އިޒުރޭލުން ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށް ފަލަޞްޠީނުގެ ބިންތައް ހިފުމަށް ހިންގާ ކެމްޕެއިންގެ ދަށުން ދިން 11 ދުވަހުގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށްފަހު ޙަމާސް ޖަމާޢަތަށް މިވަނީ އިންޒާރެއް ދީފައެވެ. އެއީ ތަޅާފޮޅުމާއި ހަމަނުޖެހުން ހިންގަން ފެށުމުގެ ކުރީން ދެފަހަރު ނުވަތަ ތިންވަނަ ފަހަރުވެސް ވިސްނަންޖެހޭނެ ކަމުގައެވެ.

މި އިންޒާރު ދީފައިމިވަނީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސް މުސްތަޝާރު ކަމުގައިވާ މާރކް ރެގޭވްއެވެ.

ފާއިތުވެދިޔަ ހަފްތާ ނިމެނިކޮށް އިޒުރޭލުން ވަނީ ޙަމާސްއާއި އެކު ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާދިނުން ހުއްޓައިލިކަން އިޢުލާން ކޮށްފައެވެ. އިޒުރޭލުގެ މި ޙަމަލާތަކަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް އިޒުރޭލުން އަނިޔާވެރިވުން އިތުރުކުރާ ކޮންމެ ފަހަރަކު ފަލަޞްޠީނުގެ ރައްުޔިތުން އިޒުރޭލު ސިފައިންނާއި ކުރިމަތިލާން ފެށުމުން ދެމުންދާ ޙަމަލާތަކެކެވެ. އަދި މިޙަމަލާތައް އަންނަނީ ފަލަޞްޠީނަށް އިޒުރޭލުންކުރާ ދުއްތުރާތަކަށް ރައްދު ދިނުމުގެގޮތުން ޙަމާސް ޖަމާޢަތުންވެސް އިޒުރޭލަށް ރޮކެޓުގެ ޙަމަލާދޭން ފެށުމުންނެވެ. އިޒުރޭލުން ބުނަނީ މިއީ އެމީހުންގެ އަމިއްލަ ދިފާޢުގައިދޭ ރައްދެއް ކަމުގައެވެ. ނަމަވެސް މި ޙަމަލާތައް އަބަދުވެސް ފަށަނީ އިޒުރޭލުންނެވެ. އެއީ އެމީހުން ފަލަޞްޠީނުގެ ބިންތައް ހިފުމަށް ހިންގާ ކެމްޕޭން ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެކެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރީން އޭގެ ކުރީ ހަފްތާގެ ހުކުރުދުވަހު އިޒުރޭލުން ފަލަޞްޠީނަށް ޙަމަލާތައްދޭން ފެށުމަށްފަހު އިޒުރޭލުން މީޑިއާތަކެއް މެދުވެރިކޮށް ޙަމަލާތައް އިތުރުކުރުމަށް މަސައްކަތް ފެށިއެވެ. ފަލަޞްޠީނުގެ ރައްޔިތުންނާއި ޙަމާސް ޖަމާޢަތް ކަންބޮޑުކޮށްލާނެ ރޭވުމެއްގެ ދަށުންނެވެ. އެގޮތުން މީޑިއާތައް މެދުވެރިކޮށް ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކުރުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒުރޭލު ސިފައިންގެ ހަނގުރާމައިގެ ފައުޖުތައް އެއްގަމުމަގުން ޣައްޒާގެ ތެރެއަށް ޙަމަލާދެމުންދާ ކަމުގައެވެ.

އޮޅުންބޮޅުންތަކާއި ކަންބޮޑުވުންތައް ހިމެނޭގޮތުން ދިން މިބަޔާން މީޑިއާތަކުން ގެނެސްދޭންފެށީ އިޒުރޭލުގެ ބާރު ހުރިވަރު ފަވަމުންނެވެ. އަދި އަޑުތައް އަރުވައިލީ އިޒުރޭލުގެ ސިފައިން ޗެކް ޕޮއިންޓުތައް ހަދައިގެން ތިބި ޣައްޒާއަށް އެއްގަމުމަގުން ޢަސްކަރީން އަރައިގަނެ ޙަމަލާދޭން ފެށައިފި ކަމުގައެވެ. މިއީ ޙަމާސްއާއި ދެކޮޅަށް ކަމަށްބުނެ އިޒުރޭލުން ފަލަޞްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވުން އިންތިހާއަށް ގެންދާނެ ކަމެއްކަމުގެ ބިރު ހީވެގެންދިޔަ ކަމެކެވެ. ބައެއް ނޫސްވެރީންގެ ގާތުގައި އިޒުރޭލުން ބުނެފައިވަނީ އެއިރު ޙަމަލާތައް ދޭންވެސް ފަށައިފި ކަމުގައެވެ.

ނަމަވެސް އެ ހަބަރުތައް މީޑިއާތައް މެދުވެރިކޮށް ލިޔުއްވައި ޝާއިޢު ކުރުވިފަހުން އިޒުރޭލުން އެހެން ބަޔާނެއް ނެރުނެވެ. އޮޅުމެއް ސާފުކޮށްދޭން ކަމަށް ބުނެފައެވެ. އިޒުރޭލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް ޙަމަލާތައް ދޭންފެށިކަމަށް އެތައް މީޑިއާތަކަކުން އޮޅިގެން ކަމަށް ހަދައިފައި ރިޕޯރޓުކުރަން ފަށައިފައިވަނިކޮށް އިޒުރޭލުގެ ޢަސްކަރީންގެ އެއްގަމު ފައުޖުތަކެއް ޣައްޒާގައި ނެތްކަމަށް ބުނެ ނެރުނު ބަޔާނެވެ.

މިއީ އޮޅުމަކުން ހިނގައިދިޔަކަމެއް ކަމަށްބުނެ އިޒުރޭލު ސިފައިން ކުޅެންއުޅުނު ކުޅިގަނޑު ރަނގަޅަށް ކުޅެލި ބަޔާނެކެވެ. ސިޔާސީ ފަރާތްތަކުން އިޒުރޭލުގެ މި ކުޅިގަނޑު ބަލަން ތިބުމަށްފަހު ފުރަތަމަ ކުށްވެރިކުރީ މީޑިއާތަކެވެ. އަދި ޢަސްކަރީ ފާޑުކިޔުންތައް އިޒުރޭލު ސިފައިންނަށް އަމާޒުވެ މިއީ ޙަމާސްގެ ހަނގުރާމަވެރީން ޖެއްސުމަށް ޖެއްސުމަށް އިޒުރޭލުން މީޑިއާ މެދުވެރިކޮށް ކުރިވި ކަމެއް ކަމަށް ބުނަންފެށިއެވެ. އެއީ ޙަމާސް ޖަމަޢާތުގެ މުޖާހިދުން މަރުގެ އަނދަވަޅަކަށް ވައްޓައިލާ އެތައް މުޖާހިދުންނެއް ޝަހީދުކޮށްލުމަށް ދަމައިލި ވަދެއްކަމަށްވެސް އެމީހުން ބުނަމުން ދިޔައެވެ.

އިޒުރޭލުގެ ޗެނެލް 13 ޓީވީގެ ޢަސްކަރީ ކަރަސްޕޮންޑެންޓް އޯރ ހެލަރ ބުނީ އެއީ އިޒުރޭލުން ހެދި ދޮގެއް ނޫންކަމުގައެވެ. އެއީ ރޭވުމެއްގެ ތެރެއިން ޙަމާސް ބިރުގަންނަވަން ނުވަތަ ވާވައްދަންކުރި ކަމެއް ކަމުގައެވެ. އަދި ވަރަށް ކުޅަދާނަކަމާއި އެކު އެކަން ކާމިޔާބު ކުރި ކަމުގައެވެ.

ހިންގމުންމިދާ މޭމަހުގެ 7 ވަނަ ދުވަހުގެ ރޭގެ މެންދަމު އިޒުރޭލުން މީޑިއާތައް ލައްވައި ކުޅުވި ނުރައްކާ ކުޅިގަނޑު ސާފުވީ މާފަހުންނެވެ. އެއީ އިޒުރޭލުން ޣައްޒާއަށް ބޮންއަޅައި ވައިގެ ގަދަފަދަ ހަމަލާތައް ދޭންފެށިތާ ހަފުތާއެއްނުވެ ޖެހިގެން އައި ބުރާސްފަތި ދުވަހު އިޒުރޭލުން ބުނީ ޢަސްކަރީންގެ ހަނގުރާމަމަތީ ފައުޖުތައް އެއްކޮށް ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރަން ފަށައިފި ކަމުގައެވެ. އެއީ އެއްގަމު މަގުން ޙަމަލާތަކެއްދޭން ތައްޔާރުވާންޖެހިދާނެ ކަމަށެވެ. ހަމަ އެއާއި އެކު އެކަން އިތުރަށް ގޯސްކުރުމަށްޓަކައި ޣައްޒާއަށް އަމާޒުކޮށް އިޒުރޭލުން ރޮކެޓު ޙަމަލާތަކެއް ޣައްޒާއަށް ދޭންފެށިއެވެ.

ކުރީން މިގޮތަށް އިޒުރޭލުން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި އެއްގަމު ސިފައިން ވަދެ ޣައްޒާ ފުނޑުފުނޑު ކުރަމުން ގެންގޮސްފައިވާއިރު ޝަހީދުވާ ފަލަޞްޠީނުގެ ރައްޔިތުންގެ އަދަދު ވަރަށް މައްޗަށް ގޮސްފައިވެއެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ހުއްޓުވުމަށް މުޖާހިދުން ނިކުމެދާނެތީ ކުރިއަށްލައި ރޭވި ރޭވުންތައް މީޑިއާތައް މެދުވެރިކޮށް ކާމިޔާބުކުރިއެވެ. އަދި އެއަށްފަހު ޣައްޒާގެ ތެރެއަށް އެއްގަމު މަގުން ވަދެގަތުމަށް ތައްޔާރުވަމުން ދިޔަކަން ދެއްކުމަށް ކުރި މަސައްކަތްތައް ހުއްޓައިލާ ސިފައިންތައް އެ ސަރަޙައްދުގެ އެކި ހިސާބުތަކަށް ބަހައިލިއެވެ. އެއަށްފަހު މީޑިއާތަކަށް ބަޔާން ދިނުމަށްފަހު ހިބުރޫ ބަހާއި ޢަރަބި ބަހުން ޓވިޓަރގައި އެވާހަކަ ތަކުރާރުކުރަމުން ގެންދިޔައެވެ. އެއާއި އެކު އިޒުރޭލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް ވަދެގަންނަން ފަށައިފިކަމަށް ނިޔުޔޯކް ޓައިމްސްއާއި އެހެނިހެން ބޮޑެތި މީޑިއާތަކުން ރިޕޯރޓުކުރަން ފެށިއެވެ.

އިޒުރޭލުގެ މީޑިއަތަކުން ރިޕޯރޓުކުރީ އިޒުރޭލުގެ މި ޙަރަކާތްތަކާއި ގުޅިގެން ޙަމާސްއިން ދިފާޢީ މަޤާމަކަށް ވެއްޓިގެންދިޔަ ކަމުގައެވެ. އަދި ބިންގަރާސްތަކަށްވަދެ ފިލީ ކަމަށް ބުނެފައިވެއެވެ.

އިޒުރޭލުގެ ޢަސްކަރިއްޔާއިން ބުނީ މިއާއި އެކު ޙަމާސްގެ ބިންގަރާސްތަކަށް އިޒުރޭލުގެ 160 ޖެޓުން 40 މިނިޓްވަންދެން ބޮންއަޅަމުން ގެންދިޔަ ކަމުގައެވެ. އަދި ޙަމާސްގެ އެއްތައް މުޖާހިދުންނެއް ޝަހީދުވި ކަމަށްބުނި ނަމަވެސް މުޅީން ސާފު ނޫންކަމަށް ބުނެފައިވެއެވެ. ނަމަވެސް ކިހާ މުޖާހިދުންނެއްކަން ބުނަން ނޭނގޭ ކަމުގައެވެ. އޯ ހެލަރ ބުނެފައިވަނީ އިޒުރޭލުން ދިން ޙަމަލާތަކަކީ މީޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ޙަމަލާތަކެއް ކަމުގައެވެ.

ނަމަވެސް ޙަމާސްއިން މިކަމާ އެއްވެސް ބަހެއް ބުނެފައެއްނެތެވެ. އެހެންވީމާ އިޒުރޭލުގެ ރިޕޯރޓުތައް ކަށަވަރުކުރުން މުސްތަޙީލުވެގެން ދިޔައެވެ.

މީގެ އިތުރުން ހެލަރަ ބުނެފައިވަނީ އިޒުރޭލުގެ ޢަސްކަރިއްޔާއައި ގާތްގުޅުން އޮންނަ އިޒުރޭލުގެ ކަރަސްޕޮންޑެންޓުން ޢަސްކަރީންނަށް ވަރަށް ބޮޑަށް އެހީތެރިވެދިން ކަމުގައެވެ. ނަމަވެސް އެފަދަ ދަނޑިވަޅެއްގައި އިޒުރޭލު ސިފައިން ޙަމާސްގެ ބާރު އޮތް ސަރަޙައްދެއްގެ ތެރެއަށް ވެއްދުމަކީ އިޒުރޭލުން ކުރާނެ ކަމެއްނޫން ކަމުގައެވެ. އެހެންވީމާ ކަންބޮޑުވެ ހާސްކަންމަތީ ތިބި ޢާންމުންނަށް އޮޅުމެއްއެރިޔަ ނުދޭންވެގެން ނޫސްވެރީންނާއި ޢަސްކަރީން ޓްވިޓަރ މެދުވެރިކޮށް ޣައްޒާގެ ތެރެއަށް އެއްގަމުމަގުން ސިފައިން ނުވަންނަ ކަމަށް ބުނަމުން ގެންދިޔައީއެވެ. އަދި ކުރީން އެއީ އޮޅުމެއްކަމަށް ބުނަމުން ގެންދިޔައެވެ.

ޣައްޒާގައި ތިބި ބައެއް މީޑިއާތަކުން ޢަސްކަރީ އޮފިޝަލުންނަށް ފޯނުން ގުޅައި އަދި އިޒުރޭލު ސިފައިންގެ ބަޔާން ދިރާސާކުރުމަށްފަހު އެއްގަމުމަގުން އެއްވެސް ޙަމަލާއެއް ނުފަށާކަމަށް ނިންމައި އެކަން ރިޕޯރޓުކުރީ ޣައްޒާއގެ ތެރޭގައި އެއްގަމު ސިފައިންގެ އެއްވެސް ޙަރަކާތެއް ނުހިންގާ ކަމަށެވެ. ނަމަވެސް ފަހުން ޚަބަރު ލިބުނީ ޣައްޒާގައި އެމީހުނާއި އެހެން މީޑިއާތައްހުރި އިމާރާތަށް އިޒުރޭލުން ބޮންއަޅައި އެތަން ހަލާކުކޮށްލި ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ އިޒުރޭލުން އެމީހުންނަށް އޮޅުވައިލައިގެން ދޮގުހެދީ ކަމުގައެވެ. އަދި ބައެއް މީޑިއާތަކަށް އިހުސާސްކުރެވުނީ އިޒުރޭލުގެ ނަޖިސް ސާފުކޮށްދިނުމަށް ބޭރުގެ މީޑިއާތައް ބޭނުން ކުރި ކަމަށެވެ.

ވޯލްސްތްރީޓުގެ ކަރަސްޕޮންޑެންޓް ފެލީޝިއާ ޝްވާރޒް ބުނެފައިވަނީ އިޒުރޭލުގެ ޢަސްކަރީ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސްގެ ފަރާތުން ޚައްޞަ ކަށަވަރުކަމެއް ހޯދައިގެން އެއްގަމު ސިފައިން ޣައްޒާއަށް ވަންކަމަށް އެ ނޫހަށް ކުއްލި ޚަބަރު ފޮނުވައިދިން ކަމުގައެވެ. އަދި ޓުވިޓަރގައި ކުރި ޝާއިޢުއެއްގައި ބުނެފައިވަނީ ކޮންރިކަސް ސީދާ އޭނާއި ވާހަކަދައްކައި އެއްގަމު ސިފައިން ޣައްޒާގައި ތިބި ކަމަށްބުނި ކަމުގައެވެ. އެއީ އެވާހަކަ ފުރަތަމަ ނިކުތް ބިންގަލެވެ. އޭގެ ދެގަޑިއިރުފަހުން ކޮންރިކަސް އޭނާގެ ބަޔާން ބަދަލުކުރިކަމަށާ އޭނާ ކުރަމުންދިޔަ ރިޕޯރޓު ފަހުން އެގޮތަށް ބަދަލުކުރިކަމަށްވެސް ފެލީޝިއާ ބުނެފައިވެއެވެ.

ޖެހިގެންއައި ހުކުރުދުވަހު ކޮންރިކަސް ނޫސްވެރީންނާއި ބައްދަލުކޮށް އޭނާކުރި އެ ނުބައިކުށުގެ އަޞްލަކީ އޮޅުމެއްކަމަށް ނޫސްވެރީންގެ ގާތުގައި ބުނެފައިވެއެވެ. އަދި ބުނެފައިވަނީ އެފަދަ ހަނގުރާމައިގެ ދަނޑިވަޅެއްގައި އެތައް ކަމެއް ހިނގަމުންދާއިރު އެފަދަ ކަމެއް ހިނގައިފާނެ ކަމުގައެވެ. އަދި ހިނގައިދާ ކަންކަމުގެ ޙަޤީޤަތް ސާފުނޫން ޙާލަތެއްގައި ހަނގުރާމަ ކުރިއަށްދާއިރު އެއީ ވެދާނެވެސް ކަންކަން ކަމުގައެވެ. ނަމަވެސް އެއީ ނުރަނގަޅު މަޢުލޫމާތެއްކަން އެނގުނު ހިސާބުން ކަމާގުޅޭ ހުރިހާ ފަރާތަކަށް އެކަން ސާފުކޮށްދިނީ ކަމުގައި ބުނެފައިވެއެވެ.

ނަމަވެސް ބައެއް ކަރަސްޕޮންޑެންޓުންގެ ސުވާލުތައް އަދިވެސް އެބަހުއްޓެވެ. އެމީހުން ދެކޭގޮތުގައި އެފަދަ ނޫސްވެރީން މެދުވެރިކޮށް އެމީހުންގެ ނަހަމަ ބޭނުންކުރިކަމަށްވާނަމަ އެއީ ޤަބޫލުކުރެވޭވަރުގެ ކަމެއްނޫނެވެ. އަދި އެހެން ނޫން ކަމުގައިވާނަމަ ދައްކަންއުޅެނީ ކޮންވާހަކައެއް ހެއްޔެވެ؟ އަދި އެމީޑިއާތަކުގެ ބޭނުން ނަހަމަ ގޮތުގައި އިޒުރޭލުން ހިފިއިރު އިޒުރޭލުގެ މީޑިއާއިން އެ މީޑިއާތައް ޙިލަތުގެ މަޅިއެއްގައި ޖެއްސީ ކީއްވެ ހެއްޔެވެ؟

ދުނިޔޭގެ އެކި ޢަސްކަރިއްޔާތަކުން އެމީހުންގެ ދުޝްމަނުން ކަމަށް ދެކޭ މީހުނާއި ދެކޮޅަށް ޙިލަތްތެރި މަކަރުވެރި ރޭވުންތަކާއި އުކުޅުތައް ބޭނުންކުރެއެވެ. ހަމަ އެގޮތަށް މީގެ ދެއަހަރު ކުރީންވެސް އިޒުރޭލުން އެފަދަ ޙިލަތްތެރި އުކުޅެއް ޙިޒުބުﷲއާއި ދެކޮޅަށް ރާވައިފައިވެއެވެ. އެގޮތުން ޙިޒުބުﷲއިން ދިން ޙަމަލާއެއް ކަމަށްބުނެ މީހަކު ޒަޚަމްވެފައިވާ ކަމަށް ދައްކައި ބެންޑޭޖު އަޅުވައިގެން މީހަކު ހެލިކޮޕްޓަރަކަށްލައިގެން ހޮސްޕިޓަލަކަށް ގެންދިޔަ މަންޒަރު ދައްކައިފައިވެއެވެ. އެމަންޒަރުގައި އެތައް ބަޔަކު އެހިސާބަކުން ދުރަސް ގެންދިޔަ ގޮތްވެސް ހަދައިގެން ދައްކައިފައިވެއެވެ.

އޭރު ނިކުތް ރިޕޯރޓުތަކުގައި ބުނެފައިވަނީ އިޒުރޭލު ސިފައިން މި ޒަޚަމެއްގެ ޑުރާމާ ދައްކައިފައިވަނީ ޙިޒުބުﷲ ޖަމާޢަތަށް އޮޅުވައިލުމަށެވެ. އެމީހުންގެ ޙަމަލާއެއް ކާމިޔާބުކަމަށް ދައްކައިގެން އިޒުރޭލުން ފެށި ޙަމަލާތަކެއް ހުއްޓުމަށް ޙިޒުބުﷲ ޖަމާޢަތާއި އެކު އެއްބަސްވުމަކަށް އައުމުގެ މަޤުޞަދުގައި ކަމަށެވެ.

އިޒުރޭލުން ކުރީ ހަފްތާގެ ހުކުރުދުވަހު ޙީލަތްތެރިކަމާއިއެކު ނެރުނު އޮޅުވައިލުމުގެ ބަޔާން މިހާރު ވެގެން ގޮސްފައިވަނީ ބޭރުގެ މީޑިއާތަކާއި އިޒުރޭލު ސިފައިންނާއި ދެމެދު އޮތް ގުޅުން ނުތަނަވަސްކޮށްލި ކަމަކަށެވެ.

އިޒުރޭލުން ބޭރުގެ މީޑިއާތަކަށް ކުރީން ކަނޑައަޅައިފައިހުރި ތަރުޖަމާނު ޕީޓަރ ލާރނަރ ބުނެފައިވަނީ އިޒުރޭލުގެ ޢާންމު ޔަހޫދީންނަށް އިޙުސާސްކުރެވިފައި އޮންނަނީ ބައިނަލްއަޤުވާމީ މީޑިއާތަކުން އެމީހުންގެ ކަންބޮޑުވުންތަކަށްވުރެ ބޮޑަށް ފަލަޞްޠީނު ފަޅިއަށް ސަމާލުކަންދޭ ކަމަށެވެ. އަދި ސިފައިންވެސް ކިޔަނީ ހަމަ އެހެން ކަމުގައެވެ. އަދި އޭނާ ދެކޭގޮތުގައި ބައިނަލްއަޤުވާމީ މީޑިއާތަކުގެ ކުރިމަތީގައި އިޒުރޭލުން ދޮގެއް ނުހަދައެވެ.

ލާރނަރ އެހެން ބުނި ނަމަވެސް ޙަޤީޤަތަކީ އެއެއްނޫނެވެ. އަދި ލާރަނަވެސް ބުނެފައިވަނީ އެކަން އެހެން އޮވެމެ ގެއްލުންތައްވަނީ ލިބިފައެވެ. ކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އޭނާވެސް އެއްބަސްވެއެވެ. އޭނާ ބުނެފައިވަނީ ބުނާބަހުގެ ތެދުވެރިކަން އޮންނަނީ އެމީހެއްގެ އަތުގައިވާ ސިއްކައިގައެވެ. އެހެންވީމާ ތެދުވެރިކަމާއި ޔަޤީންކަމުގެ މައްސަލަ ސިފަކުރެވިފައި އެވަނީ އެކަން އޮންނަންވީގޮތަށް ކަމަށް އޭނާ ބުނެއެވެ.