ރާއްޖޭގައި މޫދު ކުޅިވަރު ކުރިއެރުވުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑު ޕްރޮޖެކްޓެއް ފަށައިފިއެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ތެރެއިން ރާއްޖޭގެ 8 ރަށެއްގައި ސާރފް ޝެކް އެޅުމަށް ކައުންސިލްތަކާއި ހަވާލު ކޮށްފައިވައިވާކަމަށް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސާރފް ޝެކް އެޅުމަށް ކަނޑައަޅާފައިވާ ރަށްތައް:

  • ނ. ޅޮހި
  • ރ. ރަސްމާދޫ
  • ކ. ތުލުސްދޫ
  • ކ. ހިންމަފުށި
  • ޅ. މާބައިދޫ
  • ގދ. ގައްދޫ
  • ގދ. ވާދޫ
  • ފުވައްމުލައް ސިޓީ

މިނިސްޓަރ މަހްލޫފް ވިދާޅުވީ މި ރަށްތަކުގައި ސާފް ޝެކްތައް އެޅުމަށް ހަމަޖެެހިފައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މޫދު ކުޅިވަޅުތައް ކުޅެެވޭނެ އިންތިޒާމް ހަމެޖެއްސުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެެއިން ކަމަށެވެ.

8 ރަށެއްގައި ރަނގަޅު ފެންވަރުގެ ސާފް ޝެކް އެޅުމަށް މިނިސްޓްރީން ކައުންސިލްތަކާއި ހަވާލުކޮށްފައިވާއިރު މި ރަށްތަކުގައި ސާރފް އާއި ބޮޑީބޯޑިންގ އަށް ބޭނުންވާ ސާމާނު ކުޅިވަރު ވުޒާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ރަށްތަކުގައި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކާއި މުބާރާތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މި ސާފް ޝެކްތަކުގައި ސާފިން އަދި ބޮޑި ބޯޑިން އަޅާ ކުދިން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. އަދި އެކުދިން ގެންގުޅޭ ސާފް ބޯޑްތަކާއި ބޫގީ ބޯޑްތައް ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައްވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެކަނި މާލޭގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި މަރުކަޒުތައް ތަރައްގީކުރުމުގެ ބަދަލުގައި މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި މުޅި ރާއްޖޭގައި އެކިއެކު ކުޅިވަރު ކުޅޭނެ އިންތިޒާމްތައް ދަނީ ހަމަޖައްސައި ދެމުންނެވެ. އަދި ހަމައެކަނި ފުޓްސަލް އާއި ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ ބަދަލުގައި ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ވަސީލަތްތައް ގާއިމް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ހއ. ދިއްދޫއާއި، ރ. ކިނަޅޮހާއި، އއ. އުކުޅަސް އަދި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ. އެހެންކަމުން ރާއްޖޭގެ ހަތަރު ރަށެއްގައި މިހާތަނަށް އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައިވާއިރު، އިތުރު 25 ރަށެއްގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- މީސްމީޑިއާ

މީގެއިތުރުން މާލެ ސިޓީގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމް ކޮށްފައިވާއިރު މި ފެސިލިޓީއަށް މި ކުޅިވަރުން ދުނިޔޭގައި ރަންވަނަ ހޯދާފައިވާ ފަރާތްތަކުންވެސް ވަނީ ތައުރީފު ކޮށްފައެވެ. އަދި ހަމައެހެންމެ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ދަނޑެއްވެސް އެޅުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގައި އެޅުމަށް ތައްޔާރުވާ ކްރިކެޓް ސްޓޭޑިިއަމް

އަދި 1996 ވަނަ އަހަރުން ފެށިގެން މުޅި މާލޭގެ ރައްޔިތުން ކަސްރަތުކުރުމަށްޓަކައި އަދި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ތަފާތު އެތައް ހަރަކާތްތަކެއް ހިންގަމުން އައި އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.