މެންޗަސްޓަރ ސިޓީ އާއިއެކު ކާމިޔާބު 10 އަހަރު ހޭދަކުރުމަށްފަހު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއެރޯ ސްޕެނިޝް ލަލީގާގެ ގަދަ ބާރޔ ބާސެލޯނާ އާއިއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

32 އަހަރުގެ ފޯވާޑް ބާސާ އާއި ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް ރަސްމީކޮށް އަގުއެރޯ ބާސާ އާއި ގުޅޭނީ އޭނާ ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޖުލައި މަހުގެ އެއްވަނަ ދުވަހު ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.

ބާސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި އެ ކުލަބާއިއެކު އަގުއެރޯ ހަދާ އެއްބަސްވުމުގެ ދަށުން 2022/2023 ވަނަ ސީޒަނާއި ހަމައަށް އޭނާ އެކުލަބުގައި މަޑުކުރާނެ ކަމަށާއި އަގުއެރޯގެ ބައި އައުޓް ކްލައުސް އެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ހަމަޖައްސާފައިވާ ކަމަށެވެ.

އަގުއެރޯ ބާސާ އާއި ގުޅެނީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން- ފޮޓޯ:- އީއެސްޕީއެން

އަގުއެރޯގެ ސޮއެ ބާސާއިން ހޯދީ އެޓީމުގެ މެއިން ސްޓްރައިކަރުގެ މަގާމަށް ކުޅެމުން އައި ލުއިސް ޝުއަރޭޒް ދޫކޮށްލުމަށްފަހު މިއަދާ ހަމައަށްވެސް އެ މަގާމު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރެވޭވަރުގެ ކުޅުންތެރިއަކު ނެތުމުންނެވެ. އަގުއެރޯ އާއިއެކު ބާސާގެ އެޓޭކިންގ ބޮޑުތަނުން ވަރުގަދަވެގެންދާއިރު އެކުލަބުގައި އަގުއެރޯ އާއި އެއް ގައުމަކަށް ނިސްބަތްވާ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ހުރުމަކީވެސް، މި ދެ ކުޅުންތެރިންގެ ގުޅުމާއިއެކު ބާސާގެ އެޓޭކުތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަކަށް ވާނެއެވެ.

2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މެންޗަސްޓަރ ސިޓީއަށް 35 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި ބަދަލުވި އަގުއެރޯ ވަނީ ސިޓީ އާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އަގުއެރޯ ވަނީ ސިޓީ އާއިއެކު ޕްރިމިއަރ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އެއްފަހަރު، އީއެފްއެލް ކަޕް ހަ ފަހަރު، ކޮމިއުނިޓީ ޝީލްޑް ތިން ފަހަރަށް ހޯދާފައެވެ.

މީގެއިތުރުން އަގުއެރޯ ވަނީ ސިޓީއަށް ކުޅެދިން 390 މެޗުން 260 ލަނޑު ކާމިޔާބުކޮށްދީ އެޓީމުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.