2020 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ ހޯމަ ދުވަހު ވާޗުއަލްކޮށް ބޭއްވި އެކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއިންނެވެ.

ފާއިތުވި އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންލައިންކޮށް ނެގި ވޯޓަކުންނެވެ.

މީގެ އިތުރުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ބޭފުޅަކު އައްޔަން ކޮށްފައިވެއެވެ. މިއަހަރުވެސް ޑިރެކްޓަރުންގެ ބޯޑަށް އާންމުގެ ފަރާތުން އައްޔަންކުރީ، ފާއިތުވި ދެ އަހަރު ވެސް އެ މަގާމުގައި ހުންނެވި އައިމިނަތު ރިޝްމާއެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، މާލީ ރިޕޯޓުވެސް ފާސްކޮށްފައެވެ.