ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުން އެކުލަވާލި ޔޫއެފާ ޗެމްޕިއަންސް ލީގް ސްކޮޑް އޮފް ދަ ސީޒަނުގައި، މިސްޓަރ ޗެމްޕިއަންސް ލީގުގެ ގޮތުގައި މުހާތަބުކުރެވޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ގެއްލިއްޖެއެވެ.

2020/2021 ވަނަ އަހަރުގެ ސްކޮޑް އޮފް ދަ ސީޒަނުން ރޮނާލްޑޯ އަށް ޖާގަ ގެއްލިފައިވާއިރު އޭނާ އަކި މި މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ 134 މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްފައިވާއިރު މި ސީޒަނުގައި މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގައި އޭނާ ހިމެނެނީ 4 ލަނޑާއެކު ލިސްޓުގެ 15 ވަނައިގައެވެ.

އަދި އޭނާ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސް އަށްވެސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަކިވާން ޖެހުނީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕޯޓޯގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން ކުރި ނުހޯދުމުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގް ސްކޮޑް އޮފް ދަ ސީޒަން:

  • ކީޕަރުން: ތިބައު ކޯޓުއަރ (ރެއާލް މެޑްރިޑް)، އެޑާސަން (މެންޗަސްޓަރ ސިޓީ)، މެންޑީ (ޗެލްސީ).
ސްކޮޑް އޮފް ދަ ސީޒަނުގައި ހިމެނުނު ކީޕަރުން- ފޮޓޯ:- ޔޫއެފާ
  • ޑިފެންޑަރުން: އަޒްޕްލިކެޓާ (ޗެލްސީ)، ރުބެން ޑިއާސް (މެންޗަސްޓަރ ސިޓީ)، މާކީނިއޯސް (ޕީއެސްޖީ)، ރުޑިގާ (ޗެލްސީ)، ބެން ޗިލްވެލް (ޗެލްސީ) އަލާބާ (ބަޔާން މިއުނިކް)
ސްކޮޑް އޮފް ދަ ސީޒަނުގައި ހިމެނުނު ޑިފެންޑަރުން- ފޮޓޯ:- ޔޫއެފާ
  • މިޑްފީލްޑަރުން: ޖޯޖީނިއޯ (ޗެލްސީ)، މޭސަން މައުންޓް (ޗެލްސީ)، އެންގޯލޯ ކާންޓޭ (ޗެލްސީ)، ޑީ ބްރޫނޭ (މެންޗަސްޓަރ ސިޓީ)، ގުންޑޮގަން (މެންޗަސްޓަރ ސިޓީ)، ފިލް ފޯޑަން (މެންޗަސްޓަރ ސިޓީ)، ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)، ސާޖިއޯ އޮލިވެއިރާ (ޕޯޓޯ)،
ސްކޮޑް އޮފް ދަ ސީޒަނުގައި ހިމެނުނު މިޑްފީލްޑަރުން- ފޮޓޯ:- ޔޫއެފާ
  • ފޯވާޑުން: ހާލަންޑް (ޑޯޓްމަންޑް)، ކިލިއަން އެމްބާޕޭ (ޕީއެސްޖީ)، ރޮބާޓް ލެވަންޑޮސްކީ (ބަޔާން މިއުނިކް)، ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)، ނޭމާ (ޕީއެސްޖީ)، ލިއޮނެލް މެސީ (ބާސެލޯނާ)
ސްކޮޑް އޮފް ދަ ސީޒަނުގައި ހިމެނުނު ފޯވާޑުން- ފޮޓޯ:- ޔޫއެފާ

23 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ސްކޮޑް އޮފް ދަ ސީޒަނުގައި އެންމެ ގިނައިން ހިމެނިފައިވަނީ ޗެލްސީގެ ކުޅުންތެރިންނެވެ. އެގޮތުން ޗެލްސީގެ 7 ކުޅުންތެރިއަކު މި ސްކޮޑުގައި ހިމެނޭއިރު ދެވަނައަށް އެންމެ ގިނަ ކުޅުންތެެރިން ހިމެނެނީ މެންޗަސްޓަރ ސިޓީންނެވެ. ސިޓީން 5 ކުޅުންތެރިއަކަށް މި ލިސްޓުން ޖާގަ ލިބެއެވެ.

އިނގިރޭސިވިލާތުގެ ދެ ޓީމު ކަމަށްވާ މެންޗަސްޓަރ ސިޓީ އާއި ޗެލްސީގެ ކުރިމަތިލުން ފެނިގެންދިޔަ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު 0-1 އިން ކާމިޔާބު ކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗެލްސީންނެވެ. މިއީ މި މުބާރާތް ޗެލްސީން ކާމިޔާބުކުރި 2 ވަނަ ފަހަރެވެ. މީގެކުރިން ޗެލްސީން މި މުބާރާތް ކާމިޔާބުކުރީ 2011 ވަނަ އަހަރުއެވެ.