ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލަން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ނިންމައިފިއެވެ.

އެފްއޭއެމުގެ މި ނިންމުމާއެކު މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިބެނީ ދެވަނަ ބުރު ނިމުމުއިރު ތާވަލުގެ އެއްވަނައިގައި އޮތް ކުރީ ސީޒަނުގެވެސް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ.

މާޒިޔާއިން ލީގު ޓައިޓަލް ދިފާއުކުރީ ދެވަނަ ބުރު ނިމުނުއިރު ކުޅުނު 14 މެޗުން 34 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑަކާއެކުއެވެ. މާޒިޔާގެ ފަހަތުން ތާވަލުގެ ދެވަނަ ލިބެނީ 17 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގެ ތިންވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާއެކު ކުލަބު ގްރީން ސްޓްރީޓްސްއެވެ. ހަތަރުވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކު އީގަލްސް އޮތްއިރު، ފަސްވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ހަވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މީގެ އިތުރުން ތާވަލުގެ ހަތްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މި ނިންމުން އެފްއޭއެމުން ނިންމާފައިވާކަން ހާމަކޮށްފައިވަނި އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ. މީގެ އިތުރުން އެފްއޭއެމުން ވަނީ މި އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ނުކުޅެން ނިންމާފައެވެ. މިއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވާ ސީޒަން ނިންމާލި ޖެހިޖެހިގެން ތިންވަނަ ފަހަރެވެ.

ލީގު ނިންމާލަން އެފްއޭމުން ނިންމީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން ލީގު ކުރިއަށް ގެންދިއުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެތީއެވެ. މީގެކުރިންވެސް ދެވަނަ ބުރުގެ ކުޅުންވެސް ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ކުއްލިއަކަށް ވަރަށް ބޮޑުތަނުން މަތިވާން ފެށުމާއި ގުޅިގެން، ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ދަށުން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލަން ނިންމީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

މި ފަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ނުބާއްވަން އެފްއޭއެމުން ނިންމުމާއެކު، އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންއިން ޖާގަ ލިބޭނީ ޗެމްޕިއަން މާޒިޔާ އަށާއި ލީގުގެ ދެވަނައިގައި އޮތް ވެލެންސިއާއަށެވެ.

ފުރަތަމަ ޑިވިޝަނުގެ ލީގު، އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕުވެސް ކުރިއަށް ނުގެންދަން އެފްއޭއެމުން ނިންމި ނަމަވެސް ތިންވަނަ ޑިވިޝަން ކުރިއަށް ގެންދަން އެއިދާރާއިން ވަނީ ނިންމާފައެވެ. އަދި ތިންވަނަ ޑިވިޝަންގެ ކުޅުން ކުރިއަށް ގެންދާނީ އެކަށީގެންވާ މާހައުލެއް ލިބުމުންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.