އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ސީޒަނުގެ އެންމެފަހު މެޗުގައި ބޮލޯނިއާގެ މައްޗަށް ކުރިހޯދާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ނުދިޔަނަމަވެސް އެޓީމުގެ ފޯވާޑް ލައިން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ޓީމެއްގެ ގޮތުގައި ކުޅެ ޔުވެންޓަސް އިންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
ޔުވެންޓަސް އިންވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިއޭސާ އެވެ. ފުރަތަމަ ހާފު މުޅިންހެން ޑޮމިނޭޓްކުރި ޔުވެންޓަސް އިންވަނީ މި ހާފުގައި އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 29 ވަނަ މިނެޓުގައި ޑިބާލާ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިން އިރު ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަބިއޮޓް އެވެ.
ޔުވެންޓަސް އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މޮރާޓާ އެވެ. މިއީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގައި ބޮލޯނިއާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮރްސޮލީނީ އެވެ.
މި މޮޅާއެކު ޔުވެންޓަސް އިން ޕޮއިންޓު ތާވަލުގެ ހަތަރުވަނަ އަށް ޖެހިލިއިރު އެޓީމަށް ވަނީ 38 މެޗުން 78 ޕޮއިންޓު ހޯދާފައެވެ. ޔުވެންޓަސް އަތުން ބަލިވި ބޮލޯނިއާ އަށް 38 މެޗުން 41 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 12 ވަނައެވެ. މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބު ކޮށްފައިވަނީ އިންޓާ މިލާނުންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު އިންޓާ އިން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.