ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން، ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވަނީ އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ގިނަ ދަރިވަރުންތަކެއްގެ ކިޔެވުން އެއްކޮށް ހުއްޓި، ދަރިވަރުން ގޮތް ހުސްވެފައިވާ ވަގުތެއްގައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ރާއްޖޭގައި އައު ފްލައިން ސްކޫލެއް ގާއިމްކުރަން ނިންމާފައިވާކަމަށާއި، ތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

ފްލައިން ސްކޫލް ހިންގުމަށް ހޯދަނީ މިފަދަ ފްލައިން ސްކޫލެއް ހިންގުމުގެ މާލީ ގާބިލްކަން ހުރި، ފްލައިން ސްކޫލެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތްތައް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް މި ފުރުސަތު ހުޅުވަލާފައިވާކަމަށާއި، ފްލައިން ސްކޫލް ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ރެޖިސްޓަރ ވުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، [email protected] އީމެއިލްއަކުން ފޮނުވުމުން ރެޖިސްޓަރ ވެވޭނެ ކަމަށެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފަހު ތާރީޚަކީ އަންނަ ޖޫން 10 ވަނަ ދުވަހުގެ މެންދަމު 00:00 ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހިންގުމުގައި ހުރި ގިނަ މައްސަލަތަކެއްގެ ސަބަބުން އެތަނުގައި ކިޔަވާ ދަރިވަރުންނަށާއި، އާއިލާތަކަށް ވަނީ އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ ދަރިވަރުންގެ ކިޔެވުން އެހެން ސްކޫލަކުން ކުރިއަށްގެންދިއުން ކަމަށް ދެ މިނިސްޓަރުން ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ލަފާ ދެއްވާފައެވެ. މިމައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނާއި، މަތީ ތަޢުލީމާބެހޭ ޤާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީއަށާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އެޅިދާނެ ފިޔަވަޅުތައް އެޓާނީ ޖެނެރަލްގެ ލަފާގައި ވަނީ ފާހަގަކޮށްފައެވެ.