މިފެށޭ ޖޫންމަހު އިތުރު 120 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން އިންޑިއާއަށް ލިބޭނޭ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާއިން މިކަން ހާމަކޮށްފައި މިވަނީ، އިންޑިއަށް ބޭނުންވާ ވަރަށް ވެކްސިން ނުލިބި، އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ފެށި ޕްރޮގްރާމް މަޑުޖެހުމަކަށް އައިސްފައި ވަނިކޮށެވެ.

ޖޫންމަހު ލިބޭ 120 މިލިއަން ޑޯޒްގެ ވެކްސިނާއެކު، ވެކްސިން ޕްރޮގްރާމް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް އިންޑިއާއިން އުންމީދުކުރެއެވެ.

މި ނިމޭ މެއިމަހުވެސް އިންޑިއާއިންވަނީ ދުނިޔޭގެ އެކި ދިމަދިމާއިން 79.4 މިލިއަން ޑޯޒްގެ ވެކްސިން ހޯދައި، އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދެމުންނެވެ.

އެހެން ނަމަވެސް، އިންޑިއާގެ ބައެއް ސްޓޭޓްތަކަށް އަދިވެސް ބޭނުންވާ ވަރާ ގާތަށްވެސް ވެކްސިން ނުލިބެއެވެ.

އިންޑިއާއިން މިހާތަނަށް ގާތްގަނޑަކަށް 212 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވާއިރު، އާބާދީގައި ހިމެނޭ 1.35 ބިލިއަން މީހުންގެ ތެރެއިން މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވިފައިވަނީ އެންމެ ތިނެއް އިންސައްތަ މީހުންނަށެވެ.

ކޮވިޑް ވެކްސިން އެންމެ ގިނައިން އުފައްދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ނަމަވެސް، އިންޑިއާއިން މިހާރުދަނީ ދުނިޔޭގެ އެހެން ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންވެސް ގަންނަމުންނެވެ.

އެގޮތުން، ފައިޒަރގެ ވެކްސިނާއި، މޮޑަނާ އަދި ރަޝިޔާގެ ސުޕުޓްނިކް ވެކްސިންވެސް ގިނަ އަދަދަކަށް ގަންނަން އޯޑަރުދެމުން އެބަގެންދެއެވެ.

ކޮވިޑް ބަލީގެ ދެވަނަ ރާޅު އިންޑިއާ ތަހައްމަލް ކުރަމުންދާއިރު، އަލަށް ބަލިޖެހޭ މީހުންގެ އަދަދު އެތައްގުނަ އިތުރުވެ، ވޭތުވެދިޔަ އަށެއްކަ ހަފްތާ ތެރޭގައި އެކަނިވެސް މިބަލީގައި 150،000 އަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.

އެހެން ނަމަވެސް، އިންޑިއާއިން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ފާއިތުވި ހަފްތާތަކުގައި ދަށަށްދާން ފަށާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަކީވެސް، އޭގެކުރީ 46 ދުވަހުގެ އަދަދުތަކަށް ބަލާއިރު އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިދިޔަ 24 ގަޑިއިރު އިންޑިއައިން 165،553 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މަރުވެފައިވަނީ 3،460 މީހުންނެވެ.

އިންޑިއާއިން މިހާތަނަށް 27.9 މިލިއަން މީހުންނަށް ކޮވިޑްބަލި ޖެހިފައިވެއެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 325،972 ގައެވެ.