މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ވުޖޫދުކުރެވުނު ޔޫއެފާ ސުޕާ ލީގުން، ޔޫއެފާގެ އިންޒާރުތަކާއި އެކުވެސް ވަކިނުވާން ނިންމާފައިވާ 3 ކުލަބުގެ މައްސަލަ ޔޫއެފާއިން ބަލަން ފަށައިފިއެވެ.

ޔޫރަޕް ފުޓުބޯޅައިގެ ނުފޫޒުގަދަ 12 ކުލަބަކުން އިސްވެ އޮވެ ވުޖޫދުކުރި ޔޫރަޕިއަން ސުޕާ ލީގަކީ ފުޓުބޯޅައިގެ އަސްލާ ހިލާފަށް އަދި ފުޓުބޯޅައިގެ އެންމެ އިދާރާތަކުގެ ގާނޫނާއި ގަވާއިދަށް ފުށުއަރާ މުބާރާތެއް ކަމަށްބުނެ ޔޫއެފާ އާއި ފީފާ އިން ވަނީ މި މުބާރާތުގައި ބައިވެރިވާން ނިންމާފައިވާ ކުލަބުތަކުން ވީ އެންމެ އަވަހަށް މުބާރާތް ދޫކޮށްލަން ނިންމާފައެވެ.

ޔޫއެފާ އާއި ފީފާގެ އިންޒާރުތަކުގެ އިތުރުން ފުޓުބޯޅައިގެ ސަޕޯޓަރުންގެ ނުރުހުމުގެ އަޑުތަކުގެ ސަބަބުން ލީގުގައި ބައިވެރި 12 ކުލަބުގެ ތެރެއިން 9 ކުލަބަކުން ވަނީ މުބާރާތް އިއުލާނު ކުރެވުނުތާ 48 ގަޑީރުގެ ތެރޭގައި ލީގުން ވަކިވާން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

ލީގުން ވަކިވާން ނިންމި ކުލަބުތަކަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ސިޓީ އާއި، މެންޗަސްޓަރ ޔުނައިޓެޑުގެ އިތުރުން ލިވަޕޫލް އާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް އަދި ސްޕެނިޝް ލަލީގާގެ އެތްލެޓިކޯ މެޑްރިޑާއި އިޓާލިއަން ލީގުގެ އިންޓަރ މިލާނާއި އޭސީ މިލާނެވެ. މިހާތަނަށް އައިއިރު ލީގުން ވަކި ނުވަނީ ސްޕެނިޝް ލަލީގާގެ ގަދަ ދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން އިޓާލިއަން ލީގުގެ ޔުވެންޓަސް އެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ޔުއެފާއިން ވަނީ އެ ކުލަބުތަކުން ޔުއެފާގެ ގަވާއިދުތަކާ ޚިލާފުވެފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގުގައި މި ވަގުތު އޮތް ތިން ކުލަބަށް އެ ލީގުން ވަކިވާން ރަސްމީކޮށް ވަކި މުހުލަތެއް ޔުއެފާއިން ދޭނެއެވެ. އަދި އެ ތިން ކުލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިންވެސް ވަނީ ވިދާޅުވެފައެވެ.

ޔުއެފާއިން ސުޕަ ލީގުގައި ހިމެނޭ ތިން ކުލަބުގެ މައްސަލަ ބަލަން ފެށިއިރު، މީގެ ކުރިން ވަނީ ސުޕަ ލީގުން ވަކިވި ނުވަ ކުލަބު ސަސްޕެންޑްކުރުމުގެ ބަދަލުގައި، ޖޫރިމަނާކުރަން ނިންމާފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

ލީގުން މި ކުލަބުތަކުން ވަކިވާން ނިންމި ނިންމުމާއިއެކު ސުޕާ ލީގު ހުއްޓުމަކަށް އައިސްފައިވީނަމަވެސް މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.