ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއެސްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދުނިޔެއަށް ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލެއްވީ އިނގިރޭސިވިލާތުގެ ވަލީއަޙުދު ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖްގެ އިސްނެންގެވުމަށް ވަރޗުއަލްކޮށް ބޭއްވި އޭޝިޔާ ސަރަޙައްދުގެ ކޮމަންވެލްތް ޤައުމުތަކުގެ އިސް ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ބަންގްލަދޭޝް، މެލޭޝިޔާ، އަދި، ސްރީލަންކާގެ ރައީސުންނާއި ބޮޑުވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރަންޖެހޭ ކަމަށާއި، މި ބަދަލު ގެނެވޭނީ މިފަދަ ޓެކްނޯލޮޖީ ޤާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެން ކަމުގައެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފަހައްޓަންޖެހޭ ކަމަށާއި، އަންނަ ނޮވެމްބަރު މަހު ސްކޮޓްލަންޑްގެ ގްލަސްގޯގައި ބޭއްވުމަށް ރާވާފައިވާ ކޮޕް26 ސަމިޓުގައި މިކަމަށް ތާއީދުކުރެއްވުމަށް ވަށްމޭޒުގެ ބައިވެރިންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި ރައީސް ވިދާޅުވީ، ކްލައިމެޓް ޕްލޭންގައިވާ ގޮތަށް މިކަމުގެ ޙައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންވެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ތަރައްޤީކުރުމުގައި ތިމާވެއްޓާ ރައްޓެހި ފެހި މިސްރާބަކަށް ގެންދިޔުމަށް މަސައްކަތް ކުރާކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އެގޮތުން، ރާއްޖެއިން ކްލައިމެޓް އިމަރޖަންސީ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަޞްދީޤު ކޮށްފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ޤާނޫނުގައިވާ ގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ލަނޑުދަނޑި ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ބްލޫ ޕްރޮސްޕެެރިޓީ ކޯލިޝަނާއެކު ކުރަމުންދާ ކަނޑުފަޅުގެ ދިރާސާ އަދި މެރިޓައިމް ސްޕޭޝަލް ޕްލޭންގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ ކަނޑުތަކުގައި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމާއެކި ނިމިގެން އެދިޔައީ ޕްރިންސް ޗަރލްސް އިސްނަންގަވައިގެން ސިލްސިލާކޮށް ކުރިޔަށްގެންދެވި ސަރަޙައްދީ ކޮމަންވެލްތް ލީޑަރުންގެ ވަށްމޭޒު ބައްދަލުވުމުގެ އެންމެ ފަހު ބައްދަލުވުމެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އިޤްތިޞާދު އާރާސްތުކުރުމާއި، މޫސުމަށް އަންމުންދާ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި ބައްދަލުވުންތަކުގެ ސަބަބުން ކޮޕް26 ސަމިޓަށް ތައްޔާރުވުމުގައި ކޮމަންވެލްތް ޤައުމުތަކުން ގުޅިގެން ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.
މި ބައްދަލުވުންތައް އިންތިޒާމްކޮށްފައި ވަނީ ކޮމަންވެލްތްގެ ކުރީގެ ޗެއާރ އަދި މިހާރު ޗެއާރގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސަރުކާރާއި ރުވާންޑާގެ ސަރުކާރުން ގުޅިގެންނެވެ.