ސައުދީ އަރަބިއްޔާގެ މިސްކިތްތަކުން ބަންގި ގޮވާއިރު، ލައުޑްސްޕީކަރުތަކުގެ ވޮލިއުމް ދަށްކޮށް ބަހައްޓަން މިސްކިތްތަކަށް އެންގި އެންގުން ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޝައިޚް އަބްދުއްލަތީފް އައްޝައިޚް ދިފާއުކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ، ބަންގި ގޮވާއިރު، ލައުޑްސްޕީކަރުގެ އަޑު ދަށްކުރަން އެންގެވީ، އުމުރުން ދުވަސްވީ މީހުންނާއި އަދި ކުޑަކުދިންނަށްވެސް ރޭގަނޑު ނިދަން އުނދަގޫވެ މައިބަފައިންގެ ފަރާތުން އެކަމުގެ ޝަކުވާތަކެއް ލިބެމުންއަންނާތީ ކަމަށެވެ.

ބަންގި ގޮވާއިރު، މިސްކިތްތަކުގެ ލައުޑްސްޕީކަރުގެ އަޑު، ޖުމްލަ ވޮލިއުމްގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަތިކޮށްގެން ނުވާނެ ކަމަށް، ސައުދީ އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އަންގައި، ސާކިއުލާއެއް ނެރެފައިވަނީ މިދިޔަ ހަފްތާގައެވެ.

ސާކިއުލާގައި ބުނެފައިވަނީ، މިސްކިތުގެ ބޭރަށް އަޑު އިވޭގޮތަށް ހަރުކޮށްފައިވާ ލައުޑްސްޕީކަރުތަކުގެ ވޮލިއުމް ތިންބައިކުޅަ އެއްބައިގައި ބަހައްޓައިގެން ބަންގި ގޮވައި ނިމުމާއެކު، ސްޕީކަރުތައް އޮފްކޮށްލަން ޖެހެނޭ ކަމަށެވެ.

ބަންގިއަށްފަހު، ގަމައްދޭއިރުގައާއި، ނަމާދުތައް ކުރާ އިރުގައާއި އަދި ހުތުބާ ކިޔާއިރުވެސް ލައުޑްސްޕީކަރު ބޭނުން ކުރުމުގެ ބަދަލުގައި ބޭނުންކުރާނީ މިސްކިތުގެ އެތެރެއަށް އަޑުއިވޭ ގޮތަށް ހަރުކޮށްފައިވާ ސްޕީކަރު ސިސްޓަމްތައް ކަމަށެވެ.

ނަމަވެސް، ބޮޑެތި ފާޑުކިއުންތަކާއި، އެތައް ބައެއްގެ ނުރުހުން އަމާޒުވާން ފެށުމުން ކުރިން ނެރުނު ސާކިއުލާ އިސްލާހްކޮށް އާދީއްތަދުވަހު ވަނީ އައު ސާކިއުލާއެއް ނެރެފައެވެ.

އޭގައި ބުނެފައިވަނީ، ހުކުރު ނަމާދާއި، ދެޢީދު ދެނަމާދު ކުރާއިރު، މިސްކިތްތަކުގެ ބޭރުގައި ސަފު ހަދައިގެންތިބޭ މީހުންނަށް ނަމާދުގައި ކިޔާ ތަކެއްޗާއި، އަދި ޚުތުބާގެ އަޑުއިވޭ ގޮތަށް، އެމީހުންނާ ދިމާއަށްވާ ގޮތަށް ސްޕީކަރުތަކެއް ހަރުކޮށްގެން ބޭނުން ކުރެވިދާނެ ކަމަށެވެ.

މިނިންމުންތަކަށް ވަގުތުން އަމަލު ކުރުމަށް، ސައުދީ އަރަބިއްޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހުންނަ މިސްކިތްތަކަށް، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، ކޯލް އެންޑް ގައިޑެންސްގެ ސާކިއުލާގައި އަންގާފައި ވެއެވެ. އަދި އެކަން ތަންފީޒް ކުރަމުންދާ މިންވަރު ބަލަމުންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި އެންގުމާ ގުޅިގެން ސައުދީ އަރަބިއްޔާގެ ގިނަ މިސްކިތްތަކުން ބަންގި ގޮވާ ގަޑީގައި ބަންގީގެ އަޑު އިވުނު ނަމަވެސް، އޭގެފަހުން މިސްކިތްތަކުން އެއްވެސް އަޑެއް ނީވޭކަމަށް، އާންމުންނާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ސަރުކާރުން އެންގި ނަމަވެސް، ބައެއް މިސްކިތްތަކުން ބަންގީގެ އަޑު ކުރިންވެސް އިވޭގޮތަށް އިވޭ ކަމަށާއި، އަދި ނަމާދުކުރާ އަޑުވެސް ލައުޑްސްޕީކަރުތަކުން ބޭރަށް އިވެމުންދާ ކަމަށް ބުނެފައި ވެއެވެ.

ސައުދީ ސަރުކާރުގެ އަލްއަޚްބާރިއްޔާއިން ހޯމަދުވަހު އާންމުކުރެއްވި ވީޑިއޯއެއްގައި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޝައިޚް އަބްދުއްލަތީފް އައްޝައިޚް ވިދާޅުވީ، މިސްކިތްތަކުގެ ލައުޑްސްޕީކަރުގެ އަޑު ވަރަށް ގަދަކޮށް ހުންނާތީ ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ފަރާތުންނާއި، ކުޑަކުދިންނަށް ނިދަން އުނދަގޫވާތީ އެކުދިންގެ މައިންބަފައިންގެ ފަރާތުން އެތައް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

"ނަމާދުކުރަން ބޭނުންވާ މީހަކު އިމާމު އެކަމަށް ގޮވާލާ އަޑުއިވެންދެން މަޑުކުރާކަށް ނުޖެހޭނެ. އެމީހުން އޭގެކުރިން ތިބެންޖެހޭނީ މިސްކިތުގައި. އެހެންނޫނަސް، އެތައް ޓީވީ ޗެނަލަކުންވެސް ބަންގި ގެނެސްދޭ" އިސްލާމިކް އެފެއަރޒް މިނިސްޓަރ ޝައިޚް އަބްދުއްލަތީފް އައްޝައިޚް

ލައުޑުސްޕީކަރުން ބަންގި ގޮވާއަޑު ދަށްކުރަން ސައުދީ ސަރުކާރުން ނިންމި ނިންމުމަށް ޓްވިޓާގައި އުޅޭ ސައުދީ އަރަބިއްޔާގެ ބައެއް އާންމުން ވަނީ ތާއީދުކޮށްފައެވެ.

އެހެން ނަމަވެސް، އަނެއްބައި މީހުން ބުނެފައިވަނީ ބަންގީގެ އަޑާއި، ނަމާދުގެ ވަގުތުތަކުގައި މިސްކިތުން ގުރުއާން ކިޔަވާ އަޑަކީ ހިތަށް ހަމަޖެހުން ގެނެސްދޭ އަޑުތަކެއް ކަމަށާއި، މަދު ބަޔަކަށް އުނދަގޫވާތީ އެއަޑުތައް ކަނޑުވާލުމުން ހިތާމަކުރާ ކަމަށެވެ.

ބަންގީގެ އަޑު މަޑުކުރަން އެންގި އެންގުމާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުންދާ މީހުންނަށް ނިސްބަތް ކުރައްވައި، އިސްލާމިކް އެފެއަރޒް މިނިސްޓަރ ޝައިޚް އަބްދުއްލަތީފް އައްޝައިޚް ވިދާޅުވީ، އެއީ މަސްލަހަތު ނަގާލަންއުޅޭ މީހުން ކަމަށެވެ. އެއީ، ސައުދީ އަރަބިއްޔާގެ ދުޝްމަނުން ކަމަށެވެ.

ބަންގި ގޮވާވަގުތު މިސްކިތްތަކުގެ ލައުޑްސްޕީކަރުތަކުގެ ވޮލިއުމް ދަށްކުރަން އެންގި ސާކިއުލާގައި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ، އެނިންމުން ނިންމާފައިވަނީ، ކީރިތި ގުރުއާނާއި، ރަސޫލާގެ ހަދީޘްފުޅުތަކާއި، އިސްލާމީ ޝަރީއަތާއި، ޢިލްމުވެރިންގެ ފަތުވާތަކުގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ.

ބަންޑީގެ އަޑު މަޑުކޮށްލި އިރު، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ މޭސްތިރިކަމުގެ ދަށުން، ސައުދީ މުޖުތަމައު ދުނިޔެއަށް ހުޅުވާލަން ފަށާފައިވާ އިސްލާހީ މަސައްކަތުގެ ދަށުން ސައުދީ އަރަބިއްޔާގައި މިހާރުވަނީ މިއުޒިކުގެ އަޑު ގަދަވެފައެވެ. މިއުޒިކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ކަންކަން ގެންދަނީ ފުޅާކުރަމުންނެވެ. އެކަމުގެ ތެރެއަށް ޒުވާނުން ގެންދަނީ ވައްދަމުންނެވެ.