މިއަހަރުގެ ޖުލައި މަހު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކްސް ގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ގޮތުގައި އިމްޢާން އަލީ އާއި އައިޝަތް ސައުސަން ހޮވައިފިއެވެ.

މި ދެ ފެތުންތެރިން އޮލިމްޕިކްސް އަށް ހޮވާފައިވަނީ ޓްރަޔަލް އަކަށް ފަހުއެވެ. މި ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުމްލަ 4 ބައިވެރިން މި ޓްރަޔަލްގައި ވާދަކުރިއިރު ފިރިހެން ބައިން ވާދަކުރީ އިމްޢާން އާއި މުބާލް އައްޒާމް އެވެ. އަދި އަންހެން ބައިން ވާދަކުރީ ސައުސަންގެ އިތުރުން އައިޝަތު ސާޖިނާއެވެ. އޮލިމްޕިކްސް އިން އިމްޢާން ޖާގަހޯދީ ޓްރަޔަލްގައި 3140 ޕޮއިންޓު ހޯދައިގެންނެވެ. އޭނާ އާއި ވާދަކުރި މުބާލް އަށް ލިބިފައިވަނީ 3024 ޕޮއިންޓެވެ.

އަންހެން ބައިން ޓްރަޔަލްގައި ކުރިހޯދި ސައުސަން އަށް ލިބިފައިވަނީ 2997 ޕޮއިންޓެވެ. އޭނާ އާއި ވާދަކުރި ސާޖިނާއަށް ލިބިފައިވަނީ 2905 ޕޮއިންޓެވެ.

މިއަހަރުގެ އޮލިމްޕިކްސް ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ކުރިއަށްދާއިރު މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދެ ފެތުންތެރިންގެ ތެރެއިން ސައުސަން އަކީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ގައުމީ ރިކޯޑު އައުކޮށްފައެވެ. އަދި ހަމަ އެ ގޭމްސްގައި އިމްޢާން ވަނީ 200 ބްރެސްޓްރޯކުގެ ގައުމީ ރެކޯޑްވެސް އައުކޮށްފައެވެ.

ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް ގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހީމް ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގައި ސަޖަން ވަނީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓިގެ ގައުމީ ރިކޯޑި އެ ފަހަރު އާކޮށްފައެވެ.

ޖޫން މަހު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކްސް އަކީ މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި އޮލިމްޕިކްސް އެވެ. އެހެންނަމަވެސް މުބާރާތް މި އަހަރަށް ފަސްކުރެވުނީ ދުނިޔޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެންނެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.