މަރަކީ އެ އައިސް ބައްދަލުކުރާނީ ކޮން ވަގުތެއްގައިކަން ނޭނގޭ ހަގީގަތެކެވެ. އެހެންނަމަވެސް މަރުވާނެކަން އެންމެނަށްވެސް އެނގެއެވެ. މޮޅު ގޮތަކީ އަބަދުވެސް މަރަށް ތައްޔާރުވެ އާހިރަތް ކާމިޔާބުކުރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރުމެވެ.

ދުނިޔޭގެ ކަންކޮޅު ތަކުގައި ތަފާތު އެކި ސަބަބުތަކާއި ހެދި އެތައް ބަޔެއް މި ވަގުތީ ދުނިޔެ އާއި ވަކިވެ ދެއެވެ. ބައެއް މީހުން ކަނޑުވުމުގެ ސަބަބުން، ނުވަތަ ކާރިސާއެއްގެ ތެރެއިން ނުވަތަ ރަހުމުކުޑަ އެހެން އިންސާނެއްގެ ޝިކާރައަކަށްވެ އެވެ.

ދައްކަން މިއުޅެނީ އާންމުކޮށް ކުރިމަތިލާން ޖެހޭ މަރުގެ ސަބަބާއި ތަފާތު މަރުތަކެއްގެ ވާހަކައެވެ. މިއީ 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ފުޓުބޯޅަ ދަނޑެއްގައި ހިނގި އާދަޔާ ހިލާފު ހާދިސާއެއްގެ ވާހަކައެވެ.

ކޮންގޯގެ ފުޓުބޯޅަ ލީގުގައި ވާދަވެރި މެޗެއް ކުޅެމުން ދަނިކޮށް އެޅި ހޮނެއްގެ ސަބަބުން އެއް ޓީމަކުން ދަނޑު މަތީގައި ކުޅެމުންދިޔަ 11 ކުޅުންތެރިއަކު މަރުވި ވާހަކައެވެ. މި ހާދިސާގައި މަރުވީ އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގެ ކުޅުންތެރިންތަކެއް ކަމަށް ދަ އައިރިޝް ޓައިމްސްގައި 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި މި ހާދިސާގައި އިތުރު 30 މީހަކު ފިހިފައި ވާއިރު އިތުރު ބަޔަކަށްވެސް އެކިވަރުގެ ޒަހަމްތައް ލިބުނުކަމަށް ވެއެވެ. އެހެންނަމަވެސް ހޮނު އަޅައިގެން މަރުވީ އެއް ޓީމުގެ ކުޅުންތެރިން އެކަނި ކަމަށާއި އިދިކޮޅަށް ކުޅުނު ޓީމުގެ އެއްވެސް ކުޅުންތެރިއަކު މަރު ނުވާކަމަށް ކޮންގޯގެ ނޫހަކާއި ހަވާލާދީ އައިރިޝް ޓައިމްސް ގައި ރިޕޯޓް ކޮށްފައިވެއެވެ. މި ހާދިސާ ހިނގީ މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި ވަނިކޮށެވެ.