ގއ. ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ހުކުމްކުރުމާއި ގުޅިގެން، ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް އެއްވެސް ބަަދަލެއް އައިސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅޭގޮތުން އިންތިޚާބީ ޝަކުވާ ހުށައެޅީ ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީއެވެ.

އޭނަ ޝަކުވާ ހުށައަޅާފައިވަނި، ބާތިލް ވޯޓާއި ސައްހަ ވޯޓް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނެވެ.

މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ތިން ވޯޓު ފޮށްޓެއްގެ ވޯޓާމެދު ކޮށްފައިވާ ޝަކުވާތަކަށާއި، އެ ޝަކުވާތަކާ ގުޅިގެން އީސީން އަމަލުކޮށްފައިވާ ގޮތަށާއި، އެ ޝަކުވާތަކާ ގުޅިގެން ޝަރީއަތުން ބެލި ކަންކަމުން، އެ ތިން ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާޤުވާކަމަށެވެ.

އެހެންކަމުން އެ ވޯޓު ފޮށިތަކުގެ އެންމެހައި ވޯޓެއް ގުނާ، އަލުން ނަތީޖާ ކަނޑައެޅުމަށް، އީސީގެ މައްޗަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައި ކޯޓުގެ ހުކުމާއި ގުޅުގެން ވޯޓު ފޮށިތައް އަލުން ގުނުމުންވެސް، އީސީއިން ކުރިން އިއުލާންކުރި ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ.

ކައުންސިލުގެ ރައީސް ކަމަށް ޝުއައިބު މުހައްމަދު ދީދީ ވާދަކޮށްފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ދެން ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލްހަކީމެވެ. އޭނައަށް ލިބިވަޑައިގެންނެވީ 130 ވޯޓެވެ. ޝުއައިބުއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.