ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ބަޔާން މިއުނިކުން އެފްސީ އޯގްސްބާގް އަތުން މޮޅުވި މެޗަށްފަހު ލީގު އައްޑަނަ އުފުލާލިއިރު އެޓީމުގެ ތަރި ލެވަންޑޮސްކީ ތާރީހީ ރެކޯޑެއް ހަދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 2-5 ގެ ފަރަގު ބޮޑު ނަތީޖާ އަކުންނެވެ.

މެޗުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ލެވަންޑޮސްކީ ބަޔާންގެ 5 ވަނަ ލަނޑު ކާމިޔާބުކުރުމާއެކު އޭނާ ވަނީ މި ސީޒަނުގައި ބަޔާން އަށް ޖުމްލަ 41 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލަނޑު ޖެހުމަށްފަހު ލެވަންޑޮސްކީ އުފާ ފާޅުކުރަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

މިއާއެކު މީގެ 49 އަހަރުކުރިން ފުޓުބޯޅަ ލެޖެންޑް ގާޑް މުލާ ހަދާފައިވާ އެއް ސީޒަނެއްގައި ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ލެވަންޑޮސްކީ ވަނީ މުގުރާލާފައެވެ. މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ.

ތާރީހީ ރެކޯޑެއް ލެވަންޑޮސްކީ މުގުރާލި މެޗުގައި ބަޔާންގެ އަނެއް ހަތަރު ލަނޑު ކާމިޔާބުކުރީ ކިންގްސްލީ ކޯމަން އާއި، ޔޯސުއާ ކިމިޗް އާއި، ސާޖް ގްނަބްރީ އަދި ޖެފްރީ ފޯވިލިއުއެވެ. އަދި މެޗުގައި އޯގްސްބާގުން ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އަންޑްރޭ ހާން ކާމިޔާބުކުރި އިރު ދެވަނަ ލަނޑު ޖަހައިދިނީ ފްލޯރިއަން ނެއިޑާލާޝްނާއެވެ.

މެޗަށްފަހު ބަޔާން އިން ލީގު ޓައިޓަލްގެ އައްޑަނަ އުފުލާލިއިރު މިއީ ބަޔާން އިން ޖަރުމަނު ބުންޑަސްލީގާ ޖެހިޖެހިގެން ކާމިޔާބުކުރި ނުވަވަނަ ސީޒަނެވެ. މިއާއެކު އެޓީމުން ވަނީ އިޓަލީގެ ޔުވެންޓަސް އިން ހަދާފައިވާ ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ. އެއީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން ނުވަ ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރިކޯޑު