ރާއްޖޭގެ އާބާދީގެ 40 އިންސައްތައަކީ ޒުވާނުންނެވެ. ކޮންމެ ގައުމެއްގެވެސް، އެ ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމުގެ ޒުވާނުންކަން އެއީ ޝައްކެއްނެތް ކަމެކެވެ.

ގައުމު ތަރައްގީވެ ކުރިއަރައި ދިއުން އޮތީ އެގައުމެއްގެ ޒުވާނުންގެ ހިންމަތާއި ހިތްވަރާއި ހުނަރު އަދި ގާބިލިއްޔަތުންނެވެ. ގައުމުގެ މުސްތަގުބަލާއި މެދު ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތިރިންނަކީ އެގައުމެއްގެ ޒުވާނުންނެވެ.

ނަމަވެސް މިއަދު މިފެންނަ މުޖުތަމައުއިން ފެނިގެންދަނީ ބަލަން ފަސޭހަ މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ގިނަ ޒުވާނުން ވަނީީ، ސަލާމަތްވުން އުނދަގޫ، ގެއްލުން ބޮޑު ވަބާއެއްގައެވެ. އެއީ އެވަބާއަކަށް ދާން ފަސޭހަވި ނަމަވެސް އެނބުރި ދާން އުނދަގޫ ވަބާއެކެވެ. މަސްތުގެ ވަބާއެވެ.

މީގެ އެތަށް އަހަރުތަކެއް ކުރިން ދިވެހި ރާއްޖެއަށް އައި މަސްތުގެ ވަބާ ރާއްޖޭގައި ހިފައިގަތީ ހީވެސް ނުކުރާހާ ބާރު ސްޕީޑެއްގައެވެ. ޔުނައިޓެޑް ނެޝަންސް އޮފް ޑްރަގްސް އެންޑް ކްރައިމް(ޔޫއެންއޯޑީސީ)ގެ ތަފާސްހިސަބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަސްތުގެ ތަކެތި ފެނުންކަމަށް އެންމެ ފުރަތަމަ ފާހަގަކުރެވިދައިވަނީ 1970ގެ އަހަރުތަކުގައެވެ. އަދި މަޑުމަޑުން ކެނަބިސް(މަރްޖުއާނާ އާއި ހަޝްހިޝް) ޒުވާނުންގެ މެދުގައި މަޤްބޫލުވެ ވިކެމުންދިޔައެވެ.

އަދި އެއަށްފަހު މަސްތުވާ ތަކެތީގެ ވަބާ މުޅި ރާއްޖެތެރޭގައި އާންމު ކަމަކަށް ވަމުން ގޮސް މިއަދާ ހަމައަށްވެސް، ހައްލު ކުރަން އުނދަގޫކަމަކަށް ވިއެވެ. ހާއްސަކޮށް ޒުވާނުން ކިބައިންނެވެ. ފާއިތުވި ޒަމާންތަކުގައި ރާއްޖޭގައި މަދުން ހުރި މަރިޖުވާނާއާއި، ހަޝްހިޝް އޮއިލްއާއި ހަކުރު ގިނަ އަދަދަކަށް މިހާރު ފެންނަމުންދެއެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ބަނގުރަލާއި ކެނަބިހާއި ކޮކެއިން އަދި އޮޕިއޮއިޑްސްއެވެ.

މަސްތަށް ދިއުމަށްފަހު މުޅި ދުވަސް ހޭދަކުރަން ޖެހެނީ މަސްތުވުމާއި އެ ތަކެތި ހޯދަން ކުރަން ޖެހޭ ކަންކަމުގަ އެވެ. އިންސާނާއަށް އެނޫން, ހިޔާލެއް ފިކުރެއް ނުކުރެވެއެވެ. ބައެއްފަހަރު މިކަމަށް ދެވެނީ ހިތާމައެއްގެ ސަބަބުންނެވެ. އަނެއްބައިފަހަރު އާމްދަނީ ހޯދާނެ ގޮތެއް ނެތިގެންނެވެ. ނަމަވެސް މަސްތުވާތަކެތީގެ ބޭނުން ކުރުމުގައި ހަރަކާތްތެރި ވަމުން ގޮސްފައިވަނީ ހަމައެކަނި ވަޒީފާއެއްނެތް، ކަމެއް ނުކުރާ ޒުވާނުން އެކަންޏެއް ނޫނެވެ. ރަށްފުށުގައި ރަނގަޅު ވަޒީފާތަކުގައި ތިބި މީހުންވެސް އެކަމަށް ގޮސްފައިވެއެވެ. ނުވަތަ ފޫހިވެގެންވެ ހުސްވަގުތު ގިނަވުމާއި އެކުވެސް މިކަމަށް މަގުފަހިވެގެން ގޮސްފައިވެއެވެ.

ކޮންމެ މުޖުތަމައުއެއްގެވެސް، މާދަމާގެ ޒުވާނުންނަކީ މިއަދު ބޮޑުވަމުންދާ ކުޑަކުދިންނެވެ. އަދި އެފަދަ ހުސްވަގުތު ލިބުމުގެ ކުރިން މަސްތުވާ ތަކެތީގެ މައުލޫމާތު ފޯރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ މަސްތުވުމުގެ ނުރައްކަލާއި އެކަމުގެ ސަބަބުން ލިބިދޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުވުމަކީވެސް އިންތިހާއަށް ބޭނުންޖެހިފައިވާ ކަމެކެވެ.

މީގެކުރިން ރާއްޖެއަކީ އަޖައިބު ކުރުވާފަދަ އަމާން މާހައުލެއް ފެންނަ ގައުމެކެވެ. ހިތްގައިމުކަން އެކުލެވޭ ކުށްމަދު ގައުމެކެވެ. އެކަން އެހެން އަލުން ހާސިލްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ނުވާނެވެސް ކަމެއް ނޫނެވެ.