ޔޫރަޕް ފުޓުބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑުގެ ކޯޗަކަށް އެ ކުލަބަށް މީގެކުރިންވެސް އިރުޝާދުދީފައިވާ އިޓަލީގެ ކާލޯ އެންޗެލޯޓީ ހަމަޖައްސައިފިއެވެ.

ރެއާލް އާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެންޗެލޯޓީ އެޓީމާއި އަލުން ހަވާލުވީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކޯޗުކަމާއި އޭނާ ހަވާލުވީ ކުރިން އެޓީމަށް އިރުޝާދުދިން ކޯޗް، ޒައިނެއްދީން ޒިދާން މަގާމުން އިސްތިއުފާދިނުމާއި ގުޅިގެންނެވެ. ޒިދާން މަގާމުން އިސްތިއުފާ ދިނީ ކުލަބުގެ މެނޭޖްމަންޓުން އޭނާއަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެކަމަށް ބުނެއެވެ.

ރެއާލާއިއެކު އެންޗެލޯޓީ އެއްބަސްވުމަކަށް އައިސްފައިވާއިރު އޭނާ މީގެކުރިން ދިޔައީ އެވަޓަން އަށް އިރުޝާދުދެމުންނެވެ. ރެއާލް އަށް ސޮއެކުރުމާއެކު އެވަޓަންގެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު އެވަޓަންގެ ކޯޗުކަމާއި އޭނާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެވަޓަން ދޫކޮށްލަން އެންޗެލޯޓީ ނިންމިއިރު ކޮންޓްރެކްޓުގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.

އެވަޓަންގެ ވެބްސައިޓުގައި އެންޗެލޯޓީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުލަބުގައި ހޭދަކުރި މުއްދަތުގައި ކުލަބުގެ ޑިރެކްޓަރުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެދެނީ އެވަޓަން އަށް ކާމިޔާބީ ކަމަށާއި ވަކިވާން ނިންމީ މިއީ އޭނާ އަށާއި އޭނާގެ އާއިލާއަށް އެންމެ ރަނގަޅުގޮތް ކަމަށް ދެކިގެން ކަމަށެވެ.

އެންޗެލޯޓީ ރެއާލް އަށް އިރުޝާދުދިނީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށެވެ. ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެންޗެލޯޓީ ރެއާލްގެ ކޯޗުކަމާއި އެފަހަރު ހަވާލުވީ އެޓީމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިވުމާއި ގުޅިގެންނެވެ. އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ ކޮޕާ ޑެލްރޭ އާިއ، ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލްގެ ކޯޗުކަމުން ވަކިވުމަށްފަހު އެންޗެލޯޓީ ވަނީ ފުޓުބޯޅައިގަ ފާހަގަ ކޮށްލެވޭ ކުލަބުތަކަކަށް އިރުޝާދުދީފައެވެ. އެއީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި އިޓަލީގެ ނާޕޯލީގެ އިތުރުން އިނގިރޭސިވިލާތުގެ އެވަޓަން އެވެ.