2018 ވަނަ އަހަރު ޔުވެންޓަސް އާއި ގުޅުނު ދުވަހު ޓާގެޓް ތަކެއް ކަނޑައެޅި ކަމަށާއި މިއަދާ ހަމައަށް އައި އިރު ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލް ވެއްޖެ ކަމަށް އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ހޯދުަމަށްފަހު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނީ ކޮންމެ ކުޅުންތެރިއެއްގެ ކެރިއަރުގައިވެސް އުސްގަނޑާއި އަޑިގަނޑު އަންނާނެކަން ގަބޫލްކުރާ ކަމަށެވެ. އެހެންނަމަވެސް އަހަރަކަށްފަހު އަހަރެއް އެކި ޓީމުތަކާއި ދެކޮޅަށް ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި ޔުވެންޓަސް އާއި އެންމެ ފުރަތަމަ ގުޅުނު ދުވަހުން ފަށައިގެން ކަނޑައެޅި ޓާގެޓާއި ހަމައަށް ވާސިލް ވެވި ބޭނުންވި ހުރިހާކަމެއް ހާސިލްވެއްޖެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އިޓާލިއަން ކަޕް، އިޓާލިއަން ސުޕާ ކަޕް، އަދި އިޓާލިއަން ލީގް ޔުވެންޓަސް އާއިއެކު ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ މި މުބާރާތްތަކުން ޓޮޕް ސްކޯރާގެ މަގާމާއި މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އޭނާ އަކީ ދުވަހަކުވެސް ރެކޯޑް ހެދުމަށް ނުވަތަ ރެކޯޑް ފަހަތުން ދުވާނެ މީހެއް ނޫން ކަމަށާއި ރެކޯޑްތައް ދުވަނީ އޭނާގެ ފަހަތުން ކަމަށެވެ. އެގޮތުން ވަކި ރެކޯޑެއް ހެދުމަށް މަސައްކަތް ނުކުރާކަމަށާއި ޓީމާއި އަމިއްލަ ނަފްސައް ކާމިޔާބީ ހޯދަން ކުރާ މަސަައްކަތުގެ ތެރެއިން މި ރެކޯޑުތައް ހެދުމުގެ ފުރުސަތު ލިބޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި މެދު ފަހުރުވެރިވާކަން ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ޔޫރަޕުގެ ބޮޑު ތިން ލީގެއްގައި އޭނާ ކުޅެފައިވާއިރު މި ތިން ލީގުގެވެސް ޗެމްޕިއަންކަން އޭނާ ކުޅުނު ޓީމުތަކާއިއެކު ވަނީ ހޯދާފައެވެ. އެގޮތުން ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑް، ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް އާއިއެކު ލީގު ޓައިޓަލް، ލީގު ކަޕްގެ ޗެމްޕިއަންކަން، ސުޕާ ކަޕް އޭނާ ވަނި ހޯދާފައެވެ. މީގެ އިތުރުން މި ތިން ލީގުގައިވެސް ރޮނާލްޑޮ ވަނީ މޮޅު ކުޅުންތެރިޔާ ކަމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. އަދި މި ތިން ލީގުގައިވެސް އޭނާ ކުޅުނު ކުލަބުތަކަށް 100 އަށްވުރެ ގިނަ ލަނޑު ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްދީފައެވެ.

ފާިއތުވީ ތިން އަހަރު ތެރޭގައި ޔުވެންޓަސް އާއިއެކު 5 ޓްރޮފީއެއް ރޮނާލްޑޯ އުފުލާލާފައިވާއިރު ދެފަހަރަށް ލީގު ޓައިޓަލްވެސް އޭނާ ވަނި ހޯދާފައެވެ. ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުނުއިރު އޭނާގެ ކޮންޓްރެކްޓް ހަމަވާނި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެހެންނަމަވެސް މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ގައި އޭނާ ޔުވެންޓަސް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަދަލުވުމުގެ ފުރުސަތު އެންމެ ބޮޑީ އޭނާ މީގެކުރިން ކުޅެފައިވާ ކުލަބުތައް ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ސިޓީގެ އިތުރުން އެމެރިކާގެ މޭޖާ ލީގް ސޮކާގެ ކޮންމެވެސް ކުލަބަކަށް ކަމަށް ބޭރުގެ ކުޅިވަރު ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.