ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ.

މީގެކުރިން ސެންޓްރަލައިޒްކޮށް ޗައިނާގައި މި މެޗުތައް ކުޅެން ތާވަލުކުރިނަމަވެސް އޭއެފްސީން މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމީ މި ގުރޫޕުގެ ގައުމުތަކުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީވެ ޗައިނާ ސަރުކާރުން އެގައުމަށް މި ޓީމުތައް އެތެރެވުމުގެ ހުއްދަދެވެން ނެތްކަމަށް ބުނުމުންނެވެ. އެގޮތުން ރާއްޖޭގެ އިތުރުން ފިލިޕީންސާއި ސީރިއާ ޓީމަށްވެސް ޗައިނާއަށް ދެވެން ނެތް ކަަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ައަންގާފައެވެ.

ޗައިނާ ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު ގައުމީ ޓީމުން ދުބާއީގައި ކުރަމުންދާ ކޭމްޕުގެ ތެރެއިން އެންމެ ފަހުން ކުރި ކޮވިޑް-19 ގެ ޓެސްޓްތަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ޕޮޒިޓިވްވެފައިވާތީ، ގައުމީ ޓީމު ވަނީ ދުބާއީގައި މަޑުކޮށްފައެވެ. އަދި ސީރިއާ އާއި ފިލިޕީންސް ޓީމަށްވެސް ވަނީ ޗައިނާއަށް ދެވޭގޮތް ނުވެފައެވެ. އެގޮތުން ފިލިޕީންސް ޓީމު މި ވަގުތު ތިބީ ގަތަރުގައެވެ.

މީގެ އިތުރުން ޗައިނާއާ ދެކޮޅަށް އާދީއްތަ ދުވަހު އެ ގައުމުގައި ކޮލިފައިން މެޗަށް ނުކުތް ގުއާމުގެ ބައެއް ކުޅުންތެރިންވެސް ކޮވިޑުުގެ ސަބަބުން ޓީމާ ގުޅިފައެއް ނުވެއެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުން ޗައިނާ ވަނީ 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ ކުރިން އޭއެފްސީން ވަނީ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އައީ އެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ.

ޗައިނާއަށް ޓީމުތަކަށް އެތެރެވުމުގައި ހުރި ދަތިތަކުގެ ސަބަބުން ޗައިނާ ފުޓްބޯލް އެސޯސިއޭޝަނުން އެ ގައުމުގެ ސަރުކާރާ މަޝްވަރާކުރިއިރު، މެޗުތައް ޗައިނާގައި ކުޅެވޭ ގޮތް ނުވުމުން، ކޮލިފައިންގައި ބާކީ އޮތް ހަތް މެޗު ދުބާއީއަށް ބަދަލުކުރަން ނިންމާފައިވާކަން ޗައިނާ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ އަންގާފައެވެ.

ހޯމަ ދުވަހު އޭއެފްސީން ހާމަކުރި ގޮތުގައި އެ އިދާރާއިން ވަނީ ގްރޫޕް އޭގެ ބާކީހުރި މެޗުތައް ޗައިނާގައި ކުޅުމުގެ ބަދަލުގައި ނިއުޓްރަލް ދަނޑެއްގައި މެޗުތައް ކުޅެން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މެޗުތައް ކުޅޭނެ ވަކި ދަނޑެއް ފައިނަލް ކޮށްފައި ނުވާއިރު އޭއެފްސީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި މެޗުތައް ކުޅޭނެ ފައިނަލް ދަނޑެއް ހާމަކުރާނެ ކަމަށެވެ. އެހެންނަމަވެސް ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މެޗުތައް ކުޅުމުގެ ފުރުސަތު އެންމެ ބޮޑީ ރާއްޖެ ޓީމު މިހާރުވެސް ކޭމްޕް ކުރަމުންދާ ދުބާއީގައެވެ.

މެޗުތައް ކުޅޭނެ ދަނޑެއް ފައިނަލް ވުމުން އައު ޝެޑިއުލް އިއުލާނުކުރާއިރު އޭއެފްސީން އަމާޒު ހިފާފައިހުރީ ޖޫން މަހުގެ 15 ގެ ކުރިން މި ގުރޫޕުގެ ހުރިހާ މެޗެއް ނިންމުމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއަށް އަދި ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސް އާއި ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.