ޔޫރޯ މުބާރާތަށް ސްޕެއިން އިން އެކުލަވާލި ސްކޮޑުގައި އެ ގައުމުގެ ފުޓުބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކު ނުހިމަނައި ސްކޮޑް އިއުލާން ކޮށްފިއެވެ.

ބާސާގެ ކޯޗުކަން މީގެކުރިން ކޮށްފައިވާ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ޓީމުން ޔޫރޯ އާއި ކުރިމަތިލާއިރު 26 ކުޅުންތެރިން ސްކޮޑުގައި ހިމެނުމުގެ ފުރުސަތު އޮތްނަމަވެސް އެންރީކޭ ސްކޮޑުގައި ހިމަނާފައިވަނީ 24 ކުޅުންތެރިންނެވެ.

އިތުރު ދެ ކުޅުންތެރިން ސްކޮޑުގައި ހިމެނުމުގެ ފުރުސަތު އޮށްވާވެސް ސްކޮޑުގައި ރެއާލްގެ ކުޅުންތެރިއަކު ހިމަނާފައި ނުވުމާއެކު ބައެއް ފަރާތްތަކުން ދަނީ އެންރީކޭ ސްކޮޑު އިއުލާން ކުރީ ޖަޒުބާތުގައި ޖެހިފައިހުރެ ގަސްތުގައި ރެއާލްގެ ކުޅުންތެރިއަކު ނުހިމެނުމަށް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެއީ ބާސާ އާއި އެންމެ ވާދަވެރި ކުލަބަކީ ރެއާލް މެޑްރިޑް ކަމުގައި ވުމުން ކަމަށްވެސް މި ފަރާތްތަކުން ބުނެއެވެ.

ގިނަ ފަރާތްތަކެއްގެ ފާޑުކިއުންތައް އެންރީކޭ އަށް އަމާޒުވި އަނެއްކަމަކީ ސްޕެއިން ޓީމުގެ އަދި ރެއާލް މެޑްރިޑުގެވެސް ކެޕްޓަންކަން ކުރަމުން އައި ސާޖިއޯ ރާމޮސް ގިނަ ދުވަސްތަކެއް ވަންދެން އިންޖަރީގައި ހުންނަން ޖެހުމުން ޔޫރޯ އަށް އޭނާ ފިޓު ނޫންކަމަށް ބުނެ ސްކޮޑުގައި ނުހިމެނިއިރު އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެފައިނުވާ ޑިއޭގޯ ލޮރެންޓް ފަދަ ކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވާތީއެވެ.

ސްޕެއިންގެ ސްކޮޑުގައި ހިމަނާފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެންޗަސްޓަރ ޔުނައިޓެޑުގެ ޑޭވިޑް ޑެހިއާ އާއި ޑިފެންޑަރުންގެ ތެރޭގައި ބާސެލޯނާގެ ޖޯޑީ އަލްބާ، ޗެލްސީގެ ސެޒާ އަޒްޕްލިކެޓާ އަދި މެންޗަސްޓަރ ސިޓީގެ އައިމެރިކް ލަޕޯޓް އަދި މިޑްފީލްޑަރުންގެ ގޮތުގައި ސާޖިއޯ ބުސްކެޓްސް، ތިއާގޯ އަލްކަންޓަރާ، މާކޮސް ލޮރެންޓްގެ އިތުރުން ފޯވަޑް ލައިނުގައި އަލްވާރޯ މޮރާޓާ އާއި ފެރާން ޓޮރޭސް ހިމެނެއެވެ.

ޔޫރޯގައި ސްޕެއިން ހިމެނެނީ ގްރޫޕް އީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ސްވިޑެން އާއި ޕޮލެންޑުގެ އިތުރުން ސްލޮވާކިއާ އެވެ.

މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ޔޫރޯ މުބާރާތަކީ މިދިޔަ އަހަރުގެ މުބާރާތެވެ. އެހެންނަމަވެސް މިއަހަރަށް މުބާރާތް ފަސްކޮށްފައިވަނީ ދުނިޔޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެންނެވެ. އެންމެފަހުން ޔޫރޯ މުބާރާތް ބާއްވާފައިވަނި 2016 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތް ކާމިޔާބުކޮށްފައި ވަނި ޕޯޗުގަލް އިންނެވެ.