މާތްﷲ ދުނިޔެއަށް ފޮނުއްވާފައިވާ ކޮންމެ މަޚުލޫގަކީވެސް ވަކި މަޤުޞަދަކަށްޓަކައި ފޮނުއްވާފައިވާ ބައެކެވެ. އަދި މާތްﷲ ދުނިޔެމަތީގައި ލައްވާފައިވާ ހުރިހާ ދިރުމަކީވެސް މަރުވެ ނެތިދާނެ ދިރުންތަކެކެވެ.

މީގެތެރެއިން އެކަލާނގެ ދުނިޔެމަތީގައި އިމްތިހާނަށް ފޮނުއްވާފައިވަނީ އިންސާނުންނާއި ޖިންނީންނެވެ. ޖިންނީން ވާކަމާއި އެމީހުންގެ ސިފަތަށް މާތްﷲ ގެ މަތިވެރި ކަލާމްފުޅުންނާއި ލޮބުވެތި ރަސޫލާގެ ސުންނަތުން އެނގިގެންދެއެވެ.

މިގޮތުން ޖިންނީންނަކީ އެސޮރުމެންގެ ޒާތުގައިވެސް އިންސާނުންނަށް ވުރެ ބުއްދީގެގޮތުން ކޮށިކަމެއް ލިބިފައިވާ ބައެކެވެ. މާތްﷲ އިންސާނުން ޖިންނީންނަށް ވުރެ މާތް ކޮށްފައިވާއިރު، އާދަމް އަލައިހިއްސަލާމް ހައްދަވައި އެކަލޭގެފާނަށް ސަޖިދަ ޖެއްސެވުމަށް އިބިލީހަށް އަމުރު ކުރެއްވީ މިސަބަބާ ހުރެއެވެ.

ޖިންނީންގެ ތެރޭގައި އެކި ކަހަލަ ބާރާއި، ބާރުގެ ހަމަތައް ތަފާތުވާއިރު، ޖިންނީންނަކީ ޖިސްމާނީ ގޮތުން އިންސާނުންނަށް ވުރެ އެތައް ގުނަ ބާރުގަދަ ބައެކެވެ. މިގޮތުން ޖިންނިއެއްގެ ގައިގައި 40/50/60 އިންސީންގެ ބާރު ހުރެއެވެ.

ޖިންނީންގެ ތެރެއިން މުއުމިނު ޖިންނީން އިންސާނުންނަށް އުނދަގޫކޮށް ނަހަދާއިރު، ޝައިޠާނުންނަކީ އިންސާނުންނާއި ދޭތެރޭ ހަސަދަލާފައިތިބޭ ބައެކެވެ. އަދި އިންސާނުންނަށް ގެއްލުންދީ ގޯނާކުރަން ބޭނުންވާ ބައެކެވެ.

ޖިސްމާނީ ގޮތުން އެހާ ބާރުގަދަވިޔަސް، އިންސީންނާއި ކުރިމަތިލާން ފަސްޖެހެނީ އިންސާނުންގެ ވިސްނުމާއި ބުއްދި އެސޮރުމެންނަށް ވުރެ ރަނގަޅުކަން އެނގޭތީއެވެ. މިސަބަބާއިހުރެ އިންސާނުންނަށް ގެއްލުމެއް ދޭން އެސޮރުމެން އަބަދުވެސް ފަސްޖެހެއެވެ. ބަދަލުގައި އިންސީންނަށް ވަސްވާސްދީ އެއުރެންގެ އީމާންތެރިކަމާއި ކުޅެން މަސައްކަތް ކުރެއެވެ.

ޣައިބުގައިވާ ކަންކަން ބަލައި ދެނެގަތުމަކީ އިންސާނުން އަބަދުވެސް ކުރަމުން ގެންދާ ކަމެކެވެ. އަދި އިންސާނުން މިއަދު ވާސިލުވެފައިވާ ހަމައަށް އައިސް ތަރައްގީއާއި ކުރިއެރުމާއި އައު އީޖާދުތަކަށް ގިނަ ދޮރުތަކެއް ހުޅުވުނީވެސް އިންސާނުންގެ ކިބައިގައިވާ މި ސިފަ ހުރުމުންނެވެ.

މިކަން މިހެންވާއިރު، އިންސާނުންނަކީ އަބަދުވެސް ޣައިބުގައިވާ ޖިންނީންގެ އެކި މައުލޫމާތުތައް ބަލައި ހޯދަން ބޭނުންވާ ބައެކެވެ.

ޖިންނީން އިންސާނުންނާއި އެކި ގޮތްގޮތުން ތަފާތުވިނަމަވެސް އެސޮރުމެންނަކީވެސް އިންސީންނެކޭ އެއްފަދައިން ކައިބޮއި، ކައިވެނިކޮށް ދަތުރުކޮށް ހަދާ ބައެކެވެ. އަދި ދަތުރުކުރާއިރު، އެމީހުންގެ ދުވެލީގައި އަލިކަން ދަތުރުކުރާ އަވަސްމިނުގައި ދަތުރުކުރެވެއެވެ. މިލި ސިކުންތެއްގެ ތެރޭގައި 2340 ކިލޯމީޓަރަށް އެސޮރުމެންނަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ.

އިންސާނުންނަށް ޖިންނީން ހުންނަ ގޮތް ނޭނގި ނުފެނުނު ކަމުގައިވިޔަސް، އިންސީންނާއި ޚިލާފަށް އެބާރު އެސޮރުމެންނަށް ލިބިގެންވެއެވެ. އަދި އެސޮރުމެން ބޭނުންނަމަ އިންސާނުންގެ ކުރިމައްޗަށް އެރުމުގެ ބާރުވެސް ލިބިގެންވެއެވެ.

އިންސާނުންނާއި ޖިންނީންނާއި މުއާމަލާތުކުރެވޭ އެންމެ އާންމު ގޮތަކީ ސިހުރެވެ. ސިހުރަކީ ބޮޑުވެގެންވާ ޝިރުކެއްކަން އެންމެންނަށްވެސް އެނގެއެވެ. އެއީ ހަރާމް ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ.

ނަމަވެސް ބައެއް މީހުންނަށް އޮޅުންއަރާ އެއްކަމަކީ ސިހުރު ހަދާ މީހާއާއި ޖިންނީންނާއި އޮންނަ ގުޅުމެވެ. ގިނަ މީހުން ދެކޭފަދައިން ސިހުރަކީ ޖިންނީން ލައްވައި ކުރުވާ ކަމެކެވެ.

ނަމަވެސް އެއީ ސިހުރުވެރިންގެ ބާރުގައި ޖިންނީން އަޅުވެތި ކުރުވައިގެން ކުރާ ކަމެއް ނޫނެވެ. އެކަމުގައި އަޅުވެތިވަނީ ޚުދު ސިހުރުވެރިޔާއެވެ. ސިހުރު ހެދުމަށް އެންމެ ފުރަތަމަވެސް ޖެހެނީ އަމިއްލަ ރޫހު ޝައިޠާނުންނަށް ވިއްކާލައި މާތްﷲ އަށް ޝަރީކު ކުރާށެވެ. އަދި ބަދަލުގައި ޝައިޠާނުންނަށް އަޅުކަންކުރާށެވެ. އަދި އެޖިންނީންނަށް އަޅުކަން އަދާކުރުމުން ސިހުރުވެރިޔާ އެދޭކަމެއް ކޮށްދިނުމަށް ޖިންނީން ހަރަކާތްތެރިވެއެވެ.

މިއަދުގެ ތާރީހުގައި މަޝްހޫރުވެފައިވާ ޑިޒްނީގެ ކާޓޫނު/ފިލްމު އަލާއްދީން އަކީވެސް މިފަދައިން ޚިޔާލު ތަފާތުވެ އެކިގޮތްގޮތަށް ދެކެވުނު ވާހަކަތަކުގެ ތެރެއިން، އިސްލާމީ ތާރީހުން ގެއްލިފައިވާ ވާހަކައެކެވެ. އަލާއްދީނުގެ އުދުހޭ މުޞައްލައާއި ޖިންނި އުޅޭ ވޮއްގަނޑުގެ ވާހަކަތަކަކީ ޖިންނީންގެ މައްޗަށް ރަސްކަން ކުރެއްވި ސުލެއިމާނު އަލައިހިއްސަލާމުގެ ޚިލާފަތުން އައިސްފައިވާ ވާހަކަތަކެކެވެ.