ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕް ސްކީމް" ގެ ދަށުންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހިމްގެ ލޯނުއެހީގެ ދަށުން މެޑިސިން، ނާސިންގ އަދި މެޑިކަލް ދާއިރާއިން ސްކޮލަރޝިޕް ލިބިވަޑައިގެން މަތީތައުލީމުގެ ސްކޮލަރޝިޕް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ނަގާފައިވާ ހުރިހާ ލޯނުތަކަށް މައާފްކޮށްދީފިއެވެ.

ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީި، ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕް ސްކީމް" ގެދަށުންނާއި ޤާސިމް އިބްރާހިމްގެ ލޯނު އެހީގެދަށުން އަދި އެނޫންވެސް ގޮތަކުން ގާސިމްގެ ފާރާތުން އެކި މިންވަރުގެ އެހީތެރިކަން، ސިއްހީ ދާއިރާއިން ކިޔެވުމަށް ފުރުސަތު ލިބިގެން މެޑިސިން، ނާރސިންގ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝިއަނުން، އަދި މެޑިކަލް ސައިންސްގެ ރޮނގުން ކިޔަވައިގެން ރާއްޖޭގައި މަސައްކަތް ކުރަމުންދާ އެންމެން އަދި ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތްކުރާ އެންމެހައި ބޭފުޅުން ގެތެރެއިން، މިފަދަ ދާއިރާއަކުން ކިޔެވުމަށް އެއްވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ލިބިފައިވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެ، ވިލާ ފައުންޑޭޝަނައް ލާރި ނުދެއްކިވާނަމަ، އެ ނުދެއްކި އޮތް މިންވަރެއްގެ ފައިސާ މިއަދުން ފެށިގެން މަޢާފްކޮށްދީފައިވާ ކަމަށެވެ.

އެއީ ކިތަންމެ ބޮޑު އަދަދެއްގެ ފައިސާ ކަމައްވިޔަސް އަދި ކުޑަ އަދަދެއްކަމައް ވިޔަސް މާފުކޮށްދީފައިވާކަމަށް ވިލާ ފައުންޑޭޝަންގެ ބަޔާނުގައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެފައުންޑޭޝަނަށާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ކަމުގައިވިޔަސް، މިދަނޑިވަޅަކީ މުޅި ދުނިޔެއަށާއި ދިވެހި ޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ މުވައްޒަފުން ބުރަކޮށް ވަރަށް ގިނަ ވަގުތު މަސަތްކަތުގައި އުޅެން ޖެހިފައިވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ ނުރައްކާތެރި، އެހެނަސް މަތިވެރި ޙިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިފައިވާ ދުވަސްވަރަކަށްވާތީ، އެފަރާތްތަކަށް ލުއިތައް ދިނުމަށް ފައުންޑޭޝަނުން ނިއްމީ ކަމަށް ބަޔާނުގައި ވެއެވެ.

މިފާއިތުވި ދޮޅު އަހަރެއްހާދުވަހު ސިއްހީ އެހީތެރިން ވަރުބަލިކަމެއްނެތި ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް އުފަލާއިއެކު ބަލައިގަންނަ ކަމަށާއި، ވިލާ ފައުންޑޭޝަނުންނާއި، ގާސިމް އިބްރާހީމްގެ އަމިއްލަ ނަންފުޅުގައި ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސިއްހީ ދާއިރާގެ ފަރާތްތަކުން މިނާޒުކު ދަނޑިވަޅުގައި ދިވެހި ޤައުމަށް ޚިދުމަތް ކޮށްދެއްވުމުގައި އިހުނަށްވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން ޔަގީންކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ސަރުކާރާ ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާއި، ސިވިލް ސާވަންޓުންނާއި، ސަލާމަތީ ޚިދްމަތްތަކުގެ މުއައްޒިފުންނާއި ވިޔަފާރިވެރިންނާ އަދި ދިވެހި ޢާއްމު ފަރުދުން ކުރާ ބުރަ މަސައްކަތައް ފާހަގަކޮށް ވިލާ ފައުންޑޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދަކީ އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާއި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސްކަމަށް ވިލާ ފައުންޑޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.