ލަކްޝަދީބް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ޕްލޭން، ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން ދިފާއުކޮށްފިއެވެ.

ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން މިކަން ދިފާއު މިކުރީ، ލަކްޝަދީބް ތަރައްގީކުރުމަށް ހުށަހަޅާފައިވާ އިސްލާހީ ޕްލޭނަށް، އިދިކޮޅު ފަރާތްތަކުންނާއި އަދި އާންމު އެތައް ބައެއްގެ ދެކޮޅުހެދުން ކުރިމަތިވަމުން ދަނިކޮށެވެ.

އަދި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޓަރ ޕްރަފުލް ޕަޓޭލްގެ ޕްލޭނަކީ، ސީދާ ލަކްޝަދީބްގެ ރައްޔިތުންނާ ދެކޮޅު ސިޔަސަތެއްގެ ދަށުން ކުރާ ކަމެއް ކަމަށް ބުނެ އެތައްބަޔަކު އަޑުއުފުލަމުންދާ ވަގުތެއްގައެވެ.

ލަކްޝަދީބް ތަރައްގީކުރުމުގެ ޕްލޭނަކީ، ލަކްޝަދީބްގައި ހިމެނޭ ޖަޒީރާ ރަށްތައް ދިވެހިރާއްޖެ ނަމޫނާއަކަށް ބަލައިގެން ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއެއްގެ ފެށުން ކަމަށް ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ. އަދި، މިއީ، ކުރިއަށްއޮތް 10 ނުވަތަ 20 އަހަރަށް އަމާޒުކޮށްގެން ފަށާ މަޝްރޫއެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކޮޗީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލަކްޝަދީބް ޑިސްޓްރިކްޓް ކަލެކްޓަރ އެސް. އަސްކަރު އަލީ ވިދާޅުވީ، ލަކްޝަދީބް ތަރައްގީ ކުރުމުގެ ޕްލޭނާ ދެކޮޅު ހަދައި، ލަކްޝަދީބް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރަމުން ގެންދަނީ އަމިއްލަ މަސްލަހަތުތަކެއް ހިމެނޭ މީހުންނާއި، ލަކްޝަދީބްގައި ޣައިރުގާނޫނީ ވިޔަފާރިތައް ހިންގާ މީހުން ކަމަށެވެ.

އަސްކަރު އަލީ ޕްރެސް ކޮންފަރެންސްގައި:
"ލަކްޝަދީބަކީ ވަރަށް ސުލްހަވެރި ތަނެއް. މިހާރެކޭ އެއްގޮތަށް އެ ރަށްތައް ދެންވެސް އޮންނާނީ ސުލްހަމަސަލަސްކަންމަތީ"
އަސްކަރު އަލީ

ލަކްޝަދީބަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރަށްތަކަށްވެފައި، އެ ރަށްތަކުގައި ބަނގުރާ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން، ލަކްޝަދީބްގެ އެޑްމިނިސްޓްރޭޓަރ ޕްރަފުލް ޕަޓޭލް އުވާލި މައްސަލައަށް ޖަވާބު ދެއްވަމުން ޑިސްޓްރިކްޓް ކަލެކްޓަރ އަސްކަރު އަލީ ވިދާޅުވީ، ބަނގުރާ ވިއްކާނީ ހުއްދަ އޮންނަ ފަރާތްތަކުން ކަމަށާއި، އެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އެކަނި ކަމަށެވެ.

ގެރި ކަތިލުން މަނާކުރަން ޕްލޭންގައި ހިމަނާފައިވާ މައްސަލައާ ގުޅޭގޮތުން އަސްކަރު އަލީ ވިދާޅުވީ، އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ގެރި ކަތިލުން މަނާކޮށް ގާނޫނުތައް ހަދާފައިވާ ކަމަށާއި، ލަކްޝަދީބްގައިވެސް ގެރި ކަތިލުން މަނާކުރަން ނިންމާފައިވަނީ އެ ހަމައިން ކަމަށެވެ.

"ޕްރިވެންޝަން އޮފް އެންޓި-ސޯޝަލް އެކްޓިވިޓީސް އެކްޓް" ތައާރަފްކުރަން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އަސްކަރު އަލީ ވިދާޅުވީ، މިފަދަ ގާނޫނެއް ވުޖޫދުކުރަން ނިންމީ، ލަކްޝަދީބްގެ ރަށްތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި އަދި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ކަމަށެވެ.

ހަމަ އެއާއެކު، ސަލާމަތީ ކަންކަމަށް ބަލާއިރު، ލަކްޝަދީބްގެ ރަށްތައް މިހާރުއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވެސް ޑިސްޓްރިކްޓް ކަލެކްޓަރ އަސްކަރު އަލީ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ނަމޫނާއަކަށް ބަލައިގެން ލަކްޝދީބްގެ ރަށްތައް ތަރައްގީކުރުމުގެ ޕްލޭންގެ ތަފްސީލް ދެއްވަމުން، އަސްކަރު އަލީ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އުޅޭ މަންޒިލަކަށް ދިވެހިރާއްޖެ ވެފައިވާއިރު، ލަގްޝަދީބްގެ ރަށްތަކަކީވެސް ދިވެހިރާއްޖޭގެ ރަށްތަކެކޭ އެއްފަދަ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށްތަކެއް ކަމަށެވެ.

ލަކްޝަދީބްގެ ރަށެއްގެ މަންޒަރެއް:

ލަކްޝަދީބް ފަތުރުވެރިކަމަށް ހުޅުވާލެވޭނެ ކިތަންމެ ވަސީލަތްތަކެއް މިހާރުވެސް ބޭނުން ނުކުރެވި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހަދާފައި ހުންނަފަދަ އިކޯ-ފްރެންޑްލީ ވޯޓަރ ވިލާތައް ހެދުމުގެ ތިން މަޝްރޫއެއް، ލަކްޝަދީބް އެޑްމިނިސްޓްރޭޝަނާއި، ނިޓީ އަޔޯގް ގުޅިގެން މިހާރުވެސް ކުރިއަށްދާ ކަމަށާއި، ވޯޓަރ ވިލާތައް ހަދަމުންދަނީ މަލިކު، ކަޑްމަޓް އަދި ސުހެލީގައި ކަމަށްވެސް އަސްކަރު ވިދާޅުވިއެވެ.

މަލިކުގެ މަންޒަރެއް:

މި ވޯޓަރ ވިލާތައް ހުޅުވުމުން ލަކްޝަދީބްގައި ފަތުރުވެރިކަމުގެ މުޅިން އާ މަރްހަލާއެއް ފެށިގެންދާނެ ކަމަށާއި، ފަތުރުވެރިން ތިބުމާއި، މުނިފޫހިފިލުމުގެ ކަންކަމަށް ވަސީލަތްތައް ގާއިމްވެގެންދިޔައީ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެގޮތުން ލަކްޝަދީބްގެ ރައްޔިތުންނަށް ވަޒީފާގެ ފުސަތުތައް ހުޅުވި، ވިޔަފާރީގެ ދޮރުތައްވެސް ހުޅުވިގެންދާނެ ކަމަށް އަސްކަރު ވިދާޅުވިއެވެ.

ލަކްޝަދީބަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް ވާއިރު، އިންޑިއާގެ އެހެން ސްޓޭޓްތަކާއި، ޔޫނިއަން ޓެރިޓަރީތައް ތަރައްގީވެ ކުރިއަރަމުންދާއިރު، ލަކްޝަދީބަށް އޮތީ އަޅާނުލެވި ދޫކޮށްލެވިފައި ކަމަށާއި، އެހެންކަމުން، ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މިހާރު ފަށައިގެންއުޅޭ މަސައްކަތަކީ ރައްޔިތުންގެ ލާބައާއި، މަންފާއާއި އަދި ލަކްޝަދީބްގެ ރައްޔިތުންނަށް އުޖާލާ ފާގަތި މުސްތަގްބަލެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށް ޑިސްޓްރިކްޓް ކަލެކްޓަރ އަސްކަރު އަލީ ވިދާޅުވިއެވެ.