ޗައިނާގެ ސިނޮވެކް ކުންފުނިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިންވެސް އިމަޖެންސީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމްއިޢްޔާއިން މިއަދު ދީފިއެވެ.

މިއީ، ޑަބްލިޔޫއެޗްއޯން ހުއްދަދިން ޗައިނާގެ ދެވަނަ ވެކްސިނެވެ. މިދިޔަމަހު ޑަބްލިޔޫއެޗްއޯއިންވަނީ ޗައިނާގެ ސިނޮފާރމް ވެކްސިނަށް ހުއްދަދީފައެވެ.

ދެވަނައަށް ހުއްދަދިން ސިނޮވެކް ކޮވިޑް ވެކްސިނަކީވެސް ދެޑޯޒް ދޭންޖެހޭ ވެކްސިނެކެވެ. އެ ވެކްސިންގެ ނަމަކީ "ސިނޮވެކް-ކޮރޯނާވެކް" އެވެ.

ސިނޮވެކް ވެކްސިން ރިވިއު ކުރުމަށްފަހު ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަނުންވަނީ، އެ ގްރޫޕްގެ ރެކޮމެންޑޭޝަން އާންމުކޮށްފައެވެ.

އެކްސްޕާޓުން ރެކޮމެންޑް ކޮށްފައިވަނީ، ސިނޮވެކް ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ. އެއްޑޯޒް ދޭތާ ދެހަފްތާ ނުވަތަ ހަތަރު ހަފްތާފަހުން ދެވަނަ ޑޯޒް ދިނުމަށްވެސް ރެކޮމެންޑް ކޮށްފައި ވެއެވެ.

ސިނޮވެކް ވެކްސިން ބަލިން ދިފާއުކޮށްދޭ މިންވަރާ ގުޅޭ ޓެސްޓުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އެކްސްޕާޓުންގެ ގްރޫޕުން ވިދާޅުވެފައިވަނީ، މި ވެކްސިންޖަހާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުން 51 އިންސައްތަ ދުރުކޮށްދޭ ކަމަށާއި، ބަލީގެ ހާލަތު ގޯސްވުމާ ދުރުކޮށްދޭ ކަމަށާއި، ދިރާސާކުރެވުނު މީހުންގެ 100 އިންސައްތަ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތަށް ނުދާކަމަށްވެސް ބުނެފައި ވެއެވެ.

މިވެކްސިން ޗައިނާގެ އިތުރުން، ދުނިޔޭގެ އެތައް ގައުމެއްގައި މިހާރުވެސް ބޭނުން ކުރަމުން އެބަގެންދެއެވެ. އޭގެ ތެރޭގައި ޗިލީ، ބްރެޒިލް، އިންޑޮނޭޝިޔާ، މެކްސިކޯ، ތައިލެންޑް އަދި ތުރުކީފަދަ ގައުމުތައް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނޮވެކް-ކޮރޯނާވެކް ކޮވިޑް-19 ވެކްސިން، އިމަޖެންސީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ މިއަދު ދެވިފައިވާ ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން އިމަޖެންސީ ހުއްދަ ދިނުމުގެ ސަބަބުން، ސިނޮވެކް ވެކްސިން ގަންނަން ބޭނުންވާ ގައުމުތަކާއި، އެކަމަށް ފަންޑުކުރާ އަދި ވެކްސިން ގަންނަން ބޭނުންވާ އެހެން ފަރާތްތަކަށް، އެ ވެކްސިނަކީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ރައްކާތެރި އަދި ކޮވިޑްބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމުގެ ޔަގީންކަން ލިބިގެންދިޔައީއެވެ.

އަދި މިއީ، ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީ، ވެކްސިން ގަނެ އެތެރެކުރުމަށް ގައުމުތަކަށްވެސް މަގުފަހިވެގެންދާ ކަމެކެވެ.

ޚާއްސަކޮށް ވެކްސިންގެ ރައްކާތެރިކަން ބަލާނެ ބައިނަލްއަގްވާމީ މިންގަނޑަށްފެތޭ ވަސީލަތް ނެތް ގައުމުތަކަށް ޑަބްލިޔޫއެޗްއޯގެ ބަސް ވަރަށް މުހިންމެވެ.

ކޮވިޑްބަލިން ސަލާމަތްވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންގެ ތެރެއިން ޑަބްލިޔޫއެޗްއޯއިން މިހާތަނަށް ހުއްދަދީ، އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމާފައިވަނީ، ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިން، މޮޑަނާގެ ވެކްސިން، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން، އިންޑިއާ، ދެކުނު ކޮރެއާ އަދި އީޔޫގައި އުފައްދަމުން ގެންދާ އެސްޓްރަޒެނެކާގެ ވެކްސިންތަކެވެ. މިއީ، ވަކިވަކި ހުއްދަތަކެވެ.

މީގެ އިތުރުން، ދެން ލިސްޓުގައި ހިމެނެނީ، މިއަދު ހުއްދަދިން ޗައިނާގެ ސިނޮވެކް ވެކްސިންގެ އިތުރުން، ކުރިން ހުއްދަދިން ސިނޮފާރމް ވެކްސިނެވެ.

ޗައިނާގެ ސިނޮވެކް ވެކްސިނަކީވެސް ޑަބްލިޔޫއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގައި ބައިވެރިވާ ވެކްސިނެކެވެ. އެހެންކަމުން، ކޮވެކްސް ފެސިލިޓީގެ ތެރެއިން މި ވެކްސިން ދުނިޔޭގެ އެތައް ގައުމަކަށް ވަރަށް އަވަހަށް ފޮނުވަން ފަށާނެ ކަމަށް ވެއެވެ. ވެކްސިން ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށްވެސް ބެލެވިފައި ވެއެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް މިހާރު ފޮނުވަން ގެންދަނި އެންމެ ދެ ވެކްސިނެވެ. އެއީ، އެސްޓްރަޒެނެކާއާއި، ފައިޒަރގެ ވެކްސިން އެކަންޏެވެ.