ގްރީން ޓެކުހުން ލިބުނު އާމްދަނީ އިން މިއަހަރުގެ މިހާތަނަށް 102 މިލިއަން ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ޓެކްސް ފަންޑުގެ ފަތާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗު މަހު ގްރީން ފަންޑަށް 93 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފެބްރުއަރީ މަހު 63 މިލިއަން ލިބިފައިވާއިރު، ޖެނުއަރީ މަހު ލިބިފައިވަނީ 57 މިލިއަން ރުފިޔާއެވެ.

މިއާއެކު ގްރީން ފަންޑަށް މި އަހަރުގެ މިހާތަނަށް ޖަމާވި އަދަދު ވަނީ 214 މިލިއަން އަރާފައެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ރިސޯޓްތަކާއި، ހޯޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުން ދެއްކި ޓެކުހުގެ ލާރިއެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުން 102 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައިވާއިރު، ޖެނުއަރީ މަހު 12 މިލިއަން އަދި ފެބްރުއަރީ މަހު 58 މިލިއަން އަދި މާޗް މަހު 31 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ފަންޑުން 30 މަޝްރޫއެއް ކުރިއަށްގެންގޮސްފައިވެއެވެ.

ގްރީން ފަންޑުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

މިދިޔަ 2020 ވަނަ އަހަރު ފެށުނުއިރު ގްރީން ފަންޑްގައި ހުރީ 782 މިލިއަން ރުފިޔާއެެވެ. އެ އަހަރު ނިމުނުއިރު ހުރީ 809 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސް އެންމެ ފުރަތަމަ ނަގަން ފަށާފައިވަނީ އޮކްޓޯބަރު 2016 އިން ފެށިގެނެވެ.

ގްރީން ޓެކުހަކީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންނާއި، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނަގާ ޓެކުހެކެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.