މުބާރާތް ހޯސްޓު ކުރެވޭނެ ހާލަތެއްގައި އޮތް ގައުމެއް ނުފެނި ކެންސަލް ކުރުމުގެ ބިރު ހީވެފައި އޮތް ކޮޕާ އެމެރިކާ ބްރެޒިލް ގައި ބާއްވަން ނިންމައިފިއެވެ.

ސައުތް އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ގައުމީ ޓީމު ތަކުގެ މުބާރާތް މި އަހަރު ކެންސަލް ނުކޮށް ކުރިއަށްދާނެ ކަމަށެވެ.

އަދި ދަ ކޮންމެބޯލް ކޮޕާ އެމެރިކާ 2021 ކުރިއަށްދާނީ ބްރެޒިލްގައި ކަމަށާއި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ކުރިންވެސް އޮތް ގޮތަށް ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި އަހަރު ބާއްވާ ކޮޕާ އެމެރިކާއަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

މީގެ ކުރިން ތާވަލުކޮށްފައިވަނީ ކޮޕާ އެމެރިކާ އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބޭއްވުމަށެވެ. އޭރު ތާވަލުކޮށްފައި އޮތް ގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލޮމްބިއާގައެވެ. އަދި އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ކޮލޮމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ.

އެހެންނަމަވެސް ކޮލަމްބިއާގައި ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ ގައުމުގައި ކުރަމުންދާ ހަޅުތާލުގެ ސަބަބުން ކޮންމެބޯލްއިން މީގެ ކުރިން ވަނީ މި މުބާރާތް އެ ގައުމުގައި ނުބާއްވަން ނިންމާފައެވެ. އެއާއެކު ކޮޕާ އެމެރިކާގެ މުޅި މުބާރާތް އާޖެންޓީނާގައި ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް، ހޯމަ ދުވަހު ކޮންމެބޯލްއިން ވަނީ އާޖެންޓީނާގައިވެސް މުބާރާތް ނުބޭއްވޭނެކަން އިއުލާން ކޮށްފައެވެ.

ކޮވިޑުގެ ނުރައްކާ ބޮޑުވެ އާޖެންޓީނާ ސަރުކާރުން މެއި މަހުގެ ނިޔަލަށް އެ ގައުމު ލޮކްޑައުނަކަށް ދާން މީގެ ކުރިން ވަނީ ނިންމާފައެވެ. އަދި އެ އަށް ބޯލެނބުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން މެއި މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އޭރު އޭއެފްއޭއިން ހާއްސަ ހުއްދައިގެ ދަށުން ކޮޕާ އެމެރިކާ ބޭއްވުމަށް ނިންމިނަމަވެސް މިހާރު އެ ހުއްދަ ނެތުމުން މުބާރާތް ބޭއްވުމުގެ ފުރުސަތު އާޖެންޓީނާއަށްވެސް ވަނީ ގެއްލިފައެވެ.

މި މުބާރާތުގައި ބައިވެރިވާ ކުލަބުތަކަށް ބަލާއިރު ބްރެޒިލްގެ އާއި އާޖެންޓީނާ އަދި ކޮލަމްބިއާގެ އިތުރުން އެކުއެޑޯ، ޕެރޫ، ބޮލީވިއާ، ވެނެޒުއޭލާ އަދި ޗިލީ އާއި ޕެރެގުއާއިގެ އިތުރުން އުރުގުއާއި ވަނީ ބައިވެރިވާން ނިންމާފައެވެ.

މީގެއިތުރުން ހާއްސަ ދައުވަތެއްގެ ދަށުން އޮސްޓްރޭލިއާ އާއި ގަތަރަށްވެސް މުބާރާތުގައި ބައިވެރިވާން ފުރުސަތުދިން ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ޝެޑިއުލް އަށް ގެނައި ބަދަލާއެކު މި ދެ ގައުމަށް ކޮޕާ އެމެރިކާގައި ބައިވެރި ވެވޭގޮތް ވަނީ ނުވެފައެވެ.

2019 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެ މުބާރާތްވެސް ހޯސްޓުކުރި ބްރެޒިލް އިންނެވެ. ބްރެޒިލް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕެރޫގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.