އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމެން އިންޗިއަކާ ގާތަށް ޖެހިލައިފިއެވެ.

ނަތަންޔާހޫގެ ވެރިކަމަށް ނިމުން އަންނާނެކަން ޔަގީނާ ގާތަށްދިޔައީ، މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ވަތަނީ ހަރުކަށި ޚިޔާލުގެ ނަފްޓަލީ ބެނެޓް، ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަނާ ބައިވެރިވާނެކަން އިއްޔެ ހާމަކުރުމާ ގުޅިގެންނެވެ.

އިސްރާއީލުގެ ޕާލަމެންޓުގައި ހިމެނޭ، ނަތަންޔާހުއާ ދެކޮޅު މެމްބަރުން މިހާރު ގެންދަނީ، ނަތަންޔާހޫ ވެރިކަމުގެ ދުރުކުރުމަށް ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރަމުން ގެންދާއިރު، ނަތަޔާހޫގެ ސިޔާސީ މުސްތަގްބަލަށް ނިމުން އަންނާނެކަން ނުވަތަ ނޫންކަން ކުރިއަށްއޮތް ދެދުވަހު ކަށަވަރުވާނެއެވެ.

ނަފްޓަލީ ބެނެޓް ކޯލިޝަނާ ގުޅިއްޖެނަމަ ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލޭނެކަން ކަށަވަރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

ނަތަންޔާހޫއާ ނުލައި ވެރިކަންކުރަން ކޯލިޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންގެންދަނީ އިސްރާއީލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ޓީވީ ޕްރެޒެންޓަރ ޔައިރު ލިޕިޑްއެވެ.

އިސްރާއީލުގެ ޕާލަމެންޓްގައި ހިމެނޭ އަރަބި ނަސްލުގެ ޕާޓީތައްވެސްއޮތީ އޭނާއާ އެކުގައެވެ. އަދި އިސްރާއީލުގެ ގިނަ ކުދި ޕާޓީތައްވެސްވަނީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށް ކޯލިޝަނާ ގުޅިފައެވެ.

ލިޕިޑްގެ ޕްލޭންގައިވާގޮތުން، އޭނާގެ ކޯލިޝަނުން އުފައްދާ ސަރުކާރުގައި ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރާނީ ނަފްޓަލީ ބެނެޓްއެވެ.

ނަފްޓަލީ ބެނެޓްގެ ޕާޓީއާއި، ޔައިރް ލިޕިޑްގެ ޕާޓީން މި ޕްލޭންގެ އެންމެ ފަހު މަޝްވަރާތައް މިހާރު ކުރިއަށް އެބަގެންދެއެވެ.

ބެންޖަމިން ނަތަންޔާހޫ މިހާރުވެސް ވެގެންގޮސްފައިވަނީ، އިސްރާއީލުގައި އެންމެ ގިނަދުވަހު ވެރިކަންކުރި ބޮޑުވަޒީރަށެވެ.

ވޭތުވެދިޔަ 2 އަހަރުތެރޭ އިސްރާއީލުގައި ހަތަރު އާންމު އިންތިޚާބު ބޭއްވިއިރުވެސް ސަރުކާރެއް އެކުލަވާލަން ބޭނުންވާ ފުރިހަމަ އަޣުލަބިއްޔަތު، ނަތަންޔާހޫއަށް ނުލިބުނެވެ. އޭނާ މިވަގުތުވެސް ހުރީ ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ.

އެންމެފަހުން މާޗްމަހު ބޭއްވި އާންމު އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދް ޕާޓިއަށް ގިނަ ގޮނޑިތައް ލިބުނު އިރުވެސް، ސަރުކާރެއް އެކުލަވާނުލެވުނެވެ.

އެއްވެސް ކަމަކާނުލައި، ފުލުހުން ފޮނުވައިގެން އަގްސާ މިސްކިތަށް ހަމަލާދިނުމާއި، ސިފައިން ލައްވައި 11 ދުވަސް ވަންދެން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި، ކުޑަކުދިންނާއި އާންމު އެތައްބަޔަކު ޝަހީދުކޮށް، ޣައްޒާ ސުންނާފަތި ކުރަންފެށީ އިސްރާއީލުގެ އާންމުންގެ ސަޕޯޓް ހޯދައި، މަގާމުގައި ދެމިހުރުމަށް ކަމަށް އިސްރާއީލުގެ ގިނަބަޔަކު ގަބޫލުކުރެއެވެ.

ނަތަންޔާހޫ މަގާމުގައި ދެމިހުރުމަށް އެހާ ބޮޑަށް މަސައްކަތް ކުރަމުންގެންދަނީ، ބޮޑުވަޒީރުކަމުގެ ވަކިވާއިރަށް އޭނާއަށް ޖަލުގެ ކުޑަގޮޅި ކަށަވަރުވާނެތީ ކަމަށްވެސް އިސްރާއީލުގެ ގިނަބަޔަކު ބުނެއެވެ.

މަގާމުގެ ނާޖާއިޒް ބެނުން ކުރުމާއި، ރިޝްވަތާއި ޚިޔާނާތުގެ އެތައް މައްސަލައެއްގައި ނަތަންޔާހޫއާ ދެކޮޅަށް ޝަރީއަތް ހިންގުމަށް މިހާރު އޮތީ ތައްޔާރުވެފައެވެ.

ބޮޑުވަޒީރުކަމުން އޭނާ ދުރުކުރަން ކޯލިޝަނެއް ހަދަމުންދާތީ، އެކަމަށް ރައްދުދީ ނަތަންޔާހޫ ބުނެފައިވަނީ، އެމީހުންގެ ޕްލޭނަކީ "އިސްރާއީލުގެ ސަލާމަތަށް ނުރައްކާތެރި" ޕްލޭނެއް ކަމަށެވެ.