ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ.

ޗެލްސީން މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު ފައިނަލް މެޗުން ޗެލްސީ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މި ހާފުގެ ތެރޭގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ޗެލްސީގެ ޓިމޯ ވާނާއަށް ވަނީ ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީ ޗެލްސީއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނީ ކައި ހަވާޓްސް އެވެ. މިއީ ޗެލްސީގެ ކީޕަރު ފަހަތުން ފޮނުވާލި ބޯޅައަކުން ކައުންޓަރ އެޓޭކެއްގައި އެޓީމުގެ އުންމީދީ އެޓޭކިންގ މިޑްފީލްޑަރު މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތަކުން ހަވާޓްސް ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. ހަވާޓްސް މި ލަނޑު ޖަހާފައިވަނީ ސިޓީގެ ކީޕަރު ކައިރިންވެސް ނަށްޓާލުމަށްފަހުއެވެ.

ފައިނަލް މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް އެޓޭކްތަކެއް ކުރަން މަސައްކަތް ކުރިނަމަވެސް ޗެލްސީގެ ޑިފެންޑަރުން ފެނިގެންދިޔައީ ވަރަށް ހުށިޔާރުކޮށެވެ. ސިޓީގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ގިނަ ހަމަލާތައް ގޯލާއި އަމާޒުވިޔަނުދީ ހުރަސް އަޅާފައިވަނީ ޗެލްސީގެ ޑިފެންޑަރުންނެވެ.

ޗެލްސީގެ ކޯޗުކަމާއި ތޯމަސް ޓުޗޭލް ހަވާލުވިފަހުން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު ފަހަކަށް އައިސް އެޓީމުން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ޓުޗޭލްގެ އިރުޝާދުގެ ދަށުން ޗެލްސީން މި މެޗުގެ ކުރިން ސިޓީ އާއި ދެކޮޅަށް ކުޅުނު ތިން މެޗުގައިވެސް ކުރި ހޯދާފައިވަނީ ޗެލްސީންނެވެ.

މިއީ ޗެލްސީން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދާފައިވަނި 2011/2012 ވަނަ ސީޒަނުގައި ޖަރުމަނުގެ ބަޔާން މިއުނިކުގެ މައްޗަށް ކުރިހޯދައިގެންނެވެ. އެފަހަރު ޗެލްސީން ކުރި ހޯދީ މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ ދެ ހާފުވެސް 1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި ބަޔާންގެ މައްޗަށް 3-4 އިން ކުރިހޯދައިގެންނެވެ.