ލޯކަލް ގަވަރރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލުގައިވާ ގޮތުގެ މަތިން، އޮބްޒާވަރުންނާއި މޮނިޓަރުން، އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ވޯޓުލާ ކޮންމެ މަރުކަޒަކަށް 1 މަންދޫބަކު ޢައްޔަނު ކުރެވޭނެ ކަމަށެވެ.

މި އިންތިޚާބު މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވޭނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުންނާއި، ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކަށް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ތާކުން ގިނަވެގެން 2 މީހަކަށް ކަމަށެވެ.

އަދި އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށްވެސް އެކަމަށް އެދި ހުށަހެޅޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، މިއިންތިޚާބުގެ އޮބްޒާވަރުނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ މީހުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 އާއި ޖޫންމަހުގެ 1 ވަނަ ދުވަހު، ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 2 ގެ ނިޔަލަށް ކަމަށެވެ.