ޗައިނާގެ ދެކުނުގެ ކާރޫބާރޫބޮޑު ގުއާންޒޫ ސިޓީގައި ކުއްލިއަކަށް ކޮވިޑްކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ޚާއްސަ ހަރުކަށި ފިޔަވަޅުތައް އަޅައިފިއެވެ.

ގުއާންޒޫން އިއްޔެ އެކަނިވެސް 18 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗައިނާއިން ބުނެއެވެ.

މިކަމާ ގުޅިގެން ގުއާންޒޫއަށް ދަތުރުކުރަން އޮތް އެތައް ފްލައިޓެއް ވަނީ ކެންސަލް ކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު، އެގައުމުން އަލަށް ފެނިފައިވަނީ 27 ޕޮޒިޓިވް ކޭސްއެވެ.

އޭގެތެރެއިން 7 ކޭސްއަކީ ގައުމުން ބޭރުން އެތެރެވި ކޭސްތައް ކަމަށާއި، ދެން ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 18 މީހުން ނިސްބަތްވަނީ ގުއާންޒޫއަށް ކަމަށާއި، އަނެއް ދެމީހުން ނިސްބަތްވަނީ ފޯޝަން ސިޓީއަށް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ބަލީގެ އަލާމާތް ނެތް 22 ޕޮޒިޓިވް ކޭސްވެސް ޗައިނާއިން ފެނިފައި ވެއެވެ. ބަލީގެ އާލާމާތް ނުހުންނަ ޕޮޒިޓިވް މީހުންނަކީ ކޮވިޑްބަލީގެ މީހުން ކަމަށް ޗައިނާއިން ނުގުނައެވެ.

އައު ޕޮޒިޓިވް ކޭސްތައް ފެނިގެން ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުން ގުއާންޒޫގެ ބައިޔުން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރު ކުރުމަށް ހަމަޖެހިފައިއޮތް 519 ފްލައިޓެއްގެ ދަތުރު މިހާތަނަށް ވަނީ ކެންސަލް ކޮށްފައެވެ.

ބައިޔުން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު އެއަރޕޯޓްތަކުގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ. ކޮވިޑްބަލީގެ ހާލަތުގައިވެސް އެ އެއަރޕޯޓުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ނުވާއިރު، މިދިޔަ އަހަރު އެކަނިވެސް ބައިޔުން އެއަރޕޯޓް މެދުވެރިކޮށް 43.8 މިލިއަން ދަތުރުވެރިން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށްފައި ވެއެވެ.

ކޮވިޑް ކޭސްތައް ގުއާންޒޫއިން ފެނުމާ ގުޅިގެން، އެ ސިޓީގައި ވައިގެ މަގުންނާއި، ރޭލާއި އަދި ބަހުގައި ދަތުރުކުރާ އާންމުން ކޮވިޑްގެ ތިންދުވަސް ނުވާ ނެގަޓިވް ނަތީޖާ ދައްކަން ޖެހެއެވެ.

ގުއާންޒޫގެ ސިޓީ ސަރުކާރުން އިއްޔެވަނީ، އެ ސިޓީގެ 5 މަގެއް ހިމެނޭ ސަރަހައްދުގެ ރައްޔިތުން ގެއިން ނުނިކުމެ ތިބުމަށް އަންގާފައެވެ.

ޝަރޫރީ ޚިދުމަތްތައް ފިޔަވައި، މާރުކޭޓުތަކާއި، މުނިފޫހި ފިލުމުގެ ހުރިހާކަމެއްވެސް އިއްޔެއިން ފެށިގެންވަނީ ބަންދުކޮށްފައެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން އިއްޔެ ބުނެފައިވަނީ، ޗައިނާގައި އަލަށް ފެންނަމުންދާ ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކަކީ، އިންޑިއާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓުގެ ސަބަބުން ބަލިޖެހެމުންދާ މީހުންކަން ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް ޗައިނާއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ 91،099 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވާ ކަމަށް ބުނެފައިވަނީ 4،636 މީހުންނެވެ.