ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގައުމީ ޓީމުން ދުބާއީގައި ކުރާ ކޭމްޕުން ދުރަށްދާން ޖެހިއްޖެއެވެ.

މިކަން ހާމަކޮށް މީސްމީޑިއާގައި ދަގަނޑޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ދުބާއީގައި ޓީމުން ހެދި ދެވަނަ ކޮވިޑް ޕީސީއާރް ޓެސްޓާއި ލޭގެ ޓެސްޓުތަކުގެ ނަތީޖާއިން އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު ކުރިއަށް އޮތް ކޮލިފިކޭޝަން މެޗުތަކަށް ގައުމީ ޓީމާއެކު ބައިވެރިނުވެވޭތީވެ ދެރަވާ ކަމަށާއި އެހެންނަމަވެސް ޓީމަށް ކާމިޔާބީ އެދޭކަމަށް އަދި ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ދަގަނޑޭ ބުނެފައިވެއެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ ކުރިން މާލޭގައި ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން އޭނާ ވަނީ އަންހެނުން ޕޮޒިޓިވްވުމާ ގުޅިގެން ކޭމްޕް ދޫކޮށްލާފައެވެ. އެހެންނަމަވެސް ފަހުން ދަގަނޑޭ ކޭމްޕާ ގުޅުނީ ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވުމުންނެވެ.

ދަގަނޑޭގެ އިތުރުން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހެދި ދެވަނަ ކޮވިޑް ޓެސްޓުން ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ޓީމާއި ދުރަށްދާން ޖެހިފައެވެ. ތޮއްޕޭ މީގެ ކުރިންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ގައުމީ ޓީމުގެ ފައިނަލް ސްކޮޑާއެކު ތޮއްޕޭއަށް ދުބާއީއަށް ނުދެވުނުއިރު، އޭނާ ގައުމީ ޓީމާ ގުޅުނީ ވައިރަހުން ރަނގަޅުވެ، މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.

ކޮވިޑާ ގުޅިގެން ދަގަނޑޭ އާއި ތޮއްޕޭއަށް ކޮލިފައިންގެ ދެ މެޗު ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އެއީ 10 ދުވަހަށް ދުބާއީގައި ކަރަންޓީނުވާން ޖެހުމާ ގުޅިގެން އަންނަ މަހުގެ ތިންވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، ހަތްވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށްޓަކައި 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ގައުމީ ޓީމުން އައީ ދުބާއީގައި ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. މެޗުތަކަށް ޗައިނާއަށް ފުރުމުގެ ކުރިން ޓިމުން ދުބާއީގައި 10 ދުވަހު ކޭމްޕް ކުރަން ނިންމީ މާލޭގައި އެކަށީގެންވާ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމުންނެވެ. ގައުމީ ޓީމުން އާދިއްތަ ދުވަހުގެ ވަގުތެއްގައި ޗައިނާއަށް ފުރާނެ އެވެ،

އެގޮތުން ގާތްގަނޑަކަށް އަހަރުދުވަސް ފަހުން ގައުމީ ޓީމަަށް ދަނޑެއްގައި ފަރިތަކުރުމުގެ ފުރުސަތު ލިބިފައިވަނީ ދުބާއީގައި ކުރަމުންދާ ކޭމްޕްގެ ތެރެއިންނެވެ. ރަާއްޖޭގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހޮޓަލް ޖެންގައި ކުރަމުންދިޔަ ކޭމްޕުގެ ތެރެއިން ޓިމުން ވަނީ އެ ހޮޓަލުގެ ބޯލް ރޫމުގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.