އުންމީދަކީ ފްރާންސްގައި އެކުގައި ކުޅުމުގެ އިތުރުން ރެއާލްގެ ޖާޒީގައި އެޓީމުގައިވެސް ކިލިއަން އެމްބާޕޭ އާއިއެކު ވަރަށް އަވަހަށް ކުޅެވުން ކަމަށް ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ބުނެފިއެވެ.

ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބެންޒެމާ ބުނީ ރެއާލްގެ ޖާޒީގައި އެމްބާޕޭ ފެނުމަށް އުންމިދު ކުރާކަމަށާއި ކުރިމަގުގައި މިކަމުގައި ވާނެގޮތެއް ބަލަން ބޭނުންވާ ކަމަށެވެ. އަދި ރެއާލަށް ކުޅޭ ކުޅުންތެރިއެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އަދި ހުނަރެއް އެމްބާޕޭގެ ގައިގައި އެބަހުރިކަމަށާއި ފްރާންސްގައި އެއްކޮށް ކުޅުމުގެ އިތުރުން އެއް ކުލަބެއްގައިވެސް އެމްބާޕޭ އާއިއެކު ކުޅެން ބޭނުންވާކަމަށް ބެންޒެމާ ވަނީ ބުނެފައެވެ.

މުޅިން އަލަށް އެމްބާޕޭ އާއިއެކު އެއް ޓީމަކުން ބެންޒެމާ މި އަހަރުގެ ޖޫން މަހު ކުޅުމަށް ތާވަލުކޮށްފައިވާ ޔޫރޯ 2020 މުބާރާތުން ފެނިގެންދާއިރު މިއީ ގާތްގަނޑަކަށް 6 އަހަރަށްފަހު ފްރާންސްގެ ގައުމީ ޓީމުން ބެންޒެމާއަށް ޖާގަ ލިބޭ ފުރަތަމަ ފަހަރެވެ.

2015 ވަނަ އަހަރު ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބެންޒެމާއަށް ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. އެކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން އެ ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅެދީފައިވާ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ބެންޒެމާ ވަނީ އެ ގައުމުގެ ޖާޒީގައި 81 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ.

ރެއާލްގެ ޖާޒީގައި އެމްބާޕޭ ފެނުމުގެ އުންމީދުގައި ބެންޒެމާ ހުރިއިރު އެމްބާޕޭގެ މިހާރުގެ ކުލަބު ޕީއެސްޖީ އާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނި 2022 ވަނަ އަހަރުއެވެ. އަދި މިހާތަނަށް އެމްބާޕޭ އާއިއެކު ޕީއެސްޖީން އައު އެއްބަސްވުމެއް ހަދާފައިނުވާއިރު މިވަގުތު ފުޓުބޯޅައިގައި ހުރި އެންމެ ކުރިމަގު އުޖާލާ ފޯވާޑްގެ އެއްބަސްވުން އައު ނުކުރެވިއްޖެނަމަ އަދި ކުރިއަށްހުރި ޓްރާންސްފަރ ވިންޑޯގައި އެމްބާޕޭ ވިއްކާ ނުލެވިއްޖެނަ، ޕީއެސްޖީއަށް މާލީ ބޮޑު ގެއްލުމެއް ވާނެއެވެ.

އެމްބާޕޭގެ ސޮއެ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު މި ރޭހުގައި ރެއާލް މެޑްރިޑުންވެސް ވަނީ ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭވެސް ދެން ކުޅެން އެންމެ ބޭނުންވަނީ ރެއާލްގެ ޖާޒީގައެވެ.