ޔޫރަޕް ފުޓުބޯޅައިގެ ގަދަބާރު، ސްޕެއިންގެ ރެއާލް މެޑްރިޑުން އެކުލަބުގެ ކޯޗު ކަމުގެ މަގާމަށް މިވަގުތު ޕްރިމިއަރ ލީގުގެ އެވަޓަން އަށް އިރުޝާދުދެމުން އަންނަ ކޯޗް ކާލޮސް އެންޗެލޯޓީ ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ސްޕެއިންގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ފުޓުބޯޅަ ޚަބަރުތަކަށް ހާއްސަ ސްޕެއިން މީޑިއާއެއް ކަމަށްވާ މާސާ އިން ހާމަކޮށްފައިވާ ގޮތުގައި ރެއާލްގެ ވެރިން އެންމެ ބޭނުންވަނީ އެންޗެލޯޓީ މި މަގާމަށް ގެނައުމަށެވެ. އެހެންނަމަވެސް އެކުލަބުން ފާރަ ލަމުންދާ ކޯޗުންގެ ތެރޭގައި ޕީއެސްޖީގެ ކޯޗް، މައުރީސިއޯ ޕޮޗެޓީނޯ އާއި އިންޓަރ މިލާނަށް މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްދިން އެންޓޯނިއޯ ކޮންޓޭގެ އިތުރުން ރެއާލްގެ ކަސްޓިއާ ޓީމަށް އިރުޝާދު ދެމުން އަންނަ އެކުލަބުގެ ލެޖެންޑް ރައުލް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ޕޮޗެޓީނޯ ދޫކޮށްލަން ބޭނުން ނުވާއިރު ރެއާލްގެ ބައެއް ވެރިން ދެކޭގޮތުގައި ކޮންޓޭ އާއި ރެއާލް އާއި ދެމެދުގައި އެންމެ އެކަށީގެންވާ ގުޅުމެއް ނޯވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ރައުލް އަދި ޓޮޕް ލެވެލްގައި ރެއާލްގެ ސީނިއާ ޓީމަށް އިރުޝާދު ދިނުމަށް ތައްޔާރު ނުވެވޭކަމަށް ގަބޫލުކުރެވޭތީވެ، ރެއާލް އިން އެންމެ ބޮޑަށް ބޭނުންވަނީ އެޓީމާއެކު މީގެކުރިންވެސް ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކޯޗް އެޓީމަށް ގެނައުމަށެވެ.

އެންޗެލޯޓީ ރެއާލް އަށް އިރުޝާދުދިނީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށެވެ. ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެންޗެލޯޓީ ރެއާލްގެ ކޯޗުކަމާއި އެފަހަރު ހަވާލުވީ އެޓީމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިވުމާއި ގުޅިގެންނެވެ. އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ ކޮޕާ ޑެލްރޭ އާިއ، ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލްގެ ކޯޗުކަމުން ވަކިވުމަށްފަހު އެންޗެލޯޓީ ވަނީ ފުޓުބޯޅައިގަ ފާހަގަ ކޮށްލެވޭ ކުލަބުތަކަކަށް އިރުޝާދުދީފައެވެ. އެއީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި އިޓަލީގެ ނާޕޯލީގެ އިތުރުން އިނގިރޭސިވިލާތުގެ އެވަޓަން އެވެ.

ރެއާލް އިން ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނި ދާދިފަހުން އެޓީމުގެ ކޯޗުކަމުން ވަކިވާން ޒައިނެއްދީން ޒިދާން ނިންމުމާއި ގުޅިގެންނެވެ. ރެއާލްގެ ކޯޗުކަމުން ޒިދާން ވަކިވާން ނިންމީ އެކުލަބުގެ މެނޭޖްމަންޓުން އޭނާއަށް ކުރާ އިތުބާރު ގެއްލުމާއި ގުޅިގެންކަމަށް އެކުލަބުގެ ސަޕޯޓަރުންނަށް ޒިދާން ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

މި ސީޒަނަށްފަހު ޒިދާން ރެއާލް ދޫކޮށްލިއިރު، މީގެ ކުރިން ރެއާލުން ވަނީ ޒިދާނުގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، އެ ފަހަރު ވަނީ ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އެ މުއްދަތުގައި ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދިން ނަމަވެސް، އެ ފަހަރު ޒިދާން ވަނީ ކުއްލި ގޮތަކަށް ރެއާލް ދޫކޮށްލާފައެވެ.

އޭގެ ފަހުން ޒިދާން ދެވަނަ ފަހަރަށް ރެއާލާ ގުޅުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.