މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކުރަމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ގއ. ދާންދަޫ އަދި ހަމަ އެ އަތޮޅު ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެގޮތުން މި ދެ ރަށުގެވެސް ސަބް ބޭސް ތައްޔާރުކުރުން ނުވަތަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިޓާޒް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވިއިރު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހީމެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- ޔޫތް މިނިސްޓްރީ

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދެއްވަދޫ ދަނޑުގެ މަސައްކަތް މިޓާޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 2،301،988.86 (ދެ މިލިއަން ތިންލައްކަ އެއްހާސް ނުވަސަތޭކަ އަށްޑިހަ އަށެއް) ރުފިޔާއަށެވެ. އަދި ދާންދޫ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،359،807.33 (ދެ މިލިޔަން ތިން ލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ހަތެއް) ރުފިޔާއަށެވެ. މި ދެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ވެސް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކޮންޓްރެކްޓްގައި ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ. އަދި މިހާތަނަށް 40 ށްވުރެ ގިނަ ރަށުގެ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު މި އަހަރު ނިމުމުގެ ކުރިން ގިނަ ދަނޑުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.