެކެވެ.

ޖެކީ ޝްރޮފްއަކީ މިހާތަނަށް ވަރަށް ތަފާތު ކެރެކްޓަރތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު އެކްޓަރެކެވެ.

އެހެންކަމުން ފްރާންސްގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު 64 އަހަރުގެ މިއުޒީޝަނުގެ ހަޔާތުގެ މައްޗަށް ބިނާކުރާ މިފިލްމުގައިވެސް ޖެކީ އޭނާގެ ހުނަރު ވަރަށް ރަގަޅަށް ދައްކުވައިދޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިއުޒީޝަން ސްލޯ ޖޯގެ ބައޯޕިކް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ "ވައި ޗީޓް އިންޑިއާ" ގެ ޓީމްގެ ފަރާތުންނެވެ.

މިބައޯޕިކްގެ ކޯ ޕްރޮޑަކްޝަންގައިވެސް ބޭރުގެ ތަފާތު އެކި ޕްރޮޑަކްޝަން ހައުސްތަކަށް ނިސްބަތްވާ ކުޅަދާނަ ޕްރޮޑިއުސަރުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ސިންގަޕޫރުގެ ޑަރޕަން ގްލޯބަލް މެނަރގެ ޕްރޮޑިއުސަރަކާއެކު ފްރާންސް އަދި އިންޑިއާއިން ހޮވާލެވޭ ޕްރޮޑިއުސަރުން ހަރަކާތްތެރި ވާނެއެވެ.

މިބައޯޕިކް ފިލްމުގެ ޝޫޓިންގް ފަށަން މިއަހަރުގެ ފަހުކޮޅު ތައްޔާރުވަމުން އަންނައިރު ބެލެވޭގޮތުގައި މިހާރުގެ ޝެޑިއުލްއަށް ބަދަލުވެސް އައުން އެކަށީގެންވެއެވެ. އެއީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ނުރައްކާ ބޮޑުވަމުން އައުމާއެކު އެހާތަނަށް ހާލަތު ބަދަލުވެގެންދާނެ ގޮތެއް ނިންމަން އަދި ނޭނގޭތީއެވެ.

ފިލްމު ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބާއި، ގޯއާގެ އިތުރުން ފްރާންސްގައެވެ.

ރިޕޯޓްތައް ބުނާގޮތުން މިފިލްމުގެ ޑައިލޮގްސް ތައްޔާރުކުރާނީ އިނގިރޭސި ބަހުންނާއި ފަރަންސޭސި ބަހުންނެވެ.

1943 ވަނަ އަހަރު އިންޑިއާގެ ބޮމްބޭއަށް އުފަން ސްލޯ ޖޯއަކީ އަބަދުވެސް މިނިވަންކަމަށް ވަރަށް ބޮޑަށް ލޯބިކުރި ފަންނާނެކެވެ.

އެތައް އަހަރުތަކެއް ވަންދެން މިނިވަންކަމަށް އުފެދުނު ލޯތްބާއެކު އޭނާ ދިޔައީ ލަވައާއި ޅެމުގެ ސިފައިގައި ހިތުގައި އުފެދުނު ޝުއޫރުތައް ފާޅުކުރަމުންނެވެ.