ދުނިޔޭގައި އިންސާނާ ލައްވާފައިވަނީ ވަގުތެއް ކަނޑައަޅާފައެވެ. ދުނިޔެއަށް އައުމުގެ ކުރިންވެސް އިންސާނާގެ މަރު ލިޔުއްވާފައިވެއެވެ.

މި ދުނިޔެއަކީ އިންސާނުންނަށާއި ޖިންނީންނަށް އިމްތިހާނަކަށް ވާއިރު، އެއްބަޔަކު ދުނިޔެއާއި ދުނިޔެވީ ކަންކަމަށް ޣާފިލުވެގެންދެއެވެ.

އެއްބަޔަކު އެމީހުނަށް ލިބިފައިވާ އިލްމުގެ ޒަރިއްޔާއިން، ހެޔޮ ދަރުމައާއި ސަވާބު ހޯދައި، ﷲ އަށްޓަކައި މަސައްކަތްކުރަމުން ގެންދާއިރު، އަނެއްބަޔަކީ އެމީހެއްގެ މަޤާމާއި، ލިބިފައިވާ އިލްމާއި ޝަރަފަށް ބޮޑާވެ ކިބުރުވެރިވެގެން ދިރިއުޅޭ މީހުންނެވެ.

އިސްލާމްދީނަކީ ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުދޭ ދީނެކެވެ. އިލްމު އުނގެނުމަށް ހިތްވަރުދޭ ދީނެކެވެ. އަދި މައިމީހާގެ އުނގުން ފެށިގެން، ކަށްވަޅަށް ދާންދެންވެސް އިލްމު އުނގެނުމަށް އިސްލާމްދީން ބާރުއަޅައެވެ.

ނަމަވެސް އިންސާނާއަށް ކިތަންމެ މަތީ މަޤާމަކާއި، ޝަރަފެއް ލިބުނު ކަމުގައި ވިޔަސް ހަނދާން ބަހައްޓަންޖެހޭ އެއްކަމަކީ، ޝަރަފާއި އިލްމުގެ ސެޓްފިކެޓުތަކާއި، މަތީ މަޤާމުތަކަކީ ދާއިމީ އެއްޗެއް ނޫންކަމެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަލާނގެ ދެއްވި ނިއުމަތަކަށް ބޮޑާވެ، ކިބުރުވެރިވެއްޖެނަމަ، ހިނދުކޮޅެއްގެ ތެރޭގައިވެސް އެ ނިއުމަތް އެމީހެއްގެ އަތުން ބީވެ، ހިނގައިދާނެކަމެވެ.

އިންސާނުން ފޮނުވުނީ ވަކި މަޤުޞަދެއްގައިކަން ހަނދާންކޮށް، މާތްﷲ އަށް ބިރުވެތިވެ، ހިތްތިރިކުރުމަކީ މުހިންމު ކަމެކެވެ. އެއީ ތަނެއް ބަލަހައްޓަން ހުންނަ މީހަކަސް، ނުވަތަ ޤައުމެއްގެ ވެރިއަކަސްމެއެވެ.

ބޮޑާކަމަކީ އިންސާނާގެ އީމާތްތެރިކަން ނައްތާލާ އެއްޗެކެވެ. ނަފްސާނީގޮތުން އިންސާނާ ގުޑުވާލާ ހަގީގީ ހިތްހަމަޖެހިން ނައްތާލާ އެއްޗެކެވެ. ބޮޑާވާ މީހާގެ އަމިއްލަ ނަފްސަށް ގެއްލުންވާއިރު، ބޮޑާވުމުގެ ސަބަބުން އެހެން މީހުނަށްވެސް ހިތާމަވެރި އިހުސާސްތަކާއި ކުރިމަތިލާންޖެހެއެވެ. ކޮންމެ މީހަކީވެސް އެކި ކަހަލަ އިމްތިހާނުތަކާއި ކުރިމަތިލަމުން ގެންދާ ބައެކެވެ. މިކަން ހަނދާންކޮށް، އެކަކު އަނެކަކަށް ހަމަހަމަކަން ބަހައްޓައި، އިހުތިރާމާއި ޤަދަރުކުރުމަކީ މިއަދުގެ މިމުޖުތަމައުގައި އިންތިހާއަށް ބޭނުންޖެހިފައިވާކަމެކެވެ.

ބޮޑާވުމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި، އެފަދަ މީހުންގެ ހިތްތަކުގައި ޣާފިލުކަމުގެ ސިއްކަ ޖައްސަވާނެކަމަށް އަންގަވާފައިވާއިރު، އިންސާނުންގެ ހަގީގީ ގޯއްޗަކީ މަރުވުމަށްފަހު އެމީހަކު ދަތުރުކުރާ އުޚުރަވީ ހަޔާތްކަން ހަނދާންކުރަން ޖެހެއެވެ. އެދުވަހުން އިންސާނާއަށް ކިތަންމެ ގިނަ ހެޔޮ ކަމެއް ކުރެވުނަސް، ކުޑަ ކުޑަ ކަމެއްގެ ސަބަބުންވެސް އަނދަ އަނދާހުރި ނަރަކައަށް އަބަދުމެ އަބަދަށް ދާން ޖެހިދާނެކަމަކީވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމެކެވެ.